ބައެއް މީހުންނަކީ އުފެދުމުގައިވެސް ވަރަށް ބޮޑަށް ދާހިއްލާ ބައެކެވެ. ބައެއް މީހުން ދާހިއްލަނީ މޫނުމަތިން ނުވަތަ ކިހިލިފަތް ދޮށުންނެވެ. ހެދުމެއްލިޔަސް ދާހިއްލާ ވަރުން އުދަގޫވާ މީހުންވެސް އުޅެއެވެ. އާއްމުކޮށް ހޫނު މޫސުމުގައި ދާހިއްލާ މިންވަރު އިތުރުވެގެންދެއެވެ. ނަމަވެސް ފިނި މޫސުމުގައިވެސް ދާހިއްލުމަކީ ބައެއް މީހުންނަށް ދިމާވާ ކަންބޮޑުވާ މައްސަލައެކެވެ.
ގޭތެރޭގައި ހުސްފައިގައި ހިނގާފައި ދާއިރުވެސް ދާހިއްލުމުގެ ސަބަބުން ހިނގާފައި ހުންނަ ފިޔަވަޅު އެނގޭވަރަށް ހަޑިވެފައި ހުރެއެވެ. އަތުން ދާހިއްލާނަމަ އެއްޗެއްގައި ހިފާލިޔަސް އަތްތިލަ ހުންނަނީ ތެމިފޯވެއެވެ. މިގޮތަށް ދާހިއްލާނަމަ ގަލަން ބޭނުންކޮށްގެން ލިޔުމަކީ ވެސް އުދަގޫކަމެކެވެ.
ގުދުރަތީގޮތުން ދިމާވާ ކަމެއް ކަމުގައިވީނަމަވެސް މިކަމަކީ ވަރަށް ލަދުވެތިވާ ކަމެއް ކަމުގައި ބައެއް މީހުން ފާހަގަ ކުރެއެވެ. ޑޮކްޓަރަކަށް ދައްކަން ދިޔަކުއްޖަކު ކިޔާދިން ވާހަކައެއްގައި ”އަހަރެންގެ އަތުން އަބަދުވެސް ހުންނަނީ ލޮނުދާހިއްލާފައި، މިކަމުގެ ސަބަބުން މީހުންގެ ތެރެއަށް ނުކުމެ އުޅެންވެސް ލަދުގަނޭ، ބައެއް ކުދިން ކިޔާނެ ހާދަހާ ހަޑި އަތްތިލައެކޭ. އަބަދުވެސް އަތްތިލަ ތެމިފައޭ ހުންނަނީ، އަހަރެން ރައްޓެހިވެގެން އުޅޭ ކުއްޖާއާއި އެކު ބޭރަށްދާއިރު އޭނާގެ އަތުގައި ހިފާލަން ނުކެރޭ، އަހަރެންވެސް ބޭނުން އެހެން ކުދިން އުޅޭހެން އަތުގަ ހިފައިގެން ހިނގާލަންދާން. އެކަމަކު އެނަސީބެއް ނުލިބޭ“. ވަރަށް ދެރަވެފައި އުމުރުން ވިހިއަހަރުގެ ފިރިހެން ކުއްޖަކު ކިޔާދިނެވެ.
