ބޯޓު ގަތުމުގެ ހިޔާނާތާ ގުޅިގެން ނާމާލް ރާޖަޕަކްސަ ހައްޔަރުކޮށްފި
ދެންމެ | 05 ސެޕްޓެމްބަރ 2026

ސްރީ ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ދަރިކަލުން އަދި ގާނޫނު ހަދާ މަޖިލީހުގެ މެންބަރު ނާމާލް ރާޖަޕަކްސަ، 2013 ވަނަ އަހަރު އެއާބަސް ބޯޓުތަކެއް ގަނެފައިވާ މައްސަލައެއްގެ ތަހުގީގާ ގުޅިގެން އެ ގައުމުގެ އެންޓި-ކޮރަޕްޝަން އެޖެންސީން މިއަދު ހައްޔަރުކޮށްފި އެވެ.

”ނިއުސް ވަޔާ“އިން ރިޕޯޓުކުރި ގޮތުގައި ސްރީލަންކާގެ އެންޓި-ކޮރަޕްޝަން ކޮމިޝަނުން ނާމާލް ހައްޔަރުކޮށްފައި ވަނީ، 2013 ވަނަ އަހަރު ސްރީލަންކަން އެއާލައިނަށް އެއާބަސް މަތިންދާބޯޓު ގަތުމުގެ މުއާމަލާތާ ގުޅިގެން ސުވާލުކުރުމަށް ހާޒިރުކޮށް، ފަސް ގަޑިއިރަށްވުރެ ދިގު މުއްދަތަކަށް ސުވާލުކުރުމަށްފަހެވެ.

ކޯޓަށް މައުލޫމާތު ދެމުން އެ ކޮމިޝަނުން ބުނީ، ނަމާލް މި ފައިސާ ފޮނުވާފައިވަނީ ސިންގަޕޫރުގެ ދެ ބޭންކު އެކައުންޓެއް މެދުވެރިކޮށް، ލަންކާގެ ވިޔަފާރިވެރިއެއް މެދުވެރިވެގެން ކަމަށެވެ. ނާމާލްގެ ވަކީލު ނިޝާންތަ ދަޔާނަންދަ ވަނީ ކަފާލާތުގެ ދަށުން ނަމާލް ދޫކޮށްދިނުމަށް ވެސް އެދިވަޑައިގެންފަ އެވެ. ނަމަވެސް ކޯޓުން ވަނީ އެކަން ގަބޫލުނުކޮށްފަ އެވެ.

ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސައާ ވެސް މެއި މަހު އެންޓި-ކޮރަޕްޝަން ކޮމިޝަނުން ވަނީ މަތިންދާބޯޓު ގަތުމާ ގުޅޭ ތުހުމަތުތަކުގައި ސުވާލުކޮށްފަ އެވެ. ރާޖަޕަކްސަގެ އާއިލާއިން ރިޝްވަތު ހިފި ކަމަށް އިންކާރުކޮށް، އެ އާއިލާގެ މެންބަރުންގެ މައްޗަށް ކުރެވޭ ކޮރަޕްޝަނުގެ ތުހުމަތުތަކަކީ ސިޔާސީ މަގުސަދެއްގައި ކުރެވޭ ތުހުމަތުތަކެއް ކަމަށް ބުނެ އެވެ.

ސްރީލަންކަން އެއާލައިންސަށް ގާތްގަނޑަކަށް ދެ ބިލިއަން ޑޮލަރުގެ ގެއްލުންވެ، ދަރަނިވެރިވެފައި ވާއިރު އެއާލައިން ޕްރައިވެޓައިޒް ކުރުމަށް ތަކުރާރުކޮށް ކުރި މަސައްކަތްތައް ވެސް ވަނީ ނާކާމިޔާބުވެފަ އެވެ.

އެމެރިކާ، އިނގިރޭސިވިލާތް އަދި ފްރާންސްގެ ކަމާބެހޭ ފަރާތްތަކުން ކުރިން ހިންގި ގުޅިފައިވާ ތަހުގީގަކުން ދެއްކި ގޮތުގައި، އެއާބަސްއިން ވަނީ ލަންކާގައި ރިޝްވަތުގެ ގޮތުގައި ގާތްގަނޑަކަށް 16 މިލިއަން ޑޮލަރު ދިނުމަށް އެއްބަސްވެފަ އެވެ. މީގެ ތެރޭގައި، މި މައްސަލަ ފަލީހަތްވުމުގެ ކުރިން ޗަންދުރަސޭނާއަށް ފޮނުވި 1.7 މިލިއަން ޑޮލަރު ހިމެނެ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!