އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބުވެ، ވެރިކަން ލިބިވަޑައިގެންފިނަމަ ގޭގެ ކުލިތައް ވަކި މިންވަރެއްގައި ހިފަހައްޓާ އަދި ކުލި ދައްކަން ސަރުކާރުން އެހީވެދޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ނަޝީދުގެ ކެމްޕެއިން ނިންމަން މިރޭ މާލޭގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ އެެމަނިކުފާނުގެ ވެރިކަމުގައި ގޭގެ ކުލީގެ އަދަދު، އާމްދަނީގެ 60 ޕަސެންޓަށް ވުރެ ބޮޑު ނުވާނެ ކަމަށެވެ. އަދި ސަރުކާރުން ކުލި ދައްކައިދޭނެ ކަމަށް ވިދާޅުވި އެވެ.
”އާމްދަނީއަށް ވުރެ 60 ޕަސެންޓް ކުލި އިތުރެއް ނުވާނެ. ކުލި ދައްކައި ދޭނެ.“ ނަޝީދު ވިދާޅުވި އެވެ.
ގޯތި ދޭނީ ދަންވަރު ނޫން ކަމަށް ވިދާޅުވެ، ސަރުކާރަށް ނުސީދާކޮށް ނަޝީދު ފާޑު ވިދާޅުވި އެވެ. އަދި އެމަނިކުފާނުގެ ވެރިކަމުގައި ގޯތި ކަނޑާފައި ރައްޔިތުންނަށް ދޫކުރާނެ ކަމަށް ވިދާޅުވި އެވެ. މީގެ އިތުރުން ސަރުކާރުން ކުރާ ވިޔަފާރިތައް މަދުކޮށް، އަމިއްލަ ވިޔަފާރީގެ ފުރުސަތު ބޮޑުކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
ރިޔާސީ ވައުދުތައް ތަކުރާރު ކުރައްވަމުން ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި ޓެކްސް ކުޑަކޮށް އަދި މަސްވެރިންގެ އަތުން މަސް ގަންނަ އަގު ބޮޑުކޮށް އަދި ވަގުތުން ފައިސާ ދޭނެ ކަމަށެވެ. އަދި މަސްކަނޑުތަކުން ގާނޫނާ ޚިލާފަށް ކުރާ މަސްވެރިކަން ހުއްޓުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
”ޓެކްސް ކުޑަކުރާނެ. ތަކެތީގެ އަގު ތިރިކުރާނެ. މަހުގެ އަގު އުފުލައިދޭނެ. ދަރިވަރުންގެ ލޯނު އަލުން އެކުލަވާލަދޭނެ.“ ގިނަ އަދަދެއްގެ ސަޕޯޓަރުން ބައިވެރިވެ އެ ޖަލްސާގައި ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ މުޅި ރާއްޖެ އޮތީ އެމަނިކުފާނާ އެކު ތެދުވެ ކަމަށެވެ. އަދި އެމަނިކުފާނު އެ ފެންނަނީ އަސްލު އެމްޑީޕީ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. އަދި ޕްރައިމަރީ ކާމިޔާބުކޮށް، އަންނަ ރިޔާސީ އިންތިޚާބު ވެސް ކާމިޔާބު ކުރައްވާނީ އެމަނިކުފާނު ކަމަށް ވިދާޅުވި އެވެ.
”ހޮނިހިރު ދުވަހު ވެސް އަޅުގަނޑުމެން މޮޅުވާނެ އިރާދަކުރެއްވިއްޔާ. ސެޕްޓެމްބަރު މަހު ވެސް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މޮޅުވާނެ. ނޮވެމްބަރު މަހު އަޅުގަނޑުމެން ތިބޭނީ އަނެއްކާވެސް އެމްޑީޕީގެ ވެރިކަމެއްގައި.“ ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ރާއްޖެ ބަދަލު ކުރުމަށް އެމްޑީޕީން ފެށީ އުނދަގޫ ދަތުރެއް ކަމަށެވެ. އަދި މި ސަރުކާރަކީ އެމްޑީޕީ ސިޔާސަތާ ދުރު ސިޔާސަތެއް ކަމަށް ވިދާޅުވެ، އެމަނިކުފާނު ވިދާޅުވީ މިއީ އެމްޑީޕީ އަލުން އަނބުރާ ހޯދާނެ ފަހަރު ކަމަށް ވިދާޅުވި އެވެ.