ރާއްޖޭގެ ވެރިކަމުގައި ތިއްބެވި ބޭފުޅުންނަށް މަޖިލީހުގެ ތެރެއިން ފިޔަވަޅު އަޅައި އެ ބޭފުޅުން މަގާމުން ވަކިކުރަންޖެހޭ ވަގުތު ޖެހިއްޖެ ކަމަށް ކުރީގެ ރައީސް، އަދި އެމްޑީޕީގެ އެޑްވައިޒަރު އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
ތ ތިމަރަފުށީގައި މިރޭ ކުރޮއަށްދިޔަ، މަޖިލީހުގެ އިންތިހާބުގައި، ތ.ތިމަރަފުށި ދާއިރާއަށް އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓްގެ ކެންޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޞާލިހު ވަނީ މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
އެގޮތުން ވިދާޅުވީ، މި ސަރުކާރުން ވަނީ، ރާއްޖޭގެ މާލީ އަދި އިގްތިޞާދީ ހާލަތު އޮތް ގޮތް ރައްޔޮތުންނަށް ވަރަށް ބޮޑަށް އޮޅުވާލާފައި ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގައި، އެމްޑީޕީ މެންބަރުން ތިބޭ ނަމަ، ވަގުތުން އެކަން ކަމާއި ގުޅޭގޮތުން ވެރިންނާއި ކަމާއި ބެހޭ ފަރާތްތަކާއި ސުވާލުކޮށް ފިޔަވަޅު އަޅުއްވާނެ ކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ.
“ގާނޫނު އަސާސީގައި ވަރަށް ސާފުކޮށް މަޖިލީހުގެ ދައުރު އެބައޮތް. ބަޖެޓް ފާސްކުރުމާއި. ގާނޫނުތައް ހެދުމާއި ވަޒީރުންނާއި ސުވާލުކޮށް މަގާމުން ވަކިކުރަންޖެހިއްޖެ ހާލަތެއްގައި އެކަން ކުރަންވެސް އެބައޮތް. އަދި އޭގެ އިތުރުން ވެރިއަކަށް ހުންނަ މީހާއާދޭތެރޭގައިވެސް އެފަދަ ކަމެއް ކުރަން ޖެހިއްޖެ ހާލަތެއްގައި ކުރުމުގެ ފުރުސަތު އެބަ އޮތް. އެކަން ގާނޫނު އަސާސީގައި ލިޔެފައި އެ އޮތީ މިފަދަ ވަގުތެއް އަތުވެދާނެ ކަމަށްޓަކައި. މިއަދު މިއޮތީ އެވަގުތު އައިސް ޖެހިފައި. ވެރިކަމުގައި ތިއްބެވި ބޭފުޅުން އެ ހައްދަވަމުންދާ ދޮގާއި އޮޅުވާލުންތަކުގެ ސަބަބުން، މަޖިލީހުގެ ތެރެއިން ފިޔަވަޅު އަޅަންޖެހޭ ހިސާބަށް މިއަދު ހިގައްޖެ.
ރައީސް ޞާލިހު އިތުރަށް ވިދާޅުވިގޮތުގައި، މިސަރުކާރު އައި ފަހުން ދައުލަތުގެ ޚަރަދުތައް އިންތިހާއަށް ވަނީ ބޮޑުވެފައެވެ. އެގޮތުން، އެކި ވަޒީފާ ތަކަށް މީހުން ނަގައި އެމީހުންނަށް ކުރާ ހޭދަ އެމަނިކުފާނުގެ ސަރުކާރުގައި ކުރި ހޭދައަށްވުރެވެސް އިތުރު ކަމަށް ޞާލިހު ވިދާޅުވިއެވެ. އަދި ސިޔާސީ މަގާމުތަކަށް މީހުން ނަގައިގެން އެމީހުންނަށް މުސާރަ ދެމުން ދަނީ ރަށް ރަށުގައި މަޝްރޫއުތައް ހިންގުމަށް ހުރި ފައިސާ އިން ކަމަށްވެސް އެމަނިކުފާނު ވަނީ ތުހުމަތު ކުރައްވާފައެވެ.
އެހެންކަމުން އެފަދަ ކަންކަން ބަލައި ސުވާލު ކުރުމަށް އެމްޑީޕީ މެންބަރުން މަޖިލީހަށް ހޮވަންޖެހޭ ކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ.