ޓެކްސް ނަގަންޏާ، ގާނޫނު އަސާސީން މަތިކޮށްފައިވާ ފެނާ ނަރުދަމާގެ އަސާސީ ހައްގު ދޭންޖެހޭ: ވައްޑެ
ދެންމެ | 02 ޑިސެމްބަރ 2022
ދައުލަތުގެ ކެރިފޯރުންތެރިކަން ހުރި މިންވަރަކުން ފެނާއި ނަރުދަމާގެ ޚިދުމަތް ގާއިމް ކޮށްދިނުމަކީ ޤާނޫނު އަސާސީން ލާޒިމް ކުރާ އަސާސީ ހައްގެއް ކަމަށްބުނެ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ)، އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް އަށް ރައްދު ދެއްވައިފިއެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވުމަށްފަހު ރާއްޖޭގެ ތަރައްޤީއަށް ހިންގެވި އެންމެބޮޑު އިންވެސްޓްމަންޓް ކަމުގައި ރޮޒައިނާ ވިދާޅުވުމާއި ގުޅިގެން އެކަމަށް ރައްދު ދެއްވައި ވައްޑެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެ ދެ ޚިދުމަތަކީ ވެސް އަސާސީ ހައްގެއް ކަމަށެވެ. އަދި ޓެކްސް ނިޒާމާއި އެކު އެ ޖާގަ ފަހި ކޮށްދެވިފައިވާ ކަމަށާ، 2018 ގައި ރިޔާސީ ކެމްޕެއިން ތެރެއިން އެމްޑީޕީން ތަރައްގީ މާނަ ކުރީ އެހެން ގޮތަކަށް ކަމަށް ވެސް ވަހީދު ވިދާޅުވިއެވެ.

”ޓެކްސް ނިޒާމަކާއެކު އެޖާގަ ވަނީ އުފައްދައިދެވިފައި. 2018ގައި އެމްޑީޕީން ތަރައްޤީ މާނަކުރީ ކޮންމެ މީހެއްގެ އާމްދަނީއާ އުފެއްދުންތެރިކަން މައްޗަށް ޖައްސައިދިނުމަށް.“ ވަހީދު ވިދާޅުވި އެވެ.

Advertisement

2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ބޯމަތިވަމުން އަންނައިރު، ފެންނަމުން ދަނީ ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީ ވަރަށް ބޮޑަށް ދެބައި ވެފައިވާ ތަނެވެ. އެގޮތުން ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވާ ފެކްޝަނަކާއި، ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަށް ތާއިދު ކުރައްވާ ފެކްޝަނެއް ޕާޓީ ތެރެއިން އުފެދިފައިވާއިރު, ރައީސް ނަޝީދާއި އެމަނިކުފާނުގެ ފެކްޝަނުގެ ބޭފުޅުން ބުނަމުން އަންނަނީ، 2018 ވަނަ އަހަރު، ވެރިކަމަށް އައުމަށްޓަކައި އެމްޑީޕީން މީ ވައުދުތައް ރައީސް ޞާލިހަށް ނުފުއްދޭ ކަމަށެވެ. އެހެންކަމުން، އެމަނިކުފާނަށް ދެވަނަ ދައުރެއް ދޭން ނުފެންނަ ކަމަށްވެސް އެ ބޭފުޅުން އަންނަނީ ބުނަމުންނެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!