ރާއްޖެއިން ތެޔޮ ފެނޭތޯ ބަަލަން މެލޭސިޔާގެ ބޮޑުވަޒީރު އަންވަރު ނިންމައިފި
ދެންމެ | 15 ސެޕްޓެމްބަރ 2026

ރާއްޖެއިން ތެޔޮ ފެނޭތޯ ބަލަން މެލޭޝިއާގެ ގައުމީ ތެޔޮ ކުންފުނި ޕެޓްރޮނާސްއާ މަޝްވަރާކުރައްވާނެ ކަމަށް އެގައުމުގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖެއަށް މިހާރު ކުރައްވާ ރަސްމީ ދަތުރުގައި ދެ ގައުމުން ބޭއްވި ރަސްމީ މަަޝްވަރާތަކަށް ފަހު ރައީސް ޑރ.މުހައްމަދު މުއިއްޒާ އެކު ދެއްވި ޖޮއިންޓް ޕްރެސް ސްޓޭޓްމެންޓްގައި އަންވަރު ވިދާޅުވީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޕެޓްރޮނާސް އިން ދައްކަމުން އަންނަ ގާބިލުކަަމަށް ބަލާއިރު ތެޔޮ ހޯދުމުގެ މަސައްކަތްކުރަން ރާއްޖެއަށް އަންނަން އުނދަގޫ ނުވާނެ ކަމަށެވެ. ޕެޓްރޮނާސް އިން މަސައްކަތްކުރަމުން އަންނަ ގައުމުތަކުގެ ލިސްޓެއް އެއާ އެކު އޭނާ ދެއްވި އެވެ.

އަންވަރު ވިދާޅުވި ގޮތުގައި ޕެޓްރޮނާސް އިން މިހާރު އަންނަނީ ކެނެޑާ އާއި ބްރެޒިލް އާއި ޕެރޫ އާއި ތުރުކުމެނިސްތާނާއި ސޫދާނާއި ސޫރިނާމުގައި ވެސް މަސައްކަތްކުރަމުންނެވެ.

”އެހެންވީމާ އަޅުގަނޑަކަށް ހިއެއް ނުވޭ ކައިރިއަށް، ދިވެހިރާއްޖެއަށް އަަންނަން އެ މީހުންނަށް [ޕެޓްރޮނާސްގެ މާހިރުންނަށް] މާ ބޮޑު މައްސަލައަކަށް ވާނެ ކަަމަކަށް. ތެޔޮ ނުހޯދުނަސް އެންމެ ކުޑަމިނުން ދުވަސްކޮޅަކަށް އަރާމުކޮށްލެވޭނެ އެ މީހުންނަށް،“ ސަމާސާ ރާގުގައި އަންވަރު ވިދާޅުވި އެވެ.

ޖޮއިންޓް ޕްރެސް ސްޓޭޓްމަންޓްގައި އަންވަރު ވިދާޅުވި ގޮތުގައި މެލޭޝިއާގެ ކިބައިން އެދޭ ގިނަ ކަންތައްތަކެއް، ރައީސް ޑރ.މުހައްމަދު މުއިއްޒު އޭނާގެ ސަމާލުކަމަށް ގެންނެވި އެވެ. އެ ހުރިހާ ކަމަކަށް މެލޭޝިއާއިން އެޑްރެެސްކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭގެ ތެރޭގައި ރާއްޖޭގެ މަރުކަޒީބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މެލޭޝިއާގެ މަރުކަޒީ ބޭންކް، ބޭންކް ނިގަރާ މެލޭޝިއާގައި އެދިފައިވާ 100 މިލިއަން ޑޮލަރުގެ ފެސިލިޓީއާއި މެލޭޝިއާގައި ކިޔަވާ ދިވެހި ދަރިވަރުންގެ ބެލެނިވެރިންނަށް ވިސާ ލިބުން ދަތިވާ މައްސަލަ ހައްލުކުރުން ހިމެނެ އެވެ.

އަންވަރު ވިދާޅުވީ އެ ފެސިލިޓީ ހަމަޖައްސައިދޭން އެއްބަސްވެވަޑައިގެންފައިވާނެ ކަމަށާއި އެކަމަށް ކުރަންޖެހޭ މަސައްކަތްތައް ދެ ބޭންކުން ވީ އެންމެ އަވަހަކަށް ކުރަން އެދިވަޑައިގަންނަވާ ކަމަށެވެ.

އެމްއެންބީން ރާއްޖެއަށް 100 މިލިއަން ޑޮލަރުގެ ފެސިލިޓީ ހަމަޖައްސައިދެނީ ކޮން ގޮތަކަށް ކަމެއް އަދި ހާމައެއް ނުކުރެ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!