އިސްރާއީލުގެ އަސްކަރިއްޔާއިން ބުނަނީ އީރާނުން ގިނަ އަދަދެއްގެ ޑްރޯންތައް އިސްރާއީލަށް ފޮނުވާލާފައިވާ ކަމަށާއި، އެ ޑްރޯން އައުމަށް ގަޑިތަކެއް ނަގާނެ ކަމަށެވެ.
އީރާނުގެ މަސްދަރުތަކާ ހަވާލާދީ އީރާނުގެ ޕްރެސް ޓީވީން ވެސް ރިޕޯޓްކޮށްފައިވާ ގޮތުގައި އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕަސް (އައިއާރުޖީސީ) އިން ވަނީ ހޮނިހިރު ދުވަހު އިސްރާއީލުގެ އަމާޒުތަކަށް ފުޅާދާއިރާއެއްގައި ޑްރޯން ހަމަލާތަކެއް ދީފަ އެވެ.
މިއީ ސީރިއާގައި ހުންނަ އީރާނުގެ ކޮންސިއުލޭޓަށް އިސްރާއީލުން ދިން ހަމަލާއެއްގައި އައިއާރުޖީސީގެ ހަތް މެމްބަރަކު މަރުވިތާ ގާތްގަނޑަކަށް ދެ ހަފްތާ ފަހުންނެވެ.
”އީރާނުން ޔޫއޭވީތައް ފޮނުވާލީ އެގައުމުގެ ސަރަހައްދުން އިސްރާއީލުގެ ސަރަހައްދާ ދިމާލަށް،“ އިސްރާއީލުގެ ސިފައިންގެ ތަރުޖަމާނު ޑޭނިއަލް ހަގާރީ ހޮނިހިރު ދުވަހުގެ ރޭ ދަންވަރު ވިދާޅުވި އެވެ.
”އަޅުގަނޑުމެން މިތިބީ ހައި އެލާޓް އަދި ތައްޔާރީގައި،“ ޓީވީން ދެއްކެވި ޚިޠާބުގައި ވާހަކަ ދައްކަވަމުން އޭނާ އިތުރަށް ވިދާޅުވީ ޑްރޯންތައް އިސްރާއީލުގެ ވައިގެ ސަރަހައްދަށް ފޯރުމުގެ ކުރިން އެތައް ގަޑިއިރެއް ނަގާނެ ކަމަށެވެ.
އެޕްރީލް މަހުގެ އެއްވަނަ ދުވަހު ދިމިޝްގުއަށް ހަމަލާދިން ފަހުން އިސްރާއީލުން ވަނީ އެ ހަމަލާއާ ގުޅޭ ގޮތުން އެއްޗެއް ނުބުނެފަ އެވެ. ބަދަލު ހިފުމަށް އީރާނުން ވައުދުވެފައިވާއިރު ބަދަލު ހިފުމުގެ ހަމަލާއެއް އަންނާނެ ކަމަށް ބެލެވިފައިވެ އެވެ.
ރައީސް ބެންޖަމިން ނަތަންޔާހޫ ހޮނިހިރު ދުވަހު ވިދާޅުވީ އިސްރާއީލުން ތައްޔާރުވެފައި ވަނީ ”ސީދާ އީރާނުން ހަމަލާއެއް“ ދިނުމަށެވެ.
އަދި ޑިފެންސް މިނިސްޓަރު ޔޯއަވް ގަލަންޓް ވިދާޅުވީ އީރާނާއި އެ ސަރަހައްދުގައި ތިބި އެގައުމުގެ އެކުވެރި ގައުމުތަކުން އިސްރާއީލުން އެގައުމާ ދެކޮޅަށް ރާވާފައިވާ ހަމަލާއެއް ”ގާތުން ބަލަމުން އަންނަ“ ކަމަށެވެ.