އެންމެ ކުރުކޮށް ކުރާނެ އެންމެ ފައިދާހުރި ދުޢާއަކީ ކޮބައިތޯ ގިނަ ބައަކު ސުވާލުކުރެއެވެ. އެގޮތަށް ސުވާލުކުރާ ސަބަބަކީ ކޮންމެހެން ދިގު ދުޢާއެއް ނުކުރަން ނުވަތަ ކުރަން އުނދަގޫވެގެނެއް ނޫނެވެ. ލިބޭ ކުޑަ ވަޤުތުކޮޅުގައިވެސް އެންމެ ފައިދާހުރި ދުޢާއެއް ކުރަން ބޭނުންވާތީއެވެ.
ވީމާ އަހުރެން މިބުނެދެނީ އަހުރެންގެ އަމިއްލަ ދުޢާއެއް ނޫނެވެ. ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘްފުޅުން އެނގެން އޮތް ދުޢާއެކެވެ. އިތުރުއެކަލޭގެފާނުގެ ބޮޑުބޭބޭފުޅަށް އުނގަންނަވައި ދެއްވެވި ދުޢާއެކެވެ. އެދުޢާއަކީ ދުނިޔެއާ އާޚިރަތުގައި ޢާފިޔާ ދެއްވެވުން އެދި ދުޢާކުރުމެވެ.
ދުޢާ މިފަދައިން ވެސް ކުރެވިދާނެއެވެ.
اللَّهُمَّ إِنِّي أَسْأَلُكَ الْعَفْوَ وَالْعَافِيَةَ فِي الدُّنْيَا وَالآخِرَةِ
عَنِ الْعَبَّاسِ قَالَ قُلْتُ يَا رَسُولَ اللهِ عَلِّمْنِي شَيْئًا أَسْأَلُهُ اللهَ عَزَّ وَجَلَّ قَالَ صلى الله عليه وسلم سَلِ اللهَ الْعَافِيَةَ فَمَكَثْتُ أَيَّامًا ثُمَّ جِئْتُ فَقُلْتُ يَا رَسُولَ اللهِ عَلِّمْنِي شَيْئًا أَسْأَلُهُ اللهَ فَقَالَ لِي يَا عَبَّاسُ يَا عَمَّ رَسُولِ اللهِ سَلِ اللهَ الْعَافِيَةَ فِي الدُّنْيَا وَالْآخِرَةِ
3514 سنن الترمذي أبواب الدعوات عن رسول الله صلى الله عليه وسلم
5/491 المحدث الترمذي خلاصة حكم المحدث صحيح في سنن الترمذي
Al-‘Abbas reported: I said, “O Messenger of Allah, teach me something to ask Allah Almighty.” The Prophet, peace and blessings be upon him, said, “Ask Allah for wellness.” I waited some days, then I came and said, “O Messenger of Allah, teach me something to ask Allah.” The Prophet said to me, “O ‘Abbas, O uncle of the Messenger of Allah, ask Allah for wellness in the world and in the Hereafter.”
Source: Sunan al-Tirmidhī 3514
Grade: Sahih (authentic) according to Al-Tirmidhi
ދުޢާ މިފަދައިން ވެސް ކުރެވިދާނެއެވެ. އެއިރުން އެދެންނެވެނީ ފާފަތައް ފުއްސަވައިދެއްވެވުމަށާއި ޢާފިޔާ ދެއްވެވުމަށެވެ.
اللَّهُمَّ إِنِّي أَسْأَلُكَ الْعَفْوَ وَالْعَافِيَةَ فِي الدُّنْيَا وَالآخِرَةِ
ދެން ބަލައިލަންވީ ދުނިޔޭގައި ޢާފިޔާ ލިބުމަކީ ކޮބައިތޯއެވެ. ރަނގަޅު ޞިއްހަތެއްގައިވާނަމަ އެމީހަކަށް އެވަނީ ޢާފިޔާ ލިބިފައެވެ. ތަނަވަސްކަން ލިބިފައިވާނަމަ އެމީހަކަށް އެވަނީ ޢާފިޔާ ލިބިފައެވެ. ގޭގައި ހަމަޖެހުންވާނަމަ އެމީހަކަށް އެވަނީ ޢާފިޔާ ލިބިފައެވެ. ހެޔޮލަފާ ދަރިން ލިބިފައިވާނަމަ އެމީހަކަށް އެވަނީ ޢާފިޔާ ލިބިފައެވެ. ﷲ ތަޢާލާގެ މަގުގައި ޘާބިތުވެހުރެވޭނަމަ އެމީހަކަށް އެވަނީ ޢާފިޔާ ލިބިފައެވެ.
އާޚިރަތުގައި ޢާފިޔާ ލިބުމަކީ އެމީހަކަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބި ނަރަކައިން ސަލާމަތްވެވި ސުވަރުގެ ލިބުމެވެ. ދުނިޔެއާއި އާޚިރަތުގައި ޢާފިޔާ ލިބިއްޖެނަމަ އެމީހަކަށް އެވަނީ ދެދުނިޔޭގައިވެސް އާފިޔާލިބި ކާމިޔާބު ލިބިގެންވާ އަޅަކަށް ވެވިފައެވެ.