ކޭޕާކު ފްލެޓުތަކަށް ފައިސާ ދިން މީހުންނަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާތީ، އެމީހުންގެ ފަރާތުން ޕެޓިޝަނެއް ރައީސް އިބްރާހީމް މުޙައްމަދު ސޯލިހުއަށް ހުށަހަޅައިފިއެވެ.
ކޭޕާކް ފްލެޓް ގަންނަން ފައިސާ ދެއްކި ނަމަވެސް ފްލެޓު ނުލިބުމުގެ ސަބަބުން ގެއްލުން ލިބެމުންދާ މީހުންގެ ފަރާތުން ހުށަހެޅި ޕެޓިިޝަނުގައި ބުނެފައިވަނީ އެ މައްސަލައާ ގުޅިގެން އެތައް ފަހަރެއްގެ މަތިން އެޗްޑީސީއާ ބައްދަލުކޮށް، ކަންބޮޑުވުންތައް ހިއްސާކޮށްފައިވާނެ ކަމަށެވެ. ނަމަވެސް، މިހާތަނަށް މައްސަލައިގެ ހައްލެއް ލިބިފައިނުވާ ކަމަށް އެ ޕެޓިޝަނުގައި ވެއެވެ.
”އުމުރުދުވަހު އެއްކުރެވުނު ފައިސާއަކާ އަދި ނުވިތާކަށް ދަރަންޏަށް ފައިސާ ނަަގައިގެން، އެ ދަރަނިތައް ބޮލުގައި އަޅައިގެން ގިނަބަޔަކު ބޭންކުގެ އިންޓަރެސްޓު ދައްކާތާ އެތައް އަހަރެއް ފާއިތުވީ އިރު ވެސް މި އިމާރާތް ނުނިންމުނެވެ.“ ޕެޓިޝަނުގައި ވެއެވެ.
އެ އިމާރާތާ އިންވެގެން ހުރި ޖާހުގެ ގާޑެންސް ފްލެޓުތައް ނުނިމި ދިގުލައިގެން ދިއުމުން އެޗްޑީސީން އަތުލާފައިވީ ނަމަވެސް، ކޭޕާކަށް އެފަދަ ހައްލެއް ވެސް ލިބިފައިނުވާކަން ޕެޓިޝަނުގައި ފާހަގަކޮށްފައިވެއެވެ.
ހުޅުމާލޭ ސެންޓްރަލް ޕާކު ކައިރީ 2016 ވަނަ އަހަރުން ފެށިގެން ހަދަމުން ދިޔަ ކޭޕާކް މަސައްކަތް އަދިވެސް ނުނިމި ވަނީ ހުއްޓިފައެވެ.
އެ އިމާރާތްކުރި ހަންބޯ ކުންފުނީގެ ހިއްސާދާރުންގެ މެދުގައި މަކަރާއި، ހީލަތުގެ މައްސަލައެއް ޖެހި، އެ ކުންފުނީގެ ދިވެހި ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ) ހައްޔަރު ވެސް ކުރިއެވެ. ނަމަވެސް މިހާރު އޭނާ ހުރީ ބަންދުން ދޫކޮށްލާފައެވެ.
މަންޑޭގެ މައްޗަށް ތުހުމަތުކުރެވެނީ އެ ފްލެޓުތައް ވިއްކުމުގެ ނަމުގައި ގިނަ ބައެއްގެ އަތުން އޮޅުވާލައިގެން ފައިސާ އަތުލާފައިވާ ކަމަށެވެ. އެއް އެޕާޓްމެންޓެއް އެތައް ބަޔަކަށް ވިއްކުމާއި، ކާރު ފަަދަ މުދާ އެޕާޓްމެންޓުގެ އަގުގެ ބަދަލުގައި ނެގުން އަދި ނުއަގުގައި އެޕާޓްމެންޓު ވިއްކުންފަދަ ކަަންކަން އޭނާގެ ފަރާތުން ހިނގާފައިވާކަމަށް އެ ކުންފުނީގެ މައި ހިއްސާދާރު ތުހުމަތުކުރެއެވެ.
އެ މައްސަލައިގައި މަންޑޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އޭނާގެ މައްޗަށް އެ ތުހުމަތުތައް ކުރަނީ އަބުރު ގެއްލުވާލުމުގެ ނިޔަތުގައި ކަމަށެވެ.