މި ސަރުކާރުން މަގު ހެދުމަށް އުފެއްދި ކުންފުނި ރޯޑް ޑިވެލޮޕްމެންޓު ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓާ މޫސާ އަލިމަނިކާއި ކުންފުނީގެ ޗީފް ފައިނޭންޝަލް އޮފިސަރ ޔާސިރު ހަސަން ގުޅިގެން އެ ކުންފުނީގެ އެކައުންޓުން 13.8 މިލިއަން ރުފިޔާ ވަގަށް ނެގި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ބީއެމްއެލްގައި ހުޅުވާފައިވާ އާރުޑީސީގެ މައި އެކައުންޓުން 13.8 މިލިއަން ރުފިޔާ ޖަމާކޮށްފައިވަނީ ކުންފުނީގެ ސީއެފްއޯ ޔާސިރުގެ އަމިއްލަ އެކައުންޓަށެވެ. އޭނާގެ އެކައުންޓަށް ފައިސާ ޓްރާންސްފާ ކުރުމަށްފަހު އެ ފައިސާ ބޭނުންކުރި ގޮތުގެ ތަފުސީލުތަކެއް އެނގޭކަށް ނެތެވެ.
ފައިސާ އަމިއްލަ އެކައުންޓަށް ޖަމާކުރި ޔާސިރަކީ މިހާރު މޫކޭގެ ޅިޔަނެކެވެ. ޔާސިރު ވަނީ މީގެ މަހެއްހައި ދުވަސްކުރިން މޫކޭގެ އެއްބަނޑު އެއްބަފާ އަންހެން ކޮއްކޮއަކާ ކައިވެނި ކޮށްފައެވެ.
މި މައްސަލަ ފުލުހުންގެ ޚިދުމަތުގެ ސަމާލުކަމަށް އައުމާއި ގުޅިގެން އެ މައްސަލަ ފުލުހުންގެ ޚިދުމަތުން ތަހުގީގުކުރަމުން އަންނަނީ އެމްބެޒެލްމެންޓު އަދި މަނީލޯންޑަރިންގ މައްސަލައެއްގެ ގޮތުގައިކަމަށް އެ މައްސަލަ ތަހުގީގުކުރާ ޓީމުގައި ހިމެނިވަޑައިގަންނަވާ ފުލުހުންގެ އޮފިސަރެއް މައުލޫމާތު ދެއްވިއެވެ.
މައްސަލައިގެ ތަހްގީގް ކުރިއަށް ގެންދަނީ ޖޮއިންޓް އިންވެސްޓިގޭޝަނެއްގެ ގޮތުގައި ފުލުހުންގެ އިތުރަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ފައިނޭންޝަލް އިންޓެލިޖެން ޔުނިޓު (އެފްއައިޔޫ) ގުޅިގެންކަމަށްވެސް މައްސަލަ ތަހުގީގުކުރުމުގައި އުޅުއްވާ ފުލުސް އޮފިސަރު ވިދާޅުވިއެވެ. އޭނާ ކަށަވަރުކޮށްދެއްވި ގޮތުގައި މި މައްސަލަ އެފްއައިޔޫގެ ސަމާލުކަމަށް އައިސް ބަލަމުންދާތާ މިހާރު 3 ވަރަކަށް މަސްވެއްޖެއެވެ.
މި މައްސަލައިގެ ތަހުގީގު ފުލުހުންގެ އިދާރާއިން ފެށުމާ ގުޅިގެން ފުލުހުންގެ ޚިދުމަތުގެ ތެރެއިން ތަހުގީގު ހުއްޓުވުމުގެ މަސައްކަތް މިހާރު ސަރުކާރުގެ ނުފޫޒުގަދަ ބައެއް ވެރިން ވަނީ ފަށާފައެވެ. އެކަމުގައި އެންމެ އިސްކޮށް އުޅުއްވަނީ އެމްޑީޕީގެ ޗެއާޕާސަން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލު ކަމަށް މައުލޫމާތު ދެއްވި ފުލުހުންގެ އޮފިސަރ ވިދާޅުވިއެވެ.
