ރައީސް ސޯލިހްގެ ސަރުކާރު ނިމެން 90 ދުވަހަށް ވެފައިވާއިރު ވެސް ވެރިކަމަށް އައުމުގެ ކުރިން އެމަނިކުފާނު އަގު ހެޔޮ ކުރާނެ ކަމަށް ބުނި ޓިކެޓް ހޯދާ ހޯދާ ވެސް ނުފެނުމުން މީހަކު އައިކެއަރ އޮޕްޓިކަލަށް ގޮސްފި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާ އައިކެއަރ އަށް ގޮސްފައި ވަނީ އިއްޔެ އެވެ. އޭނާ އެތަނަށް ގޮސްފައި ވަނީ އަގު ހެޔޮ ކުރާނެ ކަމަށް ބުނި ޓިކެޓް އޭނާއަށް ނުފެންނާތީ އޭނާގެ ލޮލުގެ މައްސަލައެއް އޮތްތޯ ބެލުމަށެވެ.
އަގު ހެޔޮ ޓިކެޓް ހޯދުމަށް އައިކެއަރ އަށް ދިޔަ މީހާގެ ރަހްމަތްތެރިއަކު ބުނީ އޭނާ އީދު ބަންދާއި ދިމާކޮށް ހުވަދުއަށް ދިއުމަށް ޓިކެޓް ނެގުމަށް މޯލްޑިވިއަންނަށް ގޮސް ޓިކެޓް އަގުތައް ބެލި އިރު މީގެ 5 އަހަރު ކުރިއަށް ވުރެ އެތައް ގުނަ އެއް އަގު ބޮޑުވެފައިވާތީ އޭނާ އެތަނުގައި ވެސް ވަރަށް ބޮޑަށް ޒުވާބު ކުރި ކަމަށެވެ.
“ ރަހްމަތްތެރިޔާ ބުނީ އިބޫ ވެރިކަމަށް އަންނަށް ޓިކެޓް އަގު ހެޔޮ ކުރާނެ ކަމަށް ބުނާ އިރު ވެރިކަން ނިމޭއިރު އަގު ހޮޔޮ ވެފައިވާނެ ކަމަށް ޔަގީން ވާ ކަމަށް. އަދި މޯލްޑިވިއަން ހިންގަން ތިބޭ މީހުން ދޮގު ހަދަނީ ކަމަށް.“ އޭނާ ބުންޏެވެ.
އޭނާ ބުނީ ރަހްމަތްތެރިޔާ އަކީ ރައީސް ސޯލިހްގެ ވަރަށް ބޮޑު ސަޕޯޓަރެއް ކަމަށާއި ޓިކެޓް އަގު ހެޔޮ ވެފައިވާ ކަމަށް ރަހްމަތްތެރިޔާ ޔަގީން ކުރާ ކަމަށެވެ. އަދި އަގު ހެޔޮ ޓިކެޓް ނުފެނިގެން އުޅެނީ ރަހްމަތްތެރިޔާގެ ލޮލުގެ މައްސަލައަކުން ކަމަށް ބެލެވޭތީ އައިކެއަރ އަށް ދިޔައީ ކަމަށެވެ.
ރައީސް އިބޫ ވެރިކަމަށް އައުމަށް ޓިކެޓް އަގު ހެޔޮ ކުރާނެ ކަމަށް ބުނި ނަމަވެސް އެކަން ކޮށްފަ އެއް ނުވެ އެވެ.