ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ބައްލަވައިގަތް ރެހެންދީ ފްލެޓަކީ ވިޔަފާރި ވެރިއަކަށް ހުޅުމާލެއިން ބިމެއް ހޯދައިދީގެން އޭގެ ބަދަލުގައި ލިބުނު ތަނެއް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) ގެ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި ވެސް އެންމެ ގިނައިން ނާޖާއިޒު ފައިދާ ނެންގެވީ އަބްދުއްރަހީމް ކަމަށެވެ. އަދި އޭނާ ބައްލަވައިގެންފައިވާ ރެހެންދީ ފްލެޓަކީ އެމަނިކުފާނުގެ ނަންފުޅު ބޭނުން ކުރައްވައިގެން ހޯދާފައިވާ ތަނެއް ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އެގޮތުން އެތަނަކީ މާލޭގެ ވިޔަފާރިވެރިއަކަށް ހުޅުމާލެއިން ބިމެއް ހޯދައިދިނުމުން، އެކަމުގެ ބަދަލެއް ގޮތުން އަބްދުއްރަހީމްއަށް އޭނާ އަށް ދިން ފްލެޓެއް ކަމަށެވެ.
އެ ފްލެޓް ގަންނަން ފައިސާ ހޯދެއްވި ގޮތް އެމަނިކުފާނަށް އެނގިވަޑައިގަންނަވާކަން އަބްދުއްރަހީމްއަށް އެންގިވަޑައިގަންނަވާނެ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.
އަބްދުއްރަހީމު އަށް އެނގިލައްވާނެ އެތަނަށް ލާރި ހޯދި ގޮތް އަޅުގަނޑަށް އެނގޭކަން އެއީ އަބްދުއްރަހީމް ކޮންތާކުން، ޓިނު ވިއްކައިގެން ހޯދި ލާރިއެއް ނޫން އެނގޭތޯ. އަބްދުއްރަހީމް ޓިނު ވިއްކައިގެން ހޯދި ލާރިއެއް ނޫން. އަބްދުއްރަހީމްއަށް ވެސް އެނގޭނެ އަޅުގަނޑު މިދައްކަނީ ކޮން ވާހަކައެއް ކަން
ރައީސް ޔާމީން
މީގެ އިތުރުން ރައީސް ޑރ. މުހައްމަދު މުއިއްޒު މޭޔަރުކަމުގައި ހުންނެވިއިރު އަބްދުއްރަހީމްއަށް ނުއަގުގައި މާލެ މާރުކޭޓުން ގޮޅި ދެއްވާފައިވާ ކަމަށް ވެސް ރައީސް ޔާމީން ވަނީ ތުހުމަތުކުރައްވާފަ އެވެ.
ދެން ހަމަ މުއިއްޒު މޭޔަރުކަމުގައި ހުރިއިރު އަބްދުއްރަހީމްއާއި މުއިއްޒު ގުޅިގެން ބިޑަކާއި ނުލާ އަދި ކުރިމަތިލާފައި ތިބި މީހުންނަށް ވުރެ މާ އަގުހެޔޮކޮށް އަބްދުއްރަހީމް އެދުނީމަ މުއިއްޒު އަބްދުއްރަހީމަށް ކަމެއް ކޮށްދޭން ވެގެން އެއީ މުއިއްޒުއަށް އެނގޭ ކިހާވަރެއްގެ މީހެއްކަން އަބްދުއްރަހީމަކީ. އެއީ ޕާޓީ ތެރޭގައި ސިޔާސީ އޮތްވަރު އަނބުރާ ގޮތް މުއިއްޒުއަށް ފެނޭ.
ރައީސް ޔާމީން
ރައީސް ޔާމީން ވަނީ އަބްދުއްރަހީމްގެ އަދި ރައީސް މުއިއްޒުގެ މިފަދަ ހުރިހާ ކޮރަޕްޝަންގެ މައްސަލައެއް އެމަނިކުފާނުގެ ވެރިކަމެއްގައި ބައްލަވާނެ ކަމަށް ވިދާޅުވެފަ އެވެ.


