ސިޔާމް މިހެން ވިދާޅުވީ ފުވައްމުލައް ސިޓީގައި ”އަމާން ރާއްޖެ“ ނަމުގައި ރައީސް އިބްރާހިމްގެ 2023 ރިޔާސީ ކެމްޕެއިންއަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ރިޔާސީ އިންތިޚާބަށް އެމްޑީޕީ އާއި އެކު ކޯލިޝަން ހަދައިފައިވާ އެމްޑީއޭގެ ރައީސް ސިޔާމް ވަނީ މިރޭގެ ޖަލްސާގައި ކޮވިޑްގެ ޙާލަތުގައި ރައީސް އިބްރާހިމް އެޅުއްވި ފިޔަވަޅުތަކަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވާފައެވެ. އެގޮތުން ސިޔާމް ފާހަގަކުރެއްވި ގޮތުގައި ދިވެހިރާއްޖޭގައި ކޮވިޑުގެ ހާލަތް މެނޭޖުކުރީ ދުނިޔޭގެ ބޮޑެތި ބާރުތަކަށް ވެސް މެނޭޖުކުރެވިފައިނުވާހާ ފުރިހަމަކޮށްކަމަށެވެ.
”ފޮނި އެއްޗަކުން ނިކުންނާނީ ފޮނި،އެއީ ޝައްކެއް އޮތް ކަމެއް ނޫން. އެ ފިތާލީމާ އަންނާނީ ފޮނި، އެހެންވީމާ އަޅުގަނޑުމެން ފިތިގެން ދިޔަ ދަނޑިވަޅުގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ވެސް ފިތިގެން ދިޔައީ، ފިތިގެން ދިޔަ ވަގުތުގައި ވެސް އެމަނިކުފާނު ގައިން އައީ ކޯޗެއްތޯ، މާމުއި! މީހުންނަށް ދެއްކޭނެ އަދި އުފާވާނެ ކަރަށް ރަހަލާނެ ރީތި މާމުއި އިނގޭތޯ“ ސިޔާމް ވިދާޅުވިއެވެ.
މިރޭގެ ޖަލްސާގައި ސިޔާމް ވަނީ ރާއްޖެއިން ކޮވިޑް19ގެ ޙާލަތުގައި ބޯޑަރު ހުޅުވާލައި އަމަލުކުރި ގޮތުގެ [ރެސިޕީ] ހޯދުމަށް ސީޝަލްސް، ދުބާއި އަދި އަވަށްޓެރި އިންޑިޔާ އާއި ނޭޕާލް ފަދަ ގައުމުތަކުން ވެސް ގުޅި ކަމަށެވެ.
ސިޔާމް މިފަދައިން ވިދާޅުވެފައިވާއިރު، މިއަހަރުގެ ޖެނުއަރީ މަހު ފޮރިން މިސްޓަރު އަބްދުﷲ ޝާހިދު ވެސް ވަނީ ”ރައީސް ސާލިހުގެ ފޯމިއުލާ ހޯދަން ދުނިޔޭގެ ގައުމުތަކުގެ ވެރިން އުޅޭ“ ކަމަށް ވިދާޅުވެފައެވެ. އެހެން ނަމަވެސް އެ ފޯމިއުލާ ހޯދުމަށް ”ދިޔަރެސް“ ގެ ފަރާތުން މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން އެދުމުން ފޮރިން މިނިސްޓްރީން ވަނީ އެ މައުލޫމާތު ދިނުމަށް ދެކޮޅު ހަދައިފައެވެ. ފޮރިން މިނިސްޓްރީން އެ މައުލޫމާތު ދިނުމަށް ދެކޮޅު ހެދި ނަމަވެސް، ”ރައީސްގެ ކޮވިޑް ފޯމިއުލާ“ ހޯދަން އެދުނު ގައުމުތައް ހާމަކުރުމަށް އިންފޯމޭޝަން ކޮމިޝަނަރުގެ އޮފީހުން ފޮރިން މިނިސްޓްރީއަށް އެންގިއެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ އެންގުމާއި އެއްގޮތަށް ފޮރިން މިނިސްޓްރީން އެ މައުލޫމާތު ހިއްސާކޮށްފައި ނުވާއިރު، މިނިސްޓްރީން މިހާރު ވަނީ އެ މައްސަލަ އިސްތިއުނާފު ކުރުމަށް ހައިކޯޓަށް ހުށަހަޅާފަ އެވެ. ނަމަވެސް އެ މައްސަލަ އަދި ބަލައެއް ނުގަނެ އެވެ.