ކޮލަމާފުށީ އަމިއްލަ ކެޑިޑޭޓް ރިފާސް ހުސެއިން ސަޕޯޓަރުންނަށް އުޖޫރަ ނުދިނުމުން ޖަގަހައިގެ ހުރިހާ ތަކެއްޗެއް ގެންގޮސްފި އެވެ.
އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި ރިފާސް ކެމްޕޭން ޓީމުގެ މެމްބަރުންނަށް ރިފާސް ދޭން ވައުދުވެފައިވާ ހަ ލައްކައަށްވުރެ ގިނަ ރުފިޔާ ނުދިނުމުން ކެމްޕޭން ޓީމްގެ މެމްބަރުން ވަނީ ޖަގަހައިގައި އަޑުގަދަކޮށް ތަނުގައި ހުރި އަގު ބޮޑެތި ސްޕީކަރުތަކާއި ދެންވެސް ހިފާ ގެންގުޅޭ ހުރިހާ ސާމާނެއް ގެންގޮސްފަ އެވެ.
މާދަމާ ބާއްވާ އިންތިހާބުން ރިފާސް އެއްވެސް ވަރެއްގެ ކުރިއެރުމެއް ނުލިބޭނެކަން ޔަގީން ވުމުން މިހާރު ރިފާސް ވަނީ އެމްޑީޕީގެ ކެޑިޑޭޓަށް ގޮނޑި ވިއްކާލުމަށް އެއްބަސްވެ އެމްޑީޕީ ކެނޑިޑޭޓް އަތުން ގިނަ އަދަދެއްގެ ފައިސާ ނަގާފައި ކަމަށް އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބެއެވެ.
“ ކޮލަމާފުށީގައި މިހާރު ރިފާސްގެ އެއްވެސް ސަޕޯޓަރެއް ނެތް މިހާރު އޭނާ މަސައްކަތް ކުރަމުންދަނީ މާމެންދޫގައި ތިބި އޭނާއަށް ތާއީދު ކުރާ މީހުން އެމްޑީޕީއަށް ވިއްކާލައިގެން ލާރި ހޯދަން“ ކޮލަމާފުށިން ވާހަކަ ދެއްކި ބޭފުޅަކު ވިދާޅުވި އެވެ.
ރިފާސްއަށް ގޮނޑި ވިއްކާލުމަށް މަޖުބޫރުވީ ކެމްޕޭނަށް ދަރަނިވެރިގެން ގިނަ އަދަދެއް ހަރަދުތަކެއް ކޮށްފައިވުމާއި އިންތިހާބަށް ފަހު ދަރަނި ދެއްކޭނެ ގޮތެއް ނެތުމުން ކަމަށް ރިފާސްގެ ގާތް ފަރާތަކުން މައުލޫމާތު ދެއެވެ.