މެލޭސިޔާގެ އެންމެ ބޮޑު އެއް ބޭންކު މޭ ބޭންކުން އިކޮނޮމިކް މިނިސްޓަރ އަދި ބަގުރޫޓް ވިޔަފާރިވެރިޔާ ފައްޔާޒުގެ ބިގް ކުންފުނިން ނެގި ގާތްގަނޑަކަށް 308 މިލިޔަން (20 މިލިޔަން ޑޮލަރު)ގެ ބޮޑު ލޯނު ނުދައްކާތީ މެލޭސިޔާ ބޭންކުތަކުގައި ދިވެހި ވިޔަފާރިވެރިން ބްލެކް ލިސްޓްވަނީ ވެފަ އެވެ.
ރައީސް މައުމޫން ދުވަސްވަރު ބިގް ކުންފުންޏަށް ދޫކޮށްފައިވާ ގދ. ލޮނުދޫހުއްޓާ ރަހްނު ކުރުމަށް ފަހު ނަނގާފައިވާ މިލޯނަށް ފައިސާ ނުދައްކާ މައްސަލަ ވަނީ ދެ ގައުމުގެ ގުޅުމަށް ބުރޫ އަރާ ވަރަށް ގޯސްވެފަ އެވެ.
އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި މިމައްސަލަ ހޫނުވެ، ރައީސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާން މެލޭޝިޔާއަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައި ރަސްމީ ބައްދަލުވުމުގައި ވެސް އޭރުގެ މެލޭޝިޔާގެ ބޮޑު ވަޒީރު ނަޖީބް ރައްޒާގު ވަނީ ދިވެހި އަމިއްލަ ކުންފުންޏެއް ކަމުގައިވާ ބިގު ނަމަކަށް ކިޔާ ކުންފުންޏަކުން ނަނގާފައިވާ ބޮޑު ލޯނަނަށް ފައިސާ ނުދާ ކަމަށް ވިދާޅުވެ އެކަން ހައްލުކުރުމަށް ދަންނަވާފަ އެވެ. އަދި މި ބައްދަލުވުމުގައި ބޮޑުވަޒީރު ވަނީ މިލޯނު ނުދައްކާތީ ދިވެހި ކުންފުނިތަކަށް މެލޭޝިޔާގެ ބޭންކުތަކުން ބްލެކް ލިސްޓް ކޮށްފައިވާ ކަމަށް ދަންނަވާފަ އެވެ.
ގދ. ގައްދޫ ކައިރީގައި އޮންނަ ލޮނުދޫހުއްޓާ ރަހްނުކޮށް ނަނގާފައިވާ ލޯނު ނުދައްކައިގެން ރައީސް މުހައްމަދު ވަހީދު ދުވަސްވަރުގައި ވެސް މެލޭޝިޔާ ސަރުކާރުން ވަނީ ލޯނު ދެއްކުމަށް ބިގް ކުންފުންޏަށް ބާރު އެޅުމަށް ދިވެހި ސަރުކާރަށް ޕްރެޝަރުކުރުވާފަ އެވެ.
ބަގުރޫޓް ވިޔަފާރިވެރިޔާ އަދި މިސަރުކާރުގެ އިކޮނޮމިކް މިނިސްޓަރ ފައްޔާޒުގެ ބިގު ކުންފުނިން މެލޭޝިޔާގެ މޭ ބޭންކުން މި ލޯނު ހޯދާފައި ވަނީ ރައީސް މައުމޫންގެ ވެރިކަމުގައި އެމަނިކުފާނުގެ ސިޓީފުޅެއް މެލޭޝިޔާގެ އޭރުގެ ބޮޑުވަޒީރު ޑރ. މަހާތީރު މުހައްމަދަަށް ފޮނުވައިގެން ކަމަށް ވެސް އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބެ އެވެ.
މޭ ބޭންކުގެ މި ބޮޑު ލޯނުގެ ވާހަކަ ފެންމަތި ވެފައިވާއިރު، ގ. މޫނިމާގެ ދިގުމުއްދަތަށް ހެދުމަށް އެގްރީމެންޓް ކުރުމަށް ފަހު އެ ބިން ރަހްނުކޮށް ބޭންކު އޮފް މޯލްޑިވްސް އިން ނެނގި 31 މިލިޔަން ރުފިޔާގެ ލޯނު ނުދައްކައިގެން އެލޯނު ދެއްކުމަށް ވެސް ދާދިފަހުން ސިވިލް ކޯޓުން ވަނީ ބަގުރޫޓް ވިޔަފާރިވެރިޔާ ފައްޔާޒުގެ ބިގު ކުންފުނީގެ މައްޗައް ހުކުމެއް ވެސް ކޮށްފަ އެވެ.
އެތައް މިލިޔަނުން ލޯނުތައް ނަނގާ ދަރަނިވެރިވެފައިވާ ފައްޔާޒުގެ ބިގް ކުންފުންޏަށް ލޯނުތައް ނެނގި ގޮތަށް ދިވެހި ދައުލަތަށް ވެސް ބަގުރޫޓް ވިޔަފާރިވެރިޔާ ފައްޔާޒުގެ ލަފާގެ މަތިން ދަނީ ބޮޑެތި ލޯނުތައް ނަނގަމުންނެވެ. އަދި އެއްވެސް މިސްރާބެއް ނެތި ވިޔަފާރިވެރިންނާއި އާއްމް ރައްޔިތުން އަތުން ނަނގާ ޓެކްސް އިންތިހާއަށް ބޮޑުކޮށް ފައްޔާޒުގެ ލަފާގެ މަތިން ދަނީ ރައްޔިތުން ފެލަމުންނެވެ.
އިންޑިޔާގެ ލޯނުގެ ދަށުން ތަރައްގީ ކުރާ ހަނިމާދޫ އެއަރޕޯޓް މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވެސް ބަގްރޫޓު ވިޔަފާރިވެރިޔާ އަދި މިނިސްޓަރ ފައްޔާޒު ވަނީ ބޮޑެތި ލޯނުތައް ނަނގައި އަބަދުވެސް ދަރައި ތިބުމުގެ މުހިއްމު ކަމުގެ މައްޗައް ވަރަށް ބޮޑަށް ތާއީދުކޮށް ވާހަކަ ދައްކާފަ އެވެ.