އެމެރިކާއިން އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް އެޅިނަމަވެސް، އީރާނާއެކު ކުރާ ވިޔަފާރި ހުއްޓާނުލާނޭ ކަމަށް ޕާކިސްތާނުން ބުނެފިއެވެ.
ޕާކިސްތާނު ސަރުކާރުގެ ޚާރިޖިއްޔާއިން މިއަދު ބުނެފައިވަނީ، އެމެރިކާއިން އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް އެޅުމަކީ ޕާކިސްތާނު އެއަށް އަމަލުކުރަންޖެހޭ ކަމެއް ނޫން ކަމަށާއި، ޕާކިސްތާނާއި އީރާނާ ދެމެދު އޮންނަ ވިޔަފާރީގެ ގުޅުންތައް ދެމިއޮންނާނޭ ކަމަށެވެ.
ޕާކިސްތާނުން ބުނެފައިވަނީ، އެމެރިކާއިން ކިތަންމެ ޕްރެޝަރެއް ކުރިނަމަވެސް، ބައިނަލްއަގްވާމީ ގާނޫނުތަކާއި، ދެގައުމުގެ ދެމެދުގައި ހެދިފައިވާ އެއްބަސްވުންތަކާ އެއްގޮތަށް އީރާނާއެކު ވިޔަފާރި ކުރިއަށް ގެންދާނެ ކަމަށެވެ.
އީރާނާއި ޕާކިސްތާނާ ދެމެދު މިދިޔަ މާލީއަހަރު ކުރި ވިޔަފާރީގެ އަގު 3.1 ބިލިއަން އެމެރިކާ ޑޮލަރަށް އަރައެވެ. އީރާނުގެ ވިޔަފާރީގެ އެންމެބޮޑު 5 ބައިވެރިންގެ ތެރޭގައި ޕާކިސްތާނު ހިމެނެއެވެ.
އެމެރިކާ ސަރުކާރުން މިހާރުވަނީ، އިގްތިސާދީގޮތުން އީރާނަށް ދަތިކޮށް އީރާނު ނިކަމެތިކޮށްލުމަށް މަސައްކަތް ފަށާފައެވެ. އޭގެދަށުން، އީރާނާ ދެކޮޅަށް އިގްތިސާދީ ދަތިކުރުމުގެ ވަރުގަދަ އެތައް ފިޔަވަޅުތަކެއް އަޅަން ނިންމައި އެކަން މިހާރުވަނީ އިއުލާންވެސް ކޮށްފައެވެ.
އެމެރިކާ ސަރުކާރުން އިންޒާރުކޮށްފައިވަނީ، އީރާނާއެކކު ވިޔަފާރިކުރާ ގައުމުތަކަށް އެމެރިކާގެ އަދަބާ ކުރިމަތިލާންޖެހޭނޭ ކަމަށެވެ. އެކަމަކު، އީރާނަށް ދަތިކުރަން އެމެރިކާއިން މިހާތަނަށް ކުރި މަސައްކަތް އެދެވޭ ގޮތެއްގައި ކުރިއަށް ގޮސްފައެއް ނުވެއެވެ. އެކަމުން އީރާނަށް ކުރި މާބޮޑު އަސަރެއްވެސް ނެތެވެ.
ޕާކިސްތާނު އަސްކަރިއްޔާގެ ވެރިޔާ ފީލްޑް މާޝަލް އާސިމް މުނީރު މިމަހުގެ 24 ވަނަ ދުވަހު ތެހެރާނަށް ވަޑައިގަތުމާއި، އުމާނުގެ ވެރިން ތެހެރާނަށް ވަޑައިގަތުމާއި އަދި ގަތަރުގެ ބޮޑުވަޒީރު އަދި ޚާރިޖީ ވަޒީރު މިއަދު ތެހެރާނަށް ވަޑައިގަތުން، މަސްރަހް ދިރާސާކުރާ ފަރާތްތަކުން ސިފަކުރަނީ އެމެރިކާއަށްދޭ މެސެޖެއްގެ ގޮތުގައެވެ.
އިގްތިސާދީގޮތުން ދަތިކޮށް އީރާނު އިނދަޖައްސާލަން އެމެރިކާއިން މަސައްކަތް ކުރި ނަމަވެސް، ސަރަހައްދުގެ ގައުމުތަކުން އެކަމަށް ފުރުސަތު ނުދޭނޭކަމަށް އިޝާރާތްކުރާ ކަމަށްވެސް ބުނެއެވެ.
އިގްތިސާދީގޮތުން އީރާނު ފިއްތާލަން އެމެރިކާއިން ގެންގުޅޭ ސިޔާސަތުގެ ސަބަބުން އީރާނަށް ކުރާ އަސަރު ކުޑަވެ، ސަރަހައްދުގެ އަމާންކަން ގެއްލިގެން ހިންގައިދާނެކަމުގެ ބިރު ސަރަހައްދުގެ ގައުމުތަކުގެ މެދުގައި އުފެދިފައިވާ ކަމަށް، ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.
އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތައް އަޅައި އީރާނު އިނދަޖައްސާލަން އެމެރިކާއިން މަސައްކަތް ފެށީ، ހަނގުރާމަކޮށްގެން އީރާނު ބަލި ނުކުރެވުމުންނެވެ.