މާބޮޑަށް ލޮނުދާހިއްލުމުގެ މައްސަލަ ދިމާވާނަމަ އެއީ ”ހައިޕަރހައިޑްރޯސިސް“ އެވެ. މިމައްސަލަ ހުންނަ މީހުންނަށް ނަފްސާނީގޮތުންވެސް އަސަރުކުރެއެވެ. ބައެއްފަހަރު މިގޮތަށް ދިމާވަނީ ހަށިގަނޑުގައި އެހެން ބައްޔެއް ހުރުމުގެ ސަބަބުންނެވެ. އޭގެތެރޭގައި:
ހަކުރުބަލި
ބްލަޑް ޝުގަރ ދަށްވުން
ހިތުގެ މައްސަލަ ހުރުން
ތައިރޮއިޑް
ނާރުގެ މައްސަލަ ހުރުން
ފަލަބަލި
އެންޒައިޓީ ނުވަތަ ޑިޕްރެޝަން
ލޮނުދާހިއްލުމުގެ މައްސަލައަކީ އެއްކޮށް ރަނގަޅު ކުރަން އުދަގޫ ކަމެއްނަމަވެސް މިކަމަކީ ކޮންޓްރޯލް ކުރެވިދާނެ ކަމެކެވެ. ބައެއްކަހަލަ ހާލަތްތަކުގައި ޑޮކްޓަރުން އިރުޝާދުދެއްވަނީ އޮޕަރޭޝަންކޮށްގެން މިކަމުގެ ހައްލު ހޯދުމަށެވެ. އިންޑިއާގެ މަޝްހޫރު ޑޮކްޓަރ ހަންސާޖީ ޔޮގެންޑްރާ ވިދާޅުވަނީ މިކަން ކޮންޓްރޯލް ކުރުމަށް ގޭގައި ބައެއް ފަރުވާދެވިދާނެ ކަމަށެވެ.
ގޭގައި ދެވިދާނެ ފަރުވާ:
ސައިފަތުގެ ކުލަ ވަރަށް ގަދަކޮށްފައި ކަޅުސައި ހަދާށެވެ. މިގޮތަށް ކަޅުސައި ތައްޔާރު ކުރާއިރު ހަކުރު ނާޅާ ތައްޔާރުކުރާށެވެ. އެއަށްފަހު އައިސްއަލަމާރިއަށްލާފައި ފިނިކޮށްލާށެވެ. ވަރަށް ބޮޑަށް ފިނިވުމުން ހުދު ފޮތިކޮޅެއް ސައިފަތު ފެނުގެތެރެއަށްލާފައި އަތްތިލައާއި ފައިތިލައިގައި ހާކާލާށެވެ. ނޫންނަމަ ސައިފަތުގެ ފެނުގެތެރެއަށް އަތްތިލައާއި ފައިތިލަ ލައިގެން އިރުކޮޅަކު މަޑުކޮށްލާށެވެ. އަދި ހަމަ މީގެ އިތުރަށް ސައިފަތުފެނުން އައިސްކިއުބު ތައްޔާރު ކޮށްލުމަށްފަހު އަތްތިލައާއި ފައިތިލައިގައި ހާކަމުން ގެންދާށެވެ. މިއީ ދާހިއްލުމުގެ މައްސަލަ ވަރަށް ބޮޑަށް ކޮންޓްރޯލް ވެގެންދާނެ ގޮތްތަކެއް ކަމަށް ޑޮކްޓަރ ހަންސާޖީ ޔޮގެންޑްރާ އިރުޝާދު ދެއްވައެވެ. އަދި ހަމަ މިއާއެކު ޔޯގާ އަކީވެސް މިކަން ކޮންޓްރޯލް ކުރުމަށް ކުރެވިދާނެ ކަމެކެވެ.
ދާހިއްލާ މީހަކު ނަމަ އިތުރަށް ސަމާލުކަންދޭންވީ ކެއުމަށް ބޭނުންކުރާ ކާނާއަށެވެ. މާގިނައިން ދާހިއްލާ މީހެއްނަމަ ކެއުން ރަނގަޅު ނޫން ކާނާތަކެއްވެސް އެބަހުއްޓެވެ. އޭގެތެރޭގައި:
ފިޔާ، ލޮނުމެދު
ތެޔޮ އަޅާފައި ހުންނަ ކާނާ
ކުޅިކޮށް ތައްޔާރުކޮށްފައި ހުންނަ ކާނާ
މިއީ ޑޮކްޓަރ ހަންސާޖީ ޔޮގެންޑްރާގެ އިރުޝާދު ދެއްވާފައިވާ ކަންކަމެވެ. މިއިރުޝާދުގެ ދަށުން ކަނަތައްތައް ކުރިއަށް ގެންދާނަމަ މިކަން ކޮންޓްރޯލް ކުރެވިދާނެ ކަމަށް ޑޮކްޓަރ ވިދާޅުވެއެވެ.