ޕީއެންސީގެ މަތީ މަޖިލީހުގެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އެ ޕާޓީން ބުނީ މަގާމުތަކަށް ކުރިމަތިލާން ހުށަހެޅޭނެ ފަހު ތާރީހަކީ އަންނަ އަންގަރާ ދުވަހުގެ ނިޔަލަށް ކަމަށާއި ހުށަހަޅަންޖެހެނީ އޮންލައިންކޮށް ކަމަށެވެ.
ޕާޓީގެ އަސާސީ ގަވާއިދުގައި ކަނޑައަޅާފައިވާ ގޮތަށް، ޕާޓީގެ މަތީ މަޖިލިސް ބާއްވަން ނިންމާފައި ވަނީ މި މަހުގެ 15 އިން 18 އަށެވެ.
މަތީ މަޖިލީހުގައި އިންތިހާބުކުރާ މަގާމުތަކާއި އިންތިހާބު ކުރެވޭނެ އަދަދު:
ޕާޓީގެ ނައިބު ރައީސް: 6 މެމްބަރުން
މެމްބަރުންގެ މަޖިލީހުގެ މެމްބަރުން: 18 މެމްބަރުން
މެމްބަރުންގެ މަޖިލީހުގެ އަންހެން މެމްބަރުން: 10 މެމްބަރުން
މެމްބަރުންގެ މަޖިލީހުގެ ޒުވާން މެމްބަރުން: ހަތް މެމްބަރުން
އަންހެނުންގެ ހަރާކާތުގެ ރައީސް: އެއް މެމްބަރަކު
އަންހެނުންގެ ހަރާކާތުގެ ނައިބު ރައީސް: އެއް މެމްބަރަކު
އަންހެނުންގެ ހަރާކާތުގެ ސެކްރެޓަރީ: އެއް މެމްބަރަކު
އަންހެނުންގެ ހަރާކާތުގެ ހަޒާންދާރު: އެއް މެމްބަރަކު
ޒުވާނުންގެ ހަރާކާތުގެ ރައީސް: އެއް މެމްބަރަކު
ޒުވާނުންގެ ހަރާކާތުގެ ނައިބު ރައީސް: އެއް މެމްބަރަކު
ޒުވާނުންގެ ހަރާކާތުގެ ސެކްރެޓަރީ: އެއް މެމްބަރަކު
ޒުވާނުންގެ ހަރާކާތުގެ ހަޒާންދާރު: އެއް މެމްބަރަކު
މަގާމުތަކަށް ކުރިމަތިލެވޭނީ ޕާޓީގައި ރަޖިސްޓްރީވެފައިވާ އަދި ޖިނާއީ ބޮޑު ކުށެއްގެ ރެކޯޑެއް ނެތް މެމްބަރުންނަށް އެކަންޏެވެ. އަދި ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ޕޮލިސް ރެކޯޑާއި، ކުށުގެ ރެކޯޑަކީ އެއް މަސް ނުވާ ރެކޯޑުތަކަށް ވާންޖެހޭނެ އެވެ.
މީގެ އިތުރުން، ޒުވާނުންގެ ދާއިރާތަކަށް ކުރިމަތިލެވޭނީ 36 އަހަރުން ދަށުގެ މެމްބަރުންނަށެވެ.
ޕީއެންސީއަކީ ރާއްޖޭގައި މިވަގުތު މެންބަރުން އެންމެ ގިނަ ޕާޓީ އެވެ.
އިލެކްޝަން ކޮމިޝަންގެ ހިސާބުތައް ދައްކާގޮތުން އެ ޕާޓީގައި މިދިޔަ ޖޫން މަހުގެ ނިޔަލަށް 67،000 އަށް ވުރެ ގިނަ މެންބަރުން ރަޖިސްޓްރީ ވެފައިވެ އެވެ. ނަމަވެސް މިހާރު އެޕާޓީގެ މެމްބަރުންގެ އަދަދު 70،000 އަށް އަރާނެކަމަށް އެ ޕާޓީން ބުނެފައި އެވެ.



