އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހް އޮޅުވާލާފައިވާތީ ރައީސް ސޯލިހަށް ތާއީދު ނުކުރުމަށް ރައީސް ނަސީދު ނިންމައިފި އެވެ.
އެމްޑީޕީގެ ވަޓްސްއެޕް ގްރޫޕަކަށް ނަޝީދު މިއަދު ހެނދު ފޮނުއްވި މެސެޖެއްގައި ލިޔުއްވާފައިވާ ގޮތުގައި ”އިންތިހާބުގެ އޮޅުވާލުންތައް އެއްކިބާކޮށްފި ނަމަ“ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވަރަށް ގިނަ ވޯޓް އުނިވާނެ އެވެ.
މިހެން ވިދާޅުވެ ނަޝީދު ލިޔުއްވި ގޮތުގައި، އޮޅުވާލުމެއްގެ ތެރެއިން ޕްރައިމަރީ ކާމިޔާބުކުރެއްވުނު ކަމަށް ދެއްކެވި ނަމަވެސް ރައީސަށް މި އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބެއް ނުކުރެއްވޭނެ އެވެ.
”އަޅުގަނޑު ހުށަހަޅަނީ ’ފިކުރެއްގެ ދިރުން‘ ނަމުގައި އެމްޑީޕީގެ ގޮފިތައް ހުރިހާ ރަށެއްގައި ވެސް އަލުން ހަދައި، ކަނޑާލި 39،000 އަށް ވުރެ ގިނަ މީހުން އަލުން އެމްޑީޕީއާ ގުޅި، އެ މީހުންނާ އެކު އަޅުގަނޑުމެންނަށް ފެންނަ ގޮތް ނިންމުން،“ ނަޝީދު ވިދާޅުވެފައިވެ އެވެ.
”ފިކުރެއްގެ ދިރުމުގެ ފަރާތުން ތާއީދުކުރާ ރިޔާސީ ކެނޑިޑޭޓެއް ކަނޑައަޅާނީ ފަހުން.“
ނަޝީދު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކުރިއަށް ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް އެއްބަސްވާ ކެންޑިޑޭޓަކީ ތާއީދުކުރަން ފަސޭހަވާނެ ކެންޑިޑޭޓެއް ކަމަށެވެ.
ނަޝީދުގެ މި މެސެޖަށް ރައްދު ދެއްވައި، އެމްޑީޕީގެ ޗެއާޕާސަން، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އެ ގްރޫޕްގައި ވިދާޅުވީ ނަޝީދުގެ އެ ހުށަހެޅުއްވުމާ މެދު އަލުން ވިސްނާލަށް އެދިވަޑައިގަންނަވާ ކަމަށެވެ.
”ޕާޓީގެ އުސޫލާއި ގަވައިދު ބަދަލު ނުކޮށް ތިގޮތަށް ކުރެވޭނެ ކަމަކަށް ގަބޫލެއް ނުކުރެވޭ. [ރިޔާސީ] ޓިކެޓް ކާމިޔާބުކުރާ ފަރާތަކީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް،“ ފައްޔާޒް ވިދާޅުވި އެވެ.
އެމްޑީޕީގެ ޕްރައިމަރީ ކެމްޕެއިނުގެ ތެރެއިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައިވާ ގޮތުގައި އެ މަނިކުފާނު ތާއީދު ކުރައްވަނީ ރިޔާސީ ނިޒާމަކަށެވެ. އަދި ބަރުލަމާނީ ނިޒާމަކަށް ތާއީދުކުރައްވާ ނަމަ ރިޔާސީ އިންތިހާބަށް ކުރިމަތިލައްވަން މަސައްކަތެއް ނުކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
”ބަރުލަމާނީ ނިޒާމެއްގެ ތެރޭގައި ވެރިކަން ކުރާކަށް ނޫޅޭނަން،“ ރައީސް ވިދާޅުވި އެވެ.
ރާއްޖޭގެ ސިޔާސީ ޕާޓީއަކުން މިހާތަނަށް ބޭއްވި އެންމެ ވާދަވެރި އެތެރޭގެ އިންތިހާބުގައި ދެ ފަރާތުން ބަހުގެ ވަރުގަދަ ހަމަލާތައް ބަދަލުކުރި ނަމަވެސް އިންތިހާބަށް ފަހު ނަޝީދު އަދި އާންމުކޮށް އެއްވެސް ވާހަކައެއް ނުދައްކަވަ އެވެ. ރައީސް ވިދާޅުވެފައި ވަނީ ކިތަންމެ ވާދަވެރިކަމާ އެކު ކެމްޕޭންކުރި ނަމަވެސް އެ މަނިކުފާނު ހުންނެވީ އަދިވެސް އެކުގައި މަސައްކަތްކުރައްވަން ތައްޔާރަށް ކަމަށެވެ.