ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމަކީ އެމްޑީޕީން ވަރަށް ބޮޑަށް އިޙްތިރާމްކުރާ ބޭފުޅެއް ކަމަށް އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ދަޢުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މަޖިލީހުގެ މެޖޯރިޓީ ލީޑަރުކަންވެސް ކުރަށްވާ އަސްލަމް ވިދާޅުވީ ޤާސިމަށް ސަރުކާރުގެ ވަރަށްބޮޑު އިޙްތިރާމެއް އޮންނަ ކަމަށެވެ. އަސްލަމް މިމޭރުމުން ވިދާޅުވީ ދާދިފަހުން ޤާސިމް މަޖިލީހަށް ހުށައެޅުއްވި މުހިއްމު ބިލުތަކެއް އެމްޑީޕީގެ މެޖޯރިޓީ އޮންނަ މަޖިލީހުން ބޭރުކޮށްލާފައިވާތީ ކުރި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
ރޭގެ ޕްރޮގްރާމްގައި އަސްލަމް ވިދާޅުވީ ޤާނޫނު އަސާސީއަށް ޤާސިމް ހުށައެޅުއްވި އިސްލާޙަކީ މުހިއްމު އިސްލާހެއްކަމަށާއި ނަމަވެސް މެންބަރުންގެ ޢަދަދު ކަނޑައެޅުއްވުމުގައި ގެންގުޅުއްވާފައިވާ ފޮމިއުލަރ ސާފުނޫން ކަމަށެވެ. އޭގެ އިތުރުން ޤާނޫނު އަސާސީއަށް އިސްލާޙު ގެންނަންވާނީ ވަރަށް ބޮޑަށް މަޝްވަރާ ކުރެވިގެން ކަމަށް އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ ޤާސިމަކީ ޤާބިލު ބޭފުޅެއްކަމާމެދު ސުވާލެއް ނެތް ކަމަށާއި ޤާނޫނު އަސާސީ އިސްލާޙުކުރުމުގެ މަސައްކަތްވެސް ހަލުވިވެގެން ދިޔައީ ޚާއްސަ މަޖިލީހުގެ ރިޔާސަތަށް ޤާސިމް ޙަވާލުވެ ވަޑައިގަތުމުން ކަމަށެވެ. ޤާނޫނު އަސާސީ އިސްލާޙުކުރަމުންދިޔަ ދުވަސްވަރު މަޖިލީހުގެ މެންބަރުންގެ ޢަދަދު ކަނޑައެޅުމަށް އެންމެ ރަނގަޅު ފޮމިއުލާއަކަށް ފެނުނީ މިހާރު މިޢަމަލުކުރާ ގޮތް ކަމަށާއި ނަމަވެސް އެކަމަށް ބަދަލެއް ގެނައުމަކީވެސް ރަނގަޅުކަމެއްކަމަށް އަސްލަމް ވިދާޅުވިއެވެ.
“އަޅުގަނޑުމެންގެ ވަރަށްބޮޑު އިޙްތިރާމްއޮވޭ ޤާސިމް އިބްރާހީމަށް. ވަކިން ޚާއްސަކޮށް ޤާނޫނުއަސާސީއާ ގުޅޭ ކަމެއްގެ އިސްލާޙު ގެންނަވާއިރު އަޅުގަނޑުމެން ހިތުގެ އަޑިން ޤަބޫލުކުރަން އެ މަސައްކަތް ހަލުވިކޮށް އެމުއްދަތުގައި ނިންމާލެވުނީ ޚާއްސަ މަޖިލީގެ ރިޔާސަތުގައި ޤާސިމް ކުރެއްވި މަސައްކަތުން.” އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ ޤާސިމަކީ އެމްޑީޕީން ވަރަށް އިޙްތިރާމްކުރާ ބޭފުޅެއްކަމަށާއި ނަމަވެސް ފިކްސް ޢަދަދެއްގެ ގޮތުގައި 87 މެންބަރުން ކަނޑައެޅުއްވި ގޮތާމެދު ސުވާލު އުފެދޭކަމަށެވެ. އަދި އެއީ މިވަގުތުވެސް މަޖިލީހުގައި މެންބަރުން ތިއްބެވި ޢަދަދުކަމަށް އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ ޤާސިމްގެ އިސްލާޙަކީ މާބޮޑު މަޝްވަރާއެއްނެތި ކުއްލިއަކަށް ލިބުނު އިސްލާޙެއް ކަމަށާއި ނަމަވެސް ޕާޓީތަކުގެ މެދުގައި މަޝްވަރާކުރެވިގެން މެންބަރުންގެ ޢަދަދަށް ޙައްލެއް ހޯދުމަށް މަސައްކަތްކުރެވިދާނެ ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.
ޤާސިމްގެ އިސްލާޙު މަޖިލީހުގެ ތަޅުމުން ބޭރުކޮށްފައިވާއިރު އެ އިސްލާހަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙާއި ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ތާއީދުކުރަށްވާކަން ހާމަކުރަށްވާފައެވެ.