ލޯބީގެ ގޮތުން މީހަކާއި ގުޅިގެން އުޅޭ ނަމަ ކޮންމެ މީހެއްވެސް ބައިވެރިޔާގެ ކިބައިން ވަފާތެރިކަން ބޭނުން ވާނެއެވެ. ނަމަވެސް މިޒަމާނުގައި ވަފާތެރި ބައިވެރިޔެއް ހޯދުން އެއީ ވަރަށް އުނަދަގޫކަމެކެވެ. ގިނަ މީހުންނަށް އެއްފަހަރާ ދެތިން “ބިޓުން” ގެންގުޅުން އެއީ ވަރަށް ސަޅި އަދި މޮޅު ކަމެއްކަމަށް ދެކެވެއެވެ. އަދި ހަޔާތުގެ ބައިވެރިޔާއަށް ވަފާތެރިކޮށް އުޅުން އެއީ ދަަށުވެގެންއުޅުން ހެންވެސް ހީވާ ކަހަލައެވެ. ނަމަވެސް ހަގީގަތަކީ ބައިވެރިޔާއަށް ވަފާތެރިކޮށް އުޅޭ މީހުންގެ ދިރިއުޅުން މާ އުފާވެރިއެވެ. މީހަކަށް ބޮޑު ދެރަޔެއް ދީފައި ތިބާގެ ދިރިއުޅުން އުފާވެރިއެއްނުވާނެއެވެ.
ބައިވެރިޔާ ތިބާޔައް ބޭވަފާ ތެރި ވާނަމަ އިނގޭނެ ބައިވަރު ގޮތްތައް ހުރެއެވެ. އެންމެ މުހިންމީ ތިބާގެ ހިތް ބުނާ އެއްޗެއް އަޑު އެހުމެވެ. ގިނަ ފަހަރު ހިތް ނުތަނަވަސް ވެފައި ކަމެއް ގޯސްކޮށްދާހެން ހީވަންޏާ އެވާނީ އަސްލު ކަމެއް ގޯސްކޮށް ދާ ކަމަށެވެ. ބައިވެރިޔާ ތިބާޔަށް ބޭވަފާތެރި ވާނަމަ އާންމުކޮށް ފެންނާނެ ސިފަތަކަކީ މީއެވެ.
1. ކުއްލިިޔަކަށް އުޅުމަށް ބަދަލު އައުން
އާންމުކޮށް އުޅޭ ގޮތާއި ތަފާތު ގޮތަކަށް ބައިވެރިޔާ އުޅެން ފަށައިފިއްޔާ އޭގެ މާނަޔަކީ އެނާގެ ދިރިއުޅުމުގައި ކޮންމެވެސް ކަމެއް ބަދަލުވެއްޖެއެވެ. އަދި އެކަން ފޮރުވުމުގެ ތެރޭގައި މީހާގެ އުޅުމަށްބަދަލުތަކެއް އަންނާނެއެވެ.
2. ފޯނާއި އާދަޔާ ހިލާފަށް ގާތްވުން
އާންމުކޮއް ފޯނާއި އެކީ ހޭދަ ކުރާ ވަގުތަށް ވުރެއް މާ ގިނަ ވަގުތު ފޯނާއި އެކީ ހޭދަ ކުރާނަމަ ފުރުސަތު ބޮޑީ ކޮންމެވެސް މީހަކާއި ވާަހަކަ ދައްކާ ކަމަށެވެ.
3. ފޯނުން ކުރާ ކަންތައް ފޮރުވުން
ބައިވެރިޔާ ތިބާޔާއި އެކީ ހުންނަ އިރު ފޯނުން ކުރާކަމެއް ފޮރުވަން މަސައްކަތް ކުރަރާ ނަމަ އެހާ ހިސާބުން ތިބާޔަށް ކޮންމެވެސް އެއްޗެއް ފޮރުވަން މަސައްކަތް ކުރާކަން ޔަގީން ކުރާށެވެ.
4. ވީނުވީ ނޭނގި ގިނަ ވަގުތު ހަބަރެއް ނުވުން
ވީނުވީ ނޭނގި ގިނަ ވަގުތު ހަބަރެއް ނުވެ ފޯނު ނުނަގާ އުޅޭނަމަ އެއީ މައްސަލައެކެވެ. ކިތަންމެ ބޮޑު ކަމެއްގައި ނުވަތަ ބިޒީކޮށް އުޅުނަސްވެސް އެންމެ ކުޑަ މިނުން މެސެޖެއް ކޮއްލެވޭނެއެވެ.
5. ތިބާޔާއި އެކީ ހޭދަ ކުރާ ވަގުތު މަދުވުން
ތިބާޔާއި އެކީގައި ހޭދަ ކުރާ ވަގުތު މަދުވާ ނަމަ އެއީ ބައިވެރިޔާ ތިބާ ދެކެ ފޫހިވާން ފެށުމުން ކަމަށް އެކަށީގެންވެއެވެ. ކުއްލިޔަކަށް ފޫހިވާން ފަށަނީ އެހެން މީހަކަށް ޝައުގުވެރި ވާތީ ކަމަށްވުންއެކަށީގެންވެއެވެ.
6. ތިބާ ކުރާ އެއްވެސް ކަމެއް ކަމު ނުދިޔުން
ތިބާ ކުރާ ކޮންމެ ކަމަކަށް ފާޑު ކިޔާ ހިތްހަމަ ނުޖެހޭ ނަމަ އެއީ ބައިވެރިޔާއަށް ތިބާ ކަމުނުދާތީވެކަމަށް ވެދާނެއެވެ. އާންމުކޮށް ކުރާ ހުރިހާ ކަމެއް ކަމުނުދާ ނަމަ ދެމީހުންގެ ގުޅުމާއިމެދުވިސްނާލަން ޖެހެއެވެ.
7. އާދަޔާ ހިލާފަށް ރުޅި ގަދަވުން
އާންމުކޮށް ބައިވެރިޔާ އެހެން މީހަކާއި ގުޅުމެއް އޮންނަ ނަމަ އެކަންތައް ފޮރުވުމުގެ ތެރޭގައި ރުންކުރު ވާނެ އެވެ. ކުރާ ސުވާލުތަކަށް ޖަވާބު ނުދޭން އެންމެ ފަސޭހަ ވާނީ ރުޅި އައުމުންނެވެ.
މީގެ އިތުރުންވެސް ބައިވެރިޔާ ބޭވަފާތެރިވާ ނަމަ އެނގޭނެ އެތައް ގޮތެއް ހުރެއެވެ. ބޭވަފާތެރި ވުމަކީ ކިތަންމެ ކުޑަ ކަމެއް ކަމުގައި ހީވިޔަސް އެއީ އެކީގައި އުޅޭ ބައިވެރިޔާގެ ހިތުން ދުވަހަކުވެސް ފޮހެވޭނެ ލައްގަނޑެއް ނޫނެވެ. އެކީގައި ދިރިއުޅުމެއް ފަށާފައިވާ މީހަކާއި ދޭތެރޭ މީ އެންމެ ނިކަމެތިކޮށް ކުރެވޭނެ އެއް ކަމެވެ.