ކުޅި ބަތްޕެނަކީ ވިއްސާރަ ދުވަސް ދުވަހު ކާލަން މީރު އެއްޗެކެވެ.
އަހަރުމެންގެ މި ރެސިޕީގައި ބިލަމަގު ބޭނުން ކޮށްފައި ވީނަމަވެސް އޭގެ ބަދަލުގައި ހުތް އަނބު ނުވަތަ ލުނބޯ ވެސް ބޭނުން ކުރެވިދާނެއެވެ. ހުތް އަނބު އަޅާނަމަ ތުނިކޮށް ކޮށާލާފައި ބިލަމަގު އަޅާފައިވާ ގޮތަށް އަޅާށެވެ. ނަމަވެސް ލުނބޯ އަޅާނަމަ އެ އަޅާނީ އުނދުން ނިވާލަން ކައިރި ވީމައެވެ.
މި ރެސިޕީއިން ތައްޔާރު ކުރެވޭނީ: 2-3 މީހުންނަށް ވާވަރަށެވެ.
ބޭނުންވާ ތަކެތި:
1 ކުޑަ ފިޔާ
¼ ގިތެޔޮ މިރުސް (ނޫނީ ބޭނުން ވަރަކަށް)
2 ބިލަމަގު (ނޫނީ ބޭނުން ވަރަކަށް)
½ ކުޑަ ބަނބުކޭލޭއް (ކޮށީމައި ހުންނާނީ ½ 1 ޖޯޑު)
¼ ސައިސަމުސާ މުގުރި ދިރި
¼ ސައިސަމުސާ ރީނދޫ
¼ ސައިސަމުސާ މުގުރި އަސޭމިރުސް
½ 1 ސައިސަމުސާ ތެޅި މިރުސް (ނޫނީ ބޭނުން ވަރަކަށް)
1 ލޮނުމެދު
¼ އިންޗީގެ އިނގުރު
1 މޭޒުމަތީ ސަމުސާ ހުނި
¼ ޖޯޑު ހަނޑޫ
3 ޖޯޑު ފެން
10 ހިކަނދިފަތް
3 އިންޗީގެ ރާނބާ
½ ޖޯޑު ކޮށާފައި ހުރި ވަޅޯމަސް
2 މޭޒުމަތީ ސަމުސާ ރިހާކުރު (ނޫނީ ބޭނުން ވަރަކަށް)
¾ ޖޯޑު ފެން (ބަތްޕެނުގެ އޮލަމިން ހެޔޮވަރު ކުރުމަށް)
ހަދާނެ ގޮތް:
1. ފިޔާ އަދި ގިތެޔޮ މިރުސް ތުނިކޮށް ކޮށާލާށެވެ. ބިލަމަގުތައް މެދުން ފަޅާލާށެވެ.
2. ބަނބުކެޔޮ ކޮށާށެވެ. އަހަރުމެން ކޮށީ 2 ސެންޓިމީޓަރު ދިގުމިނުގައި އަދި 1 ސެންޓިމީޓަރު ފުޅާ މިނުގައި ހުންނާނެ ވަރަށެވެ.
3. މިކްސަރުގެ މުގުރާ ބަޔަށް ދިރި، ރީނދޫ، އަސޭމިރުސް، ތެޅި މިރުސް، ލޮނުމެދު، އިނގުރު އަދި ހުނި އަޅާފައި ކޮންމެވެސް ވަރަކަށް އޮމާން ވަންދެން މުގުރާށެވެ. ލޮނުމެދާއި އިނގުރު މިކްސަރަށް އަޅާނީ ކުޑަކޮށް ކޮށާލާފައެވެ. ދެން އެހައް ބަހައްޓާލާށެވެ.
4. ހަނޑޫ ރަނގަޅަށް ދޮވެފައި ބޮޑު ތެއްޔަކަށް އަޅާށެވެ. ފެން ވެސް އެ ތެއްޔަށް އަޅާށެވެ.
5. ބޮކިޖަހާ ކެކި ގަންނަންދެން ތެލީގައިވާ ތަކެތި ކައްކާށެވެ. ކެކި ގަތީމައި ގިނި މަޑު ކޮށްލާފައި 10 މިނެޓު ކައްކާށެވެ.
6. ދެން ބަނބުކޭލާއި، ފިޔާ، ގިތެޔޮ މިރުސް، ބިލަމަގު، ހިކަނދިފަތް، ރާނބާ، ވަޅޯމަސް އަދި މިކްސަރުން މުގުރި ހަވާދުގަނޑު ތެއްޔަށް އަޅާށެވެ.
7. ހުރިހާ އެއްޗެއް ރަނގަޅަށް އެއްކޮށްލާފައި މެދު ގިނީގައި ބަހައްޓައިގެން ބަނބުކެޔޮ މަޑުވަންދެން ކައްކާށެވެ. މިކަމަށް އަހަރުމެންނަށް ނެގީ 15 މިނެޓެވެ.
8. ދެން ތެލީގެ ތެރެއަށް ރިހާކުރު އަޅާ އެއްކުރާށެވެ. އެއްކުރަމުން ދާއިރު ތެލީގެ އަރިމަތި ތަކާއިލާ ބަނބުކޭލާއި ބަތް ޗަސްކުރަމުން ގެންދާށެވެ. މިހެން ހަދަމުން ދާ ވަރަކަށް ބަތްޕެން ދާނީ އޮލަ ވަމުންނެވެ.
9. ދެން ފެން ފޮދެއް އަޅާލައިގެން އޮލަމިން ހެޔޮވަރު ކޮށްލާށެވެ. އަހަރުމެން އެޅީ ¾ ޖޯޑު ފެނެވެ.
10. ރަހަ ބަލާލާފައި ކުޅި، ލޮނު އަދި ހުތް ރަހަ ހުރި މިންވަރު ބޭނުން ގޮތަކަށް ބަދަލު ކޮށްލާށެވެ. އަހަރުމެން އިތުރަކަށް ލޮނެއްވެސް އަދި އެހެން އެއްޗެއްވެސް ނާޅަމެވެ.
11. ދެން މަޑު ގިނީގައި ގިރަމުން 2 މިނެޓެއް ހާއިރު ކައްކާލީމައި އެ ނިމުނީއެވެ.