އިންޑިޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަ ސަފީރު މޫނޫ މަހާވަރު ދިވެހިރާއްޖޭގެ ޤައުމީ ދިފާއީ ބާރުގެ މައި މަރުކަޒަށް ވަންނަ ފޮޓޯއެއް ސޯޝަލްމީޑިއާގައި އާންމުވެއްޖެއެވެ.
ސޯޝަލްމީޑިއާގައި އާންމުވެފައިވާ ފޮޓޯއިން ފެންނަނީ މޫނޫ މަހާވަރުގެ ކާރު ބަންޑާރަކޮށީގެ މައި ގޭޓުން ވަންނަ މަންޒަރެވެ. މިކަމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުންފާޅުކުރަމުންނެވެ. އިންޑިއާ ސަފީރު ބަންޑާރަކޮއްޓަށް ވަންނަ ފޮޓޯއެއް އަލަށް އާންމުވިޔަސް މީގެ ކުރިން އިންޑިއާ ސިފައިން އެތަނަށް ވަންނަ ފޮޓޯވެސް ވަނީ އާންމުވެފައެވެ.
އަދި އިންޑިއާ ސަފީރު ވަރަށް ގިނައިން ރައީސް އޮފީހަށާއި ބަންޑާރަކޮއްޓަށް ދާކަމަށް އެތަންތަނުގައި މަސައްކަތް ކުރާ ފަރާތްތަކުން މީގެކުރިންވެސް ރިޕޯޓުކޮށްފައިވެއެވެ.
އިންޑިއާ ސަފީރު ބަންޑާރަކޮއްޓަށް ވަންނަ ފޮޓޯ ޓުވިޓަރގައި ހިއްސާ ކުރައްވަމުން މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިޤްު ޓޮމްވަނީ އެ ސަބަބާހުރެ އެކަނިވެސް މިހާރުގެ ވެރިކަން ބަދަލުކުރަންޖެހޭ ކަމަށް ވިދާޅުވެފައެވެ.
ރައީސް އިބްރާހީމް ވެރިކަމަށް ވަޑައިގަތްފަހުން ރާއްޖޭގެ އެކިސަރަހައްދުތަކުގައި އެތައް ސަތޭކަ އިންޑިއާ ސިފައިން ވަނީ ދާއިމީ ގޮތެއްގައި ބައިތިއްބާފައެވެ. އަދި މާލެ ކައިރީގައި އިންޑިއާ ސިފައިންގެ ކަނޑުގެ މަރުކަޒެއް ދަނީ ތަރައްޤީކުރަމުންނެވެ. ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިންނާ ދެކޮޅަށް އަޑުއުފުލުން ރައީސް އިބްރާހީމްގެ ގަރާރަކުން މަނާކޮށްފައިވާއިރު، އިންޑިއާ ސިފައިން ތިބޭ އަދަދު ހާމަކުރަން ސަރުކާރުން ވަނީ ދެކޮޅު ހަދާފައެވެ.