ބ. ދޮންފަނުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ އެ ރަށާ ކައިރީގައި އޮންނަ ހަނިފަރު (ރަށް) ދޮންފަނު ރައްޔިތުންނަށް ބޭނުންކުރެވޭ އަދި އިގްތިސާދީ މަންފާ ހޯދޭނެ ރަށަކަށް ހަދައިދޭނެކަމަށް ދަ ޑިމޮކްރެޓިކްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބްގެ ރަނިންމޭޓް ހުސެއިން އަމްރު ވިދާޅުވެއްޖެ އެވެ.
އަމްރު ވަނީ ބ. އަތޮޅުގެ އުތުރު ބިތުގެ ބައެއް ރަށްރަށަށް ވަޑައިގެންފަ އެވެ.
މި ދަތުރުފުޅުގައި ދޮންފަނަށް ވަޑައިގެން އަމްރު ވިދާޅުވީ ދޮންފަނުގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ހަނިފަރު އެއްވެސް ބަޔަކަށް މިއަދު ބޭނުން ނުކުރެވޭ ކަމަށެވެ. ނަމަވެސް ދަ ޑިމޮކްރެޓިކްސްގެ ވެރިކަމެއްގައި ހަނިފަރަކީ ދޮންފަނު ރައްޔިތުންނަށް ބޭނުންކުރެވޭ އަދި ބައިވަރު އާމްދަނީ ލިބޭނެ ރަށަކަށް ހަދައިދޭނެ ކަމަށް އަމްރު ވިދާޅުވި އެވެ.
“ބޭނުންވަނީ ހަމަ ކުޑަކުޑަ ކަމެއް ކޮށްލަން، ބޭނުންވަނީ ހަމައެކަނި ގެންނަށްޖެހޭ ބަދަލުތަކެއް ގެންނަށް. އޭރުން ދޮންފަނުގައި އެބަތިބި އެ މަސައްކަތް ކުރާނެ މީހުން. މަސައްކަތްތެރިން އެބަތިބި. އެހެންވީމަ އެ މަސައްކަތެރިން އެ މަސައްކަތްކުރުމަށް ޖާގަ އަޅުގަޑުމެން އިރާދަކުރެއްވިއްޔާ ހުޅުވާލަދޭނަން،” އަމްރު ވިދާޅުވި އެވެ.
ދޮންފަނު ރައްޔިތުން ޕިކްނިކް ދިއުމަށް ހާއްސަ ރަށެއްގެ ގޮތުގައި ހަނިފަރު ހަމަޖައްސައިދިނުމަށް އެރަށު ކައުންސިލުން މިދިޔަ އަހަރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ވެސް ހުށަހަޅައިފައިވެ އެވެ.