ފުލުހުން ތަހްގީގް ފެށުމުން ނޭނގޭ ކަމަށް ވިދާޅުވެ، ޔާމީންގެ ސްޓަންޓް ބޭޒާރުވެ، ބޭގަރާރު ވެއްޖެ
ދެންމެ | 08 ސެޕްޓެމްބަރ 2026

މާލޭގެ އަމީނީ މަގުގައި ހުންނަ ސަރުކާރުގެ ތިން މިނިސްޓްރީއެއް ހިންގަމުންދިޔަ އިމާރާތްތަކުގައި 2024 ޑިސެމްބަރު 12 ވީ ބުރާސްފަތި ދުވަހުގެ ހެނދުނު ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅުވައިގެން، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ދެއްކެވި ވާހަކަފުޅުތަކަކީ ސިޔާސީ ސްޓަންޓެއްކަން ހާމަވެ، އެމަނިކުފާނު ބޭޒާރުވެއްޖެއެވެ.

މި މަހުގެ 5 ވީ ހުކުރު ދުވަހުގެ ރޭ، އެމަނިކުފާނު އިސްކޮށް ހުންނަވާ ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އޮފީހުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވަނީ އެ އަލިފާނަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު މާލޭގެ މޭޔަރުކަމުގައި ހުންނެވި ދުވަސްވަރުގެ ކޮރަޕްޝަންގެ ލިޔެކިޔުންތައް ނައްތާލުމަށްޓަކައި، ރައީސް މުއިއްޒާއި ގާތްގުޅުމެއް އޮންނަ ފަރާތަކުން ގަސްތުގައި ރޯކޮށްލި އަލިފާނެއް ކަމަށް ބުނެ ބޮޑެތި ތުހުމަތުތަކެއް ކުރައްވާފައެވެ. އަދި އެކަން ކުރީ ކާކުކަން ފުލުހުންނަށް ރަނގަޅަށް އެނގޭ ކަމަށާއި، ނަމަވެސް ފިޔަވަޅު އަޅަން ފުލުހުން ބޭނުންނުވަނީ ކަމަށް ވިދާޅުވެ ޔާމީން ވަނީ އެ ރޭގެ ޖަލްސާގައި ވަރަށް ބާރަށް ވާހަކަދައްކަވާފައެވެ.

ނަމަވެސް، މި ސީރިއަސް ތުހުމަތުތަކާއި ގުޅިގެން ހޯމް މިނިސްޓަރު ޢަލީ އިޙްސާންގެ އެންގެވުމަކަށް ފުލުހުން ރަސްމީ ތަހުގީގެއް ފަށައި، ޔާމީންގެ އަތްޕުޅުގައި ހުރި ހެކިތަކާއި މައުލޫމާތު ސާފުކުރުމަށް ސުވާލުކުރުމުން އެމަނިކުފާނުގެ ބަޔާން މުޅިން ބަދަލުވެ، ބޭޒާރުވީއެވެ. ޕީއެންއެފް ޖަލްސާގެ ޕޯޑިއަމްގައި ހުރިހާ ކަމެއް އެނގިވަޑައިގަންނަވާ ކަމަށް ވިދާޅުވި ޔާމީން، ތަހުގީގު ކުރިމަތީގައި ވިދާޅުވީ އެ ހާދިސާއާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ނުވަތަ ކޮންކްރީޓް ހެއްކެއް އެމަނިކުފާނަށް އެނގިވަޑައިނުގަންނަވާ ކަމަށެވެ. މިއާއެކު، ފުލުހުންނާއި ބައިނަލްއަގުވާމީ ފޮރެންސިކް މާހިރުން ގުޅިގެން ހިންގި ސައިންޓިފިކް ތަހުގީގުން އެއީ އިލެކްޓްރިކަލް ޝޯޓް ސާކިޓެއްގެ ސަބަބުން ހިނގި ހާދިސާއެއްކަން ކަށަވަރުވެފައި އޮއްވައި، ޔާމީން ދެއްކެވީ ހަމައެކަނި ސަރުކާރު ބަދުނާމުކުރުމުގެ ބޭނުމުގައި ދެއްކެވި ހަގީގަތާ ހިލާފު ދޮގު ވާހަކަތަކެއްކަން ވަނީ ސާބިތުވެފައެވެ. ފުލުހުން ބުނީ ޔާމީން ދެއްކެވި ވާހަކަތަކަކީ ތަހުގީގަށް މުހިއްމު ވާހަކަތަކެއް ނަމަވެސް, އެކަމުގެ މައުލޫމާތު ހޯދުމަށް އެދުމުން ވޯޓާއި ވެސް ހަވާލު ނުވި ކަމަށެވެ.

ޔާމީންގެ މި އަމަލުގެ ސަބަބުން ސިޔާސީ މަގްސަދެއްގައި އާންމުންގެ މެދުގައި ފިތުނަ އުފެއްދުމަށް މަސައްކަތް ކުރެއްވި ކަމުގެ ތުހުމަތު ވަނީ ބޮޑުވެފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!