މިދިޔަ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގެ ތެރެއިން ވީ ވައުދުތައް، މި ދައުރުގެ ތެރޭގައި ނިންމައިވައިދެއްވާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ހއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުފުޅުގެ ތެރެއިން، މިއަދު އެ އަތޮޅު މުރައިދޫއަށް ވަޑައިގެން ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ މުރައިދޫއަކީ އާބާދީ ކުޑަ ރަށެއް ނަމަވެސް، އަދި އެރަށުގެ އިންތިހާބުގެ ނަތީޖާއަށް ބެލުމެއް ނެތި ރަށަށް ބޭނުންވެފައި ހުރި ކަންކަން ފުރިހަމަކޮށްދެމުން އަންނަ ކަމަށެވެ.
”އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެ [2018 ވަނަ އަހަރުގެ] އިންތިހާބުގައި ވީ ވައުދުތައް ބަރާބަރަށް ހުރިހާކަމެއް ކޮށްދީ މި ދައުރުގައި ނިންމައިދޭނަން،“ ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި އެމަނިކުފާނާއި އެމަނިކުފާނުގެ ކޯލިޝަން ޕާޓްނަރުންގެ އޮތީ އެއް މަގްސަދެކެވެ. އެއީ ރައްޔިތުންނަށް ހިދުމަތްކޮށް، ގައުމު ތަރައްގީ ކުރުމަށް މަސައްކަތް ކުރުމެވެ. އަދި ސިޔާސީ ގޮތުން ހިޔާލު ތަފާތުވުން ހުރި ނަމަވެސް އިސްކުރަނީ ރައްޔިތުންނަށް ހިދުމަތްކުރުން ކަމަށް ވިދާޅުވި އެވެ.
އެގޮތުން މުރައިދޫގައި ސަރުކާރުން ހަތް މަޝްރޫއެއް ކުރިއަށް ގެންގޮސް ނިންމާލާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އެރަށުގައި 12 މަޝްރޫއެއް ހިންގުމަށް ސަރުކާރުން ވައުދުވެފައި އެބަ އޮތެވެ.
”އަޅުގަނޑު މިރަށުގެ ރައްޔިތުންނަށް ވެސް ގޮވައިލަނީ ސިޔާސީ ހިޔާލު ތަފާތުވުންތައް އެކަހެރިކޮށް، ރިޔާސީ އިންތިހާބުގައި މިފަހަރު އަޅުގަނޑުމެންނަށް ވޯޓު ދެއްވުމަށް. އެއީ ގެއްލިގެންދާނެ އެއްޗެއް ނޫން،“ ރައީސް ވިދާޅުވި އެވެ.
”ތިޔަބޭފުޅުން ތިޔަ ހޮއްވަވަނީ ކުރިއަށް އޮތް ފަސް އަހަރު ދުވަހަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ. ވޭތުވެދިޔަ ތަނުގައި ވެރިއަކު ފަސް އަހަރަށް ހޮވީމާ އަދި އޭގެ ކުރީ ފަހަރު ހޮވީމަވެސް ވީގޮތް ތިބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. ކަން ވެގެން ދިޔަގޮތް.“
ރައީސް ވިދާޅުވި ގޮތުގައި ރައްޔިތުން ވިސްނަންވީ ވާ ވައުދުތަކާ އެއްގޮތަށް ސުލްހެވެރިކަމާއި ހަމަޖެހުމާ އެކީގައި ރާއްޖެ ކުރިއަށް ގެންދެވޭނެ ގޮތަކާ ދޭތެރޭ އެވެ.
”ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ތިބޭފުޅުންނަށް ވަރަށް ސާފުކޮށް ފެނިވަޑައިގަންނަވާނެ އަޅުގަނޑުމެން ކަންތައް ކުރަމުން އައި ގޮތް. ސިޔާސީ ހަލަބޮލިކަމުގެ ތެރެއަށް ނުގޮސް އަޅުގަނޑުމެންގެ އަމާޒަކަށްވީ ސީދާ އެ ވީ ވައުދުތައް ފުއްދުމުގައި ދެމިތިބުން،“ ރައީސް ވިދާޅުވި އެވެ.
”ފާޑުކިޔާ، އެ ކިޔުން ހައްދުން ނައްޓައިގެން ވެސް ދޭ. އެހެންނަމަވެސް އަޅުގަނޑުމެން އަޅައެއް ނުލަން އެކަމަކަށް. އެއަށްވުރެ މުހިންމު ކަމެއް އެބެއް، ތިބޭފުޅުން އަޅުގަނޑުމެންނާ ހަވާލުކުރި މަސައްކަތް ކޮށް ނިންމުން، މިއަދު އަޅުގަނޑު މިތާހުރެ އުފަލާއެކު ދަންނަވާނީ އަޅުގަނޑުމެންވީ ވައުދުތަކުގެ 90 ޕަސެންޓު މިހާރު މިދަނީ ނިމެމުންނޭ.“
މީގެ ކުރިން އިންތިހާބުގައި ވީ ވައުދުތައް މި ދައުރުގައި ފުއްދަވައިދެއްވައި ”ދެންވެސް ވައުދެއް ވެއްޖިއްޔާ، ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި އެކަން ވެސް ކޮށްދީ ނިންމާނެ“ ކަމަށް ރައީސް ވިދާޅުވި އެވެ.
ގުޅުންހުރި ލިޔުންތައް