ދަނޑުވެރިން ހައްދާ ތަކެތި ސީދާ ބާޒާރަށް ނެރެ ވިއްކުމުގެ ބަދަލުގައި އިތުރަށް މަންފާވާނެ ގޮތަށް އެތަކެތިން އިތުރު ޕްރޮޑަކްޓެއް އުފައްދައި ބާޒާރަށް ނެރެ ވިއްކޭނެ މަގަކަށް ނިޒާމު ބަދަލުކުރުމަކީ އެކަމުގައި ގެންގުޅޭނެ ސިޔާސަތު ކަމަށް ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓު އިލްޔާސް ލަބީބް ރޭ ވިދާޅުވެއްޖެ އެވެ.
އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި، ދަނޑުވެރިކަމުގައި ނަގާކިޔާ އއ. ތޮއްޑޫގައި ބޭއްވި ޖަލްސާގައި އިލްޔާސް ވިދާޅުވީ ދަނޑުވެރިން އުފައްދާ ތަކެތިން ތަފާތު ގިނަ ކަންކަން ކުރެވިދާނެ ކަމަށާއި އޭގެ ތެރޭގައި ޖޫސް ބަންދުކުރުމާއި ޑްރައި ފްރުޓް ފަދަ ތަކެތި އުފެއްދައި ބާޒާރަށް ނެރުނަ ހިމެނޭ ކަމަށެވެ. އެގޮތަށް ނިޒާމު ބަދަލުކުރުމުން ދަނޑުވެރިން މިހާރު ސީދާ ބާޒާރަށް ތަކެތި ނެރެ ވިއްކުމުން ފައިދާވާ މިންވަރަށް ވުރެ ވެސް މާބޮޑަށް ފައިދާވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
”ދަނޑުން އުފައްދާ ތަކެތި އުފައްދާ ގޮތަށް ވިއްކުމަށް ވުރެ އެއިން އިތުރު ޕްރޮޑަކްޓެއް އުދައްދާފައި ވިއްކީމަ އޭގެ އަގު ހަތަރު ފަސް ގުނަ އިތުރުވޭ،“ އިލްޔާސް ވިދާޅުވި އެވެ.
އިލްޔާސް ވިދާޅުވި ގޮތުގައި ޑިމޮކްރެޓްސްގެ ވެރިކަމެއްގައި ސިޔާސަތަކަށް ވާނީ ދަނޑުވެރިން އުފައްދާ ތަކެތިން ވެލިއު އިތުރުކުރެވޭނެ ނިޒާމެއް އުފެއްދުމެވެ.
ދަނޑުވެރިން އުފައްދާ ތަކެތިން އިތުރު ބައި ޕްރޮޑަކްޓްތައް އުފެއްދުމަށް އެބަ ބޭނުންވޭ ކުދި ފެކްޓްރީތަކާއި ކުދި މެޝިންތައް. އިރާދަކުރެއްވިއްޔާ މި ތޮއްޑޫގައި އޭގެ ޕްލާންޓްތައް ގާއިމުކޮށްފައި އޭގެ މަންފާ މި ރަށުގެ ރައްޔިތުންނަށް ލިބޭނެ ގޮތް ހޯދައިދޭނަން: އިލްޔާސް
އޭނާ ވިދާޅުވީ ދަނޑުވެރިކަމުން އުފައްދާ ސާމާނުން އިތުރު އުފެއްދުންތައް އުފެއްދުމަށް ކުދި ފެކްޓްރީތަކާއި މެޝިންތައް ބޭނުންވާ ކަމަށެވެ.
”ދަނޑުވެރިން އުފައްދާ ތަކެތިން އިތުރު ބައި ޕްރޮޑަކްޓްތައް އުފެއްދުމަށް އެބަ ބޭނުންވޭ ކުދި ފެކްޓްރީތަކާއި ކުދި މެޝިންތައް. އިރާދަކުރެއްވިއްޔާ މި ތޮއްޑޫގައި އޭގެ ޕްލާންޓްތައް ގާއިމުކޮށްފައި އޭގެ މަންފާ މި ރަށުގެ ރައްޔިތުންނަށް ލިބޭނެ ގޮތް ހޯދައިދޭނަން،“ އިލްޔާސް ވިދާޅުވި އެވެ.
ދަނޑުވެރިންނަށް އުއްމީދީ މެސެޖުތަކެއް ދެއްވައި އިލްޔާސް ވަނީ އެ ރަށަށް ދިމާވެފައިވާ ބިމުގެ ދަތިކަމަށް ވެސް ހައްލެއް ހޯދައިދެއްވުމަށް ވައުދުވެވަޑައިގެންފަ އެވެ.
އޭނާ ވިދާޅުވީ ރަށު ކައުންސިލުން ގޯތި ދޫކުރަން ބޭނުންވިޔަސް ސަރުކާރުން ”ކައުންސިލަށް އަތްބާނާ“ ކައުންސިލްތައް ހިފަހައްޓާފައި އޮތުމުގެ ސަބަބުން ރަށުގެ ތަރައްގީއަށް ގޮންޖެހުން އެބަހުރި ކަމަށެވެ. އެކަމަކު ސަރުކާރު ހިންގަން ބޭނުންވަނީ ލާމަރުކަޒީ ނިޒާމަކުން ކަމަށާއި އެ ނިޒާމުގެ ތެރެއިން ސަރުކާރު ހިންގާނީ ކައުންސިލުތަކާއި ރައްޔިތުންނާ ވެސް ގުޅިގެން ކަމަށް އިލްޔާސް ވިދާޅުވެ އެވެ.
އިލްޔާސް ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ރަށުން ބިން ދޫކުރާއިރު ސަރުކާރުގެ ހުއްދަ ހޯދަން ނުޖެހޭނެ ކަމަށާއި އެ މަސައްކަތްކުރާނީ ކައުންސިލުތަކުން ކަމަށެވެ. އަދި ސަރުކާރުގެ ޒިންމާއަކީ އެ މަސައްކަތް ކުރަނީ ރަނގަޅަށްތޯ ބެލުން ކަމަށް ވިދާޅުވި އެވެ.
ރޭގެ ޖަލްސާގައި އިލްޔާސް ވަނީ 2008 ވަނަ އަހަރު ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ބޭސް ސިޓީއަށް ސަލާން ޖަހަން ނުޖެހޭ ގޮތަށް ތައާރަފުކުރި އާސަންދަ ސްކީމް މި ސަރުކާރުން މުޑުދާރުކޮށްލާފައިވާ ކަމަށް ވިދާޅުވެ ފާޑުވިދާޅުވެފަ އެވެ.
އިލްޔާސް ވިދާޅުވީ އެ ނިޒާމުގެ ދަށުން ހިލޭ ބޭސް ފަރުވާ މިހާރު ލިބެނީ ދިހަ ބާރަށް މީހުންނަށް ގުޅައި ސަލާން ޖަހައިގެން ކަމަށެވެ.
”ކޮންމެވެސް ސިޔާސީ މީހަކަށް، ކޮންމެވެސް މަޖިލިސް މެމްބަރަކަށް، ކައުންސިލަރަކަށް، ސަރުކާރު ވަޒީރަކަށް، ކުންފުނި މެނޭޖަރަކަށް ނުގުޅައި އާސަންދަ ހަމައެއް ނުޖެހޭ. އާސަންދަ ހަމަޖެހުނީމަ އެ ވެސް ލިބެނީ ދެބައި ކުޅަ އެއްބައި. ދެން ދާންޖެހެނީ އެންސްޕާއަށް ސިޓީއެއް ލިޔެގެން އަނެއްކާ ދިހަ ބާރަ މީހުންނަށް ގުޅަން،“
އޭނާ ވިދާޅުވީ މީހުން ބަލިވީމާ ފަރުވާ ހޯދުމަކީ ސަލާން ޖަހައިގެން ކުރަންޖެހޭ ކަމެއް ނޫން ކަމަށާއި އެހެންވެ، ރައީސް ނަޝީދާ އެކު ނިކުމެވަޑައިގަތީ އެ ނިޒާމު އަލުން ބަދަލުކޮށްލުމަށް ކަމަށެވެ. އަދި ރާއްޖޭގެ ހޮސްޕިޓަލުތަކާއި ކްލިނިކްތަކުގެ އިތުރުން ރާއްޖެއާ ކައިރި ބޭރު ގައުމުތަކުން ވެސް އާސަންދައިގެ ދަށުން ޑޮކްޓަރަށް ދެއްކޭނެ ގޮތަށް ނިޒާމު ބަދަލުުކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
ރޭގެ ޖަލްސާގައި ވަނީ އއ. އަތޮޅު ކައުންސިލް ރައީސް ހުސެއިން އަރުސަލާން އާއި ތޮއްޑޫ ކައުންސިލްގެ މެމްބަރުން އަލީ އާދަމް އަދި އައިސަތު ޖުނެއިދާ ދަ ޑިމޮކްރެޓްސްއަށް ސޮއި ކުރައްވައި ފޯމު ހަވާލުކޮށްފަ އެވެ.