’ބާލިގު‘ ވެފައިވާ 40 ފިރިހެނުން މައިތިރި ކޮށްލާނެ، ޖޯރާއި ވަރު އެބަހުރި: ރޮޒައިނާ
ދެންމެ | 14 ނޮވެމްބަރ 2022

ބާލިގު ވެފައިވާ 40 ފިރިހެނުން ފޮނުވިޔަސް ފަހަތަށް ނުޖެއްސޭނެ ކަމަށާއި އެންމެން މަތިރިކޮށްލާހައި ޖޯރު ހުރި ކަމަށް އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީ ތެރޭގައި ރައީސް ސޯލިހާއި އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދުގެ ފެކްޝަނެއް އުފެދިފައިވާއިރު ރޮޒެއިނާ އަކީ ރައީސް ސޯލިހުގެ ފެކްޝަނަށް ނިސްބަތްވާ ފަރާތެކެވެ. ސޯޝަލް މީޑިއާގެ ތެރޭގައި ރޮޒޭއާ ނަޝީދު ފެކްޝަނަށް ނިސްބަތްވާ ފަރާތްތަކާ ދެމެދު ބަހުގެ ހަމަލާތައް ބަދަލުކުރަމުން އަންނަތާ ދުވަސްކޮޅެއް މިހާރު ވަނީ ވެފަ އެވެ.

ރޮޒެއިނާ އަށް މަޖިލީހަށް ނާދެވޭ ވަރު ކުރަންޖެހޭ ކަމަށް ބުނެ އާންމު ފަރާތަކުން ދެއްކި ވާހަކަ އަށް ރައްދު ދެއްވަމުން ރޮޒެއިނާ ވިދާޅުވީ އަންހެނުން އަނެއް އަންހެނުންނަށް މިގޮތަށް ފުރައްސާރަކޮށް އަނިޔާވެރި ވުމަށް ގޮވާލުމަކީ ހިތާމަހުރި ކަމަށެވެ. އަދި އެމްޑީޕީގެ ފިރިހެނުން ވެސް ޕާޓީގެ ރައީސް، މުހައްމަދު ނަޝީދަށް ފާޑުކިޔާ ކަމަށާއި ނަމަވެސް އަންހެނަކަށް ވީތީ އެމީހުންނަށް ނުކުރާ ފުރައްސާރަ އޭނާ އަށް ކުރަމުންދާ ކަމަށް ރޮޒެއިނާ ވިދާޅުވި އެވެ.

”40 ފިރިހެނުން ފޮނުވިޔަސް ނުޖެއްސޭނެ ފަހަތަކަށް.“ ރޮޒެއިނާ ވިދާޅުވި އެވެ.

ރޮޒެއިނާ ވިދާޅުވީ މީހުންނަށް ބިރުދައްކާ އަނިޔާކޮށް ފުރައްސާރަ ކުރުމަށް ގޮވާލުމަކީ ގާނޫނީ ކުށެއް ކަމަށެވެ. އަދި ފާޅުކުރާ ހިޔާލަކުން އޭނާ އަށް ފުރައްސާރަކޮށް ބިރުދައްކާ މަޖިލީހަށް ދެވުނަ ނުދިނުން އެއީ ނަޝީދު ދަސްކޮށްދެއްވި ޑިމޮކްރެސީތޯ ވެސް ރޮޒެއިނާ ސުވާލުކުރެއްވި އެވެ.

އެމްޑީޕީގެ އެތެރޭގެ ހުޅުގަނޑު ފަޅައިގެން ގޮސްފައިވާއިރު ބަޖެޓް ބަހުސްގެ ތެރެއިން ވެސް ދެ ފެކްޝަނުން ބަހުގެ ހޫނު ހަމަލާތަކެއް އަންނަނީ ބަދަލުކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!