ހިޔާނާތުގެ ބޮޑު މިމައްސަލަ 03 މަސް ކުރިން އެންމެ ފުރަތަމަ އެމްއެމްއޭގެ ފައިނޭންޝަލް އިންޓަލިޖެންސް ޔުނިޓްގެ ސަމާލުކަމަށް އައިސްގެން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަން ފެށި ދުވަސްކޮޅު މޫކޭ ވަރަށް ބޮޑަށް ސިޔާސީ ހަރަކާތްތަކުން އެކަހެރިވެގެން އުޅުނުކަމަށް އެކަމުގެ މައުލޫމާތު އެނގޭ ފަރާތަކުން ’ދެންމެ‘ އަށް ކަށަވަރު ކޮށްދިނެވެ. އަދި އެދުވަސްވަރު ޕާޓީގެ ހަރަކާތްތަކުންވެސް އޭނާ ކޮންމެވެސް ވަރަކަށް ދުރުކުރިކަމަށް އޭނާ މައުލޫމާތު ދެއްވިއެވެ.
ފައްޔާޒު މައްސަލައިގެ ތެރެއަށް އަތް ބާންނަވައި ތަހުގީގު ހުއްޓުވަން މަސައްކަތްކުރައްވަނީ މޫކޭ އޭނާ ކިބައިން އެކަމަށް އެދިވަޑައިގަތުމުންނެވެ. އެގޮތުން މި ފައިސާ އަމިއްލަ އެކައުންޓަށް ޖަމާކޮށް ހަރަދުކުރެވުނު ގޮތް ފެންނަންނެތް ނަމަވެސް އެފައިސާ ޚަރަދުކޮށްފައިވާނީ ކުންފުނީގެ ކަންކަމަށް ކަމަށް މޫކޭ ވިދާޅުވިއެވެ. އަދި ރިޔާސީ އިންތިޚާބު ކުޑަތަންވެފައިވަނިކޮށް މި މައްސަލަ ފެންމަތިވެއްޖެނަމަ ސަރުކާރަށާއި ހާއްސަކޮށް ރައީސް އިބްރާހީމްއަށް ސިޔާސީ ގޮތުން ބޮޑު ގެއްލުމެއް ވާނެކަމަށްވެސް މޫކޭ ފައްޔާޒު އަރިހުގައި ވިދާޅުވެފައިވާކަމަށް މި މައްސަލައިގެ ތަފުސީލު އެނގިވަޑައިގަންނަވާ އެމްޑީޕީގެ އިސް ބޭފުޅަކު މައުލޫމާތު ދެއްވިއެވެ.
މި މައުލޫމާތު ލިބުމާ ގުޅިގެން އާރުޑީސީގެ އެކައުންޓުން އެ ކުންފުނީގެ ސީއެފްއޯގެ އަމިއްލަ އެކައުންޓަށް ފައިސާ ޖަމާކުރި މައްސަލައެއް ފުލުހުންގެ ޚިދުމަތުން ތަހުގީގުކުރޭތޯ ފުލުހުންގެ އިދާރާގެ ތަރުޖަމާނާއި އެ އިދާރާގެ މީޑިއާ އޮފިޝަލުންނާ ސުވާލުކުރުމުން އެއްވެސް ބޭފުޅަކު ޖަވާބުނުދެއްވާތީ ފޯނުން ގުޅުމުން އެއިން އެއްވެސް ބޭފުޅަކު ފޯނަށްވެސް ޖަވާބުދެއްވާފައިނުވެއެވެ. އެހެންކަމުން އެ އިދާރާގެ ބަހެއް މި މައްސަލާގައި ލިބިފައިނުވެއެވެ.
އާރުޑީސީގެ ފައިސާ އަމިއްލަ އެކައުންޓަށް ޖަމާކުރި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށާފައިވާއިރު، ރ.ދުވާފަރު ކައުންސިލުގެ މެންބަރުން އެ ކައުންސިލުގެ ފައިސާ އަމިއްލަ އެކައުންޓުތަކަށް ޖަމާކުރި މައްސަލައެއް ތަހުގީގުކޮށް ނިމި ދައުވާކުރަން ފޮނުވުމުން ދައުވާކުރުމުގެ ބަދަލުގައި ނަސޭހަތްދިނުމުގެ އެއްބަސްވުމެއް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުންވަނީ ހަދާފައެވެ. އެ މައްސަލަ ނުބަލައި އޮއްބާލާފައިވަނީ ދައުވާކުރަން ފޮނުވުނު ކައުންސިލަރުންގެ ތާއީދު ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހީމްއަށް ދިނުމަށް ޝަރުތުކޮށް އެފަރާތްތަކުން އެކަމަށް އެއްބަސްވެގެންނެވެ. އެގޮތުން ދާދިފަހުން އޭގެ ތެރޭގައި ހިމެނޭ ޕީޕީއެމް ކައުންސިލަރެއް ވަނީ އެމްޑީޕީއަށް ސޮއިވެސް ކޮށްފައެވެ.