ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް އަމާޒުވާ ފާޑުކިޔުންތަކުން އެމަނިކުފާނު ދިފާއުކުރެއްވުމަށް އައްޑޫ މީދޫ ދާއިރާގެ މަޖިލިސް މެންބަރު ރޮޒައިނާ އާދަމް ބޭއަދަބީ ބަހުރުވަ ބޭނުންކުރައްވައިފިއެވެ.
ރައީސް އިބްރާހީމްގެ ކެމްޕެއިނުގެ ތެރެއިން ބޭއްވި ޖަގަހަ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ރޮޒައިނާ ފާހަގަކުރެއްވީ ކޮވިޑުގެ ސަބަބުން ރާއްޖޭގެ އިޤުތިޞާދަށް ކުރިމަތިވި ގޮންޖެހުންތަކުން އަރައި ގަނެވުނު ގޮތަށް އިޝާރާތްކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
އެގޮތުން ރާއްޖޭގެ ދަރަނި ރައީސް އިބްރާހީމުގެ ވެރިކަމުގައި ބޮޑުވީ ކޮވިޑުގެ ދަތިކަމުގައި މުވައްޒަފުންގެ މުސާރަ ދިނުމަށާއި، ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދީ އިޤުތިޞާދު ހިފަހެއްޓުމަށް ބޭނުންވާ ފައިސާ ދަރަންޏަށް ހޯދަން މަޖުބޫރުވުމުން އެކަން ކުރެއްވުމުގެ ސަބަބުންކަމަށް ރޮޒައިނާ ވިދާޅުވިއެވެ.
ރޮޒައިނާ މިފަދައިން ވިދާޅުވިއިރު މި ސަރުކާރުން މިހާތަނަށް 41 ލޯނެއް ނަގާފައިވާއިރު އެއިން ކޮވިޑާ ގުޅިގެން ނެގި ލޯނުގެ އަދަދު 10 އަށް ނާރައެވެ. އެހެންކަމުން ލޯނު ނެގީ ކޮވިޑުން އަރައިގަނެ، ކޮވިޑުގެ އިޤުތިޞާދީ ކާރިސާގައި ފަރުދުންނާއި ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމުގައި ބުނެ ސަރުކާރަށް ތާއީދުކުރާ މީހުން ދައްކާ ވާހަކައަކީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކައެކެވެ.
ރައީސް އިބްރާހީމުގެ ވެރިކަމުގައި ފައިސާ ޗާޕުކުރަމުންދާތީ މީހުން ފާޑުކިޔާތީ އެކަމަށްވެސް ރޮޒައިނާ ދެއްވި ރައްދަކީ އެއީ ރައްޔިތުން ބަނޑަށް ޖެހިޔަނުދިނުމަށް ސަރުކާރުން އަޅަންޖެހޭ ފިޔަވަޅެއް ކަމުގައި ވިދާޅުވުމެވެ. ނަމަވެސް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މިހާރު ތަކުރާރުކޮށް ވިދާޅުވާ ގޮތުގައި ރާއްޖޭގެ އިޤުތިޞާދު ކޮވިޑުގެ ކުރީގެ ހާލަތަށްވުރެ މިހާރު ރަނގަޅެވެ.
ރޮޒައިނާ މިމޭރަމުން ވާހަކަދައްކަވަމުން ވިދާޅުވީ، ”ދެން ހަމަ އިރުއިރުކޮޅާ ލާރި ޗާޕުކުރިއްޔޭ، އަޅުގަނޑު ދަންނަވާނީ އަދިވެސް ކުރަންވީއޭ. އެދުވަހު އެކަން ކުރީތީ މިއަދު އަޅުގަނޑުމެން ރިސޯޓުތައް ފުރި ބާރުއަރަނީ،“ ކަމަށެވެ.
އަދި ކޮވިޑުގެ ތެރޭގައި ރައީސް އިބްރާހީމު ކުރެއްވިކަމަށް ރޮޒައިނާ ވިދާޅުވެދެއްވި ކަންކަން އެމަނިކުފާނު ކުރެއްވީ، ”ފާޚާނާ ތަށި މަތީ އިށީނީމާ ނުކުންނަ އެއްޗަކުން ނޫނޭ“ ކަމަށް ވިދާޅުވެ ރޮޒައިނާވަނީ އާންމު އިޖުތިމާއީ އަދަބާ ޚިލާފު ބަހުރުވަ ބޭނުންކުރައްވާފައެވެ.
ރޮޒައިނާއަކީ ރައީސް އިބްރާހީމުގެ ވެރިކަމުގައި އެންމެ ބޮޑު ފައިދާވި އެއް މަޖިލިސް މެންބަރުކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރެއެވެ. އެގޮތުން އޭނާއަށް ކުލިނިކެއް ހިންގެވުމަށް ހުޅުމާލެއިން ބިމެއް ސަރުކާރުން ވަރަށް ކުޑަ އަގެއްގައި ހަމަޖައްސައިދީފައިވެއެވެ. އަދި އޭނާގެ ފިރިކަލުންނަށް ރިސޯޓު ތަރައްޤީކުރަން ކުޑަ އަގުގައި ރަށެއްވެސް ދޫކުރިއެވެ.