ސްރީ ލަންކާގެ ވެރި ރަށް ކޮލަމްބޯގައި ވަގަށް ޗެނަލްތަކެއް ސްޓްރީމް ކުރަމުން އައި ބަޔަކު އެ ގައުމުގެ ފުލުހުން އަތުލައިގަނެފި ކަމަށް ލަންކާގެ މީޑިއާ ރިޕޯޓުތަކުން ބުނެފި އެވެ.
އެ މައްސަލައިގައި ދެ މީހަކު ހައްޔަރު ކޮށްފައިވާއިރު އޭގެ ތެރޭގައި ދިވެއްސަކު ވެސް ހިމެނޭ ކަމަށް ލަންކާގެ ނިއުސްވަޔާއިންގައި މިއަދު ވަނީ ރިޕޯޓުކޮށްފައި އެވެ.
އެ ނޫހުން ބުނީ އެ މީހުން ހަރަކާތްތެރިވެފައި ވަނީ ޓްރެވަލް ކުންފުންޏެއްގެ ނަމުގައި ކަމަށެވެ. އަދި ވަގަށް ސްޓްރީމް ކުރުމުގެ އޮޕަރޭޝަން ހިންގަމުންދިޔައީ ރަޓްމަލާނާ އެއާޕޯޓު ކައިރީގައި ހުރި އިމާރާތެއްގައި ކަމަށް ވެސް ރިޕޯޓުތަކުން ބުނެ އެވެ.
އެ އޮޕަރޭޝަން ހިންގަމުން ދިޔައީ ހައި ސެކިއުރިޓީ ޒޯނެއްގަ އެވެ. އެހެންވެ، އެ މައްސަލަ ސީރިއަސް ކަމެއްގެ ