ފޯޅަވަހީގެ މައްސަލައިގައި މިހާރު ހިނގަމުންދާ ބަހުސް ގުޅެނީ މީގެ ކުރިން ދިވެހި ސަރުކާރުން ގެންގުޅުނު ވިސްނުމެއް ކުއްލިއަކަށް ބަދަލުވުމާއެވެ. އެ ވިސްނުން ބަދަލުވި ސަބަބެއް މިހާތަނަށް ސާފުނުވުމާއެވެ. ސަރުކާރުގެ ވިސްނުން ބަދަލުވީ އައިޓީއެލްއޯއެސްގައި ކުރިއަށްދާ ކަނޑުގެ ސަރަހައްދުގެ އިން ވަކިކުރުމުގެ މައްސަލާގައި ނޫންކަމަށް ސަރުކާރުން ބުނާ ބުނުމަކީ ރަނގަޅު ވާހަކައެކެވެ.
ރާއްޖޭގެ ވިސްނުން ބަދަލުކޮށް މޮރިސަސް އާއި އެކޮޅަށް މަސައްކަތް ކުރަން ދިވެހި ސަރުކާރުން ނިންމީ ރައީސް ސޯލިހް ރުވަންޑާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި މޮރިސަސްގެ ބޮޑުވަޒީރާއި އެކުު މެރިއަޓް ހޮޓެލްގައި ބޭއްވުނުވު ބައްދަލުވުމަށް ފަހުގައި ކަމަށް އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބެ އެވެ.
މިއަހަރުގެ ޖޫން މަހު ރުވަންޑާ ދަތުރުފުޅު ނިންމާލެއްވުމަށް ފަހު ރާއްޖެ ވަޑައިގެން އޮގަސްޓް 22 ވަނަ ދުވަހު ރައީސް ސޯލިހް ވަނީ ރިޔާސީ ސިއްރު ސިޓީފުޅެއް މޮރިސަސްގެ ބޮޑު ވަޒީރަށް ފޮނުއްވާފަ އެވެ. ދިވެހިންނަށް މިސިޓީފުޅުގެ ހިލަމެއްވެސް ވެފައި މިވަނީ ދައުލަތުގެ ބަންޑާރަ ނައިބް މިވާހަކަ ސަރީއަތުގެ މަރުހަލާގައި ދެއްކެވުމުންނެވެ.
ރައްޔިތުންގެ ގާތުގައި އަހާލުމެއް ނެތި، ރައްޔިތުންގެ މަޖިލީހާއި ކެބިނެޓާއި މަސްވަރާ ކުރުމެއްނެތި ކުއްލި ގޮތަކަށް މިފަދަ ބޮޑު ނިންމުމެއް ބަދަލު ގެނެސް ރާއްޖޭގެ އިގްތިސާދީ ސަރަހައްދުން އިންތިހާއަށް ބޮޑު ބައެއް ގެއްލޭ ގޮތަށް ރައީސް ސޯލިހް އަމަލް ކުރެއްވުމުގައި ވަނީ އިންޑިޔާގެ ރުހްމާއި އެކު އަންނަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުން ތޯ އެވެ. ނުވަތަ މިކަމުގައި އަޑިނޭގޭ ކަންތައްތަކެއް އޮތީ ބާ އެވެ. ހިންދީ ބަހުން ނަމަ ދާލްމޭ ކުޗް ކާލާ ހޭ!! ހެއްޔެވެ?
ރައީސް ސޯލިހް އަމިއްލަފުޅަށް މިފަދަ ބޮޑު ނިންމުމެއް ނިންމައި ސިއްރު ސިޓީފުޅެއް މޮރިސަސްގެ ބޮޑުވަޒީރަށް ފޮނުވައިފައިވާ ކަން ފަޅާ އެރުމާއި އެކު ގިނަ ބައެއްގެ ފާޑުކިޔުން ވަނީ ސަރުކާރަށް އަމާޒުވެފަ އެވެ.
ރައީސް ސޯލިހް ނިސްބަތްވާ އެމްޑީޕީގެ ރައީސް ނަސީދާއި ސަރުކާރުގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމު ވެސް ވަނީ މި ނިންމުން ބަލައި ނުގަންނަ ކަމަށް ވިދާޅުވެފަ އެވެ. އެހެންވުން މިފަދަ ނިންމުމެއް ނިންމައި ސިއްރު ސިޓީ ފޮނުވާފައި ވަނީ ކޯލިޝަން ލީޑަރުންނާއި މަސްވަރާ ނުކޮށް ކަން ވަނީ ހާމަ ވެގެން ގޮސްފަ އެވެ.
ވިސްނުން ބަދަލުވީ ޗާގޮސްގެ މައްޗަށް ސިޔާދަތީ ބާރު އޮތް ޤައުމަކާމެދު އޮތް ވިސްނުމާމެދުއެވެ. ކުރިން ރާއްޖެއިން ބުނަމުން އައީ އެ ޤައުމަކީ އިނގިރޭސިވިލާތް ކަމަށެވެ. މިހާރު ބުނަނީ މޮރިޝަސް ކަމަށެވެ.
ސުވާލުތައް އުފެދެނީ މިކަމުގައި ސަރުކާރުގެ ވިސްނުން ބަދަލުވި ސަބަބުތަކާމެދުއެވެ. ރައީސް ސޯލިހް ދެނެހުރިބައި ނެންގެވިކަން ސައްކެއް ނެތް މިންވަރަށް ޔަގީން ނުކުރެވުނު ނަމަވެސް ކުރިން އިނގިރޭސިވިލާތުގެ ދައުވާއަށް ރާއްޖެއިން ތާއީދުކޮށް، މޮރިޝަސްގެ ދައުވާއާ ދެކޮޅު ހެދި މައިގަނޑު ސަބަބެއްކަމަށް އެއިރު ސަރުކާރުތަކުގައި މަސައްކަތްކުރެއްވި ތަޖުރިބާކާރު ވަކީލުން ވިދާޅުވަނީ މޮރިޝަސް އިން އިން ވަކިކުރުމާމެދު ގެންގުޅޭ ވިސްނުމެވެ. ޗާގޮސްގެ އިން ފެށޭ ހިސާބުކަމަށް މޮރިޝަސް އިން ބުނާ ހިސާބުން ފަށައިގެން ޗާގޮސްގެ އިން ކަނޑައަޅައިފިނަމަ، އަދި އެ އިމަށް ބަލައިގެން އެކުއިޑިސްޓޭންސްގެ ތަތުބީގުކޮށްފިނަމަ ރާއްޖެއަށް ގެއްލޭ ސަރަހައްދު ބޮޑުވުމުންނެވެ.
މި ވިސްނުމަކީ ހަމައެކަނި ކުރީގެ ސަރުކާރުތަކުން ގެންގުޅުނު ވިސްނުމެއް ނޫނެވެ. 2017 ވަނަ އަހަރުގައި ރައީސް ޔާމީނުގެ ސަރުކާރުގައި މި މައްސަލާގައި މޮރިޝަސްއާ ދެކޮޅަށް ވޯޓު ދިން ފަދައިން 2019 ވަނަ އަހަރު މި ސަރުކާރުންވެސް އެ ސިޔާސަތު ހިފަހައްޓައި އައިސީޖޭގެ ނިންމުން ބަލައިގަތުމާ ދެކޮޅަށް ވޯޓު ދިނެވެ. ސަރުކާރުގެ ތަރުޖަމާން މުހައްމަދު މިއުވާން ވިދާޅުވީ އައިސީޖޭގެ ނިންމުމަކީ މިހާރު ގިނަ ޤައުމުތަކުން ޤަބޫލުކޮށްފައިވާ ނިންމުން ކަމަށެވެ. ޙަޤީޤަތަކީ 2019 ވަނަ އަހަރުގައިވެސް ގިނަ ޤައުމުތަކުން ބަލައިގަނެފައިވަނީ އައިސީޖޭގެ ނިންމުމެވެެ. އެއީ މޮރިޝަސްއާ އެއްކޮޅަށް އިނގިރޭސިވިލާތާ ދެކޮޅަށް ނިމުނު ނިންމުމެކެވެ.
އޭގެ ފަހުން 2021 ވަނަ އަހަރުގައި އައިޓީއެލްއޯއެސްގައި އޮތް އަޑުއެހުމެއްގައިވެސް ސަރުކާރުން ވަކާލާތުކުރީ އައިސީޖޭއިން 2019 ވަނަ އަހަރު ނިންމުމެއް ނިންމައި އެ ނިންމުން އދގެ އާންމު މަޖިލީހުގެ އަޣުލަބިއްޔަތުން ބަލައިގަނެ، ޗާގޮސްގެ މައްޗަށް އޮންނާނީ މޮރިޝަސްގެ ސިޔާދަތުކަމަށް ޤަބޫލުކުރި ނަމަވެސް ރާއްޖެއިން ދެކޭ ގޮތުގައި ޗާގޮސްގެ މައްޗަށް ހިނގަނީ އިނގިރޭސިވިލާތުގެ ސިޔާދަތު ކަމަށެވެ. އަދި އެ ސަރަހައްދުގެ މައްޗަށް ސިޔާދަތީ ބާރު ލިބިގެންވާ ޤައުމުގެ މައްސަލަ ނުނިމެނީސް މޮރިޝަސްއިން ހުށަހެޅި މައްސަލަ އެ ޓްރައިބިއުނަލުގައި ނުހިންގޭނެ ކަމަށެވެ.
މިކަންކަމަށް ބަލާއިރު، ގިނަ ޤައުމުތަކުން މޮރިޝަސްއަށް ތާއީދުކުރުމަކީ ރާއްޖެއިން މޮރިޝަސްއަށް އިއުތިރާޒުކުރުމުގެ ގޮތުން ނިންމާފައި އޮތް ސިޔާސަތެއް ބަދަލުކުރަންޖެހޭ ސަބަބެއް ނޫންކަމަށާއި، އެ ސިޔާސަތު ބަދަލުކުރާނަމަ، ދެ ޤައުމުގެ މެދުގައި މަޝްވަރާކުރެވިގެން ރާއްޖެއަށް މޮޅު ގޮތެއް ލިބެންޖެހޭނެކަމަށް ޚާރިޖީ ދާއިރާގައި މަސައްކަތްކުރެއްވި ތަޖުރިބާކާރަކު ވިދާޅުވިއެވެ.
މިހާތަނަށް އެކަށީގެންވާ ގޮތެއްގައި އެ ނިންމުން ބަދަލުކުރި ސަބަބު ސަރުކާރުން ސާފުކޮށްނުދެއެވެ. ހަމައެކަނި ބުނަނީ ކަނޑުގެ ސަރަހައްދުގެ އިން ކަނޑައެޅުމާމެދު ސަރުކާރުގެ ވިސްނުން ބަދަލުނުވާ ކަމަށެވެ.
ބައެއް ސިޔާސީ ބޭފުޅުން އަންނަނީ ސަރުކާރުގެ ސްޓޭންޑް ބަދަލުވީ އިންޑިއާގެ ސަބަބުންކަމަށް ވިދާޅުވަމުންނެވެ. އެގޮތުން ސަރުކާރު ކޯލިޝަނުގެ ދެވަނައަށް އެންމެ ބޮޑު ޕާޓީކަމުގައިވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމްވެސް ތުހުމަތުކުރެއްވީ މިފަދަ ނިންމުމެއް ނިންމައިގެން އުޅެނީ ”ބޮޑުބޭބެ“ އެދިގެން ކަމަށެވެ. ”ބޮޑުބޭބެ“އަކީ ކާކުކަން ނުވަތަ ކޮން ބައެއްކަން ތަފުސީލުނުކުރެއްވި ނަމަވެސް އެއީ އިންޑިއާކަމަށް ބެލެވޭނެ ސަބަބުތައް އެބަހުއްޓެވެ.
ސިޔާސީ ގުޅުންތަކުގެ ބޭރުން އިންޑިއާއާއި މޮރިޝަސްއަކީ ނަސްލީ ގޮތުންނާއި ދީނީ ގޮތުން ލާމެހިފައިވާ ދެ ޤައުމެވެ. މޮރިޝަސްގެ އާބާދީގެ ތިންބައިކުޅަ ދެބައި މީހުންނަކީ އިންޑިއާ ނަސްލަށް ނިސްބަތްވާ މީހުންނެވެ. އާބާދީގެ 48 އިންސައްތައަކީ ހިންދޫންނެވެ. މިއީ އިންޑިއާއިން ބޭރުގައި ޤައުމެއްގައި އޮތް ނިސްބަތުން އެންމެ ބޮޑު ހިންދޫ އާބާދީއެވެ.
ސިޔާސީ ގުޅުމަށް ބަލާއިރު މޮރިޝަސްއަކީ އިންޑިއާގެ މުހިއްމު ބައިވެރިއެކެވެ. އެގޮތުން އިންޑިއާއިން ސިއްރިއްޔާތުގައި މޮރިޝަސްގައި އަސްކަރީ ބޭސްއެއް ތަރައްޤީކުރުމުގެ މަސައްކަތް 2015 ވަނަ އަހަރުން ފެށިގެން ކުރަމުންދާކަން އަލްޖަޒީރާގެ ތަހުގީގަކުންވަނީ ފަޅާއަރާފައެވެ. އިންޑިއާއިން އަންނަނީ މޮރިޝަސްއަށް ގިނަ ގޮތްގޮތުން އެހީތެރިވަމުންނެވެ. ދަރަންޏަށް ފައިސާ ދިނުމާއި، ހިލޭ އެހީގެ ގޮތުގައި ފައިސާ ދެމުންދެއެވެ.
މިކަންކަމަށް ބަލާއިރު ޗާގޮސްގެ މައްސަލާގައި ރާއްޖޭގެ ވިސްނުން ބަދަލުކޮށް އިނގިރޭސިވިލާތާ ދެކޮޅަށް މޮރިޝަސްއަށް ތާއީދުކުރުމަކީ އިންޑިއާއިން ބޭނުންވެގެން ރާއްޖެއިން ނިންމި ނިންމުމެއް ކަމުގައިވުމަކީ ގާތް ކަމެއް ކަމަށް ޚާރިޖީ ދާއިރާގެ ޚަބީރު ވިދާޅުވިއެވެ.