ވަރިއަކީ އެހާ އާންމު ކަމެއް ނުވަތަ އެހާ އާދައިގެ ކަމެއްގެ ގޮތުގައި ބަލައިގަނެވެނީ ކީއްވެތޯ މިއީ އަޅުގަނޑުގެ ހިތުގައި އާންމުކޮށް އުފެދޭ ވަރަށް ވެސް ބޮޑު ސުވާލެކެވެ. އަޅުގަނޑުމެންގެ މި ކުޑަ ކުޑަ ދިވެހި ރާއްޖޭގައި ވަރިއަކީ ވަރަށް އާންމު ކަމަކަށް ވާއިރު ކުރެވޭ ގިނަ ކައިވެނިތައް ނިމެނީ ވަރި ނުވަތަ ދާއިމީ ވަކިވުމަކުންނެވެ.
ކޮމިޓްމަންޓަކީ ބައެއް ދެމަފިރިން ވަރި ނުވެ ދެމެހެއްޓުމުގައި ވަރަށް ވެސް މުހިންމު ރޯލެއް އަދާ ކުރާ އެއްކަމެވެ. ވަރިކުރަން ކޮންމެހެން ޖެހޭ އެތައް ބައިވަރު ހާލަތްތަކެއް ވީ ނަމަވެސް ހާލަތްތައް ދިމާ ނުވާ މީހުން ގިނަ ފަހަރަށް ފަހުން ފާހަގަ ކުރާގޮތުގައި ވަރި ކުރުމުގެ ކުރިން އިތުރަށް މަސައްކަތް ކުރެވުނުނަމައޭ ފަހުން ހިތަށް އަރައެވެ. ދިރާސާތަކުން ދައްކާ ގޮތުގައި އާންމުކޮށް އަލަތު ކައިވެނިތަކުގެ ތެރެއިން %40-50 ކައިވެނި ނިމޭނީ ވަރި ނުވަތަ ދާއިމީ ވަކިވުމަކުންނެވެ. އަދި ދެވަނަ އަށް ކުރާ ކައިވެނިތަކުގެ ތެރެއިން ގާތްގަނޑަކަށް %60–%65 ކައިވެނި ނިމޭނީ ވަރިވެގެންނެވެ.
ފާއިތުވެދިޔަ އަހަރުތަކުގެ ތެރޭގައި ކޮށްފައިވާ ދިރާސާތަކުން ވަނީ ވަރި ގިނަވާ ސަބަބުތަކެއް ހޯދާފައެވެ. އެ ގޮތުން މާ ޒުވާން އުމުރުގައި ކައިވެނި ކުރުމާއި، ތައުލީމާއި އާމްދަނީ މަދުވުމާއި، ކައިވެންޏަށް ވައުދުވުމުގެ ކުރިން އެކުގައި އުޅުމާއި، ކައިވެނީގެ ކުރިން ބަލިވެ އިނުމާއި، ދީނީ ގުޅުމެއް ނެތުމާއި، ވަރިވެފައިވާ އާއިލާއަކުން އައުމާއި، ރައްކާތެރިކަމުގެ އިހުސާސް ނުލިބުން މިއީ ވަރީގެ ސަބަބުތައް ކަމަށް މި ދެންނެވި ދިރާސާތަކުން ދައްކައެވެ.
މާ ޒުވާން އުމުރުގައި ކައިވެނި ކުރުން:- ވަރަށް ޅަ އުމުރުގައި ކައިވެނި ކުރުމަކީ ވަކިން ޚާއްޞަކޮށް ކައިވެނީގެ ކުރީ އަހަރުތަކުގައި ވަރިވުމުގެ ފުރުޞަތު އިތުރުކޮށްދޭ ކަމެކެވެ. ސަބަބަކަށް ވެގެން ދަނީ ކައިވެނި ކުރާ އިރު ދެމީހުންގެ ވިސްނުންވެސް ރަނގަޅަށް އުފެދިފައި ނުވުމާއި ވިސްނުމުގައި ކޮށިކަމެއް ހުރުން ކަމުގައި ބެލެވެއެވެ.
ތަޢުލީމުގެ އުނިކަން:- ދިރާސާތަކުން ދައްކާ ގޮތުގައި މަދުވެގެން ކޮންމެވެސް ވަރަކަށް ކޮލެޖް ތައުލީމު ލިބިފައިވާ މީހުން ވަރިވުމުގެ ފުރުސަތު ކުޑައެވެ. އެއީ ސްކޫލުތަކުންވެސް ކޮންމެވެސް ވަރަކަށް ކައިވެނީގެ މުހިންމުކަމުގެ ވާހަކަ ދަރިވަރުންނަށް ކިޔާދީފައިވުމުން ކަމަށް ގަބޫލުކުރެވެއެވެ.
އާމްދަނީ ދަށްވުން:- ކައިވެނި ކޮށްގެން އުޅޭ އިރު ރަނގަޅު އާމްދަނީ އަކީ ވަރަށްވެސް މުހިންމު އެއްޗެކެވެ. ސަބަބަކީ ރަނގަޅު އާމްދަނީ އެއް ލިބުމުން ކުރަންޖެހޭ ކަންތައް ކުރަން ފަސޭހަވަނެތީއެވެ. ކުޑަ އާމްދަނީއެއް ލިބޭކަމުގައި ވާނަމަ ގިނަފަހަރަށް ކުރަންޖެހޭ ކަންތައް ނުކުރެވުމުން ދެމީހުންގެ ދެމެދުގައި މައްސަލަ ޖެހި، ވަރި ކުރަން ޖެހޭ ހިސާބަށް ކަންތައް ދެއެވެ.
ކައިވެނީގެ ކުރިން ދެމީހުން އެއްކޮށް އުޅުން:- ކައިވެނީގެ ކުރިން އެކުގައި ދިރިއުޅޭ ދެމީހަކު ކައިވެނި ކޮށްފިނަމަ ވަރިވުމުގެ ފުރުސަތު ބޮޑު ކަމަށް ފެންނަ ނަމަވެސް މި ނުރައްކާ ގިނައިން ދިމާވަނީ ގިނަ ބައިވެރިން ތަކަކާއި އެކީ މިގޮތަށް ދިރިއުޅެފައިވާ ދެމަފިރިންނަށެވެ. އާންމުކޮށް ގަބޫލުކުރާ ގޮތުގައި ކައިވެނީގެ ކުރިން އެކުގައި ދިރިއުޅުމަކީ އެކަކު އަނެކަކު ރަނގަޅަށް ދެނެގަތުމުގެ ފުރުސަތު ލިބޭ ކަމެކެވެ. ނަމަވެސް ދިރާސާތަކުން ދައްކާ ގޮތުގައި ކައިވެނީގެ ކުރިން އެކުގައި ދިރިއުޅޭ މީހުންނަށް ވަރިއާ މެދު ކޮންމެވެސް ވަރަކަށް އަދައިގެކަމެއްގެ ގޮތުގައި ދެކެވެން ފެށިފައި ވާނެއެވެ. ވަރިއާ މެދު މި ގޮތަށް ވިސްނުމަކީ ދެމަފިރިން ހައި ރިސްކަކަށް ވާ ސަބަބެކެވެ. ނަމަވެސް މި ހޯދުންތަކުގައި ބައެއް އިންޒާރުތައްވެސް އެބަހުއްޓެވެ. ދިރާސާތަކުން ދައްކާ ގޮތުގައި އެންގޭޖްވެ، ދެން އެކުގައި ދިރިއުޅެން ބަދަލުވާ ބައިވެރިން ކައިވެންޏަށްފަހު ވަރިވުމުގެ ނުރައްކާ މިހާރު މާ ބޮޑެވެ. ކައިވެންޏާ މެދު އެމީހުންގެ ކޮމިޓްމަންޓު ވަރަށްވެސް ކުޑަކަން ދިރާސާތަކުން ދައްކައެވެ.
ކައިވެނީގެ ކުރިން ބަލިވެ އިނުމާއި ދަރިން ލިބުން:- ކައިވެނީގެ ކުރިން ބަލިވެ އިނުމާއި ދަރިން ލިބުމަކީ ކައިވެނީގެ ފަހުން ވަރިވުމުގެ ފުރުސަތު ވަރަށް ބޮޑަށް އިތުރުކޮށްދޭ ކަމެކެވެ. ސަބަބަކަށްވެގެން ދަނީ ގިނަފަހަރަށް އެގޮތަށް ދަރިން ލިބެނީ އެމީހުން ހޯދަން ބޭނުންވެގެން ނޫން ކަމަށްވާތީއެވެ.
ދީނާ ދުރުވުން :-ދިރާސާކުރާ ފަރާތްތަކުން ލަފާކުރާ ގޮތުގައި ދީނާ ގާތްކަމެއް އޮންނަ މީހުންނާ އަޅާބަލާއިރު ދީނާ ދުރު މީހުން ވަރި ވުރުމުގެ ފުރުސަތު ބޮޑެވެ. ސަބަބަކަށް ވެގެން ދަނީ އެމީހުންނަށް ކައިވެނީގެ މުހިންމުކަމާއި މާތްކަން އިހްސާސް ނުވުމެވެ.
މައިންބަފައިންގެ ވަރި:- ހިތާމައަކީ މައިންބަފައިންގެ ވަރި ތަޖުރިބާ ކުރުމުން ވަރިވުމުގެ ނުރައްކާ އިތުރުވެގެން ދާކަމެވެ. އަދި ތިބާގެ ބައިވެރިޔާ ވެސް އެމީހުންގެ މައިންބަފައިންގެ ވަރި ތަޖުރިބާ ކޮށްފައި ވާނަމަ ވަރީގެ ފުރުސަތު އިތުރުވެއެވެ.
ދިރާސާތަކުން ދައްކާ ގޮތުގައި ވަރިވުމަށް މީހުން ދޭ އެންމެ އާންމު ސަބަބުތަކަކީ ކޮމިޓްމަންޓް ނެތުމާ، މާ ގިނައިން ޒުވާބު ކުރުމާ، ޚިޔާނާތްތެރިވުމާ، މާ ޒުވާން އުމުރުގައި ކައިވެނި ކުރުމާ، ޙަޤީޤަތާ ނުބައްދަލު އުންމީދުތަކާ، ގުޅުމުގައި ހަމަހަމަކަން ނެތުމާ، ކައިވެންޏަށް ތައްޔާރު ނުވުމާއި، އަނިޔާކުރުމެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ވަގުތު ހޭދަވަމުންދާވަރަކަށް ލޯބި ބަދަލުވެއެވެ. ލޯބި ގެއްލެމުންދާކަހަލަ އިހުސާސެއް ކުރެވޭނަމަ، ކައިވެނީގެ ކައުންސެލިންގ އިން އެ ލޯބި އަލުން އިޔާދަކުރުމަށް އެހީތެރިވެދޭނެ އާ ނަޒަރިއްޔާތެއް ހޯދުމަށް އެހީތެރިވެދެވިދާނެކަން އެ ދިރާސާ ތަކުގައި ފާހަގަ ކޮށްފައިވެއެވެ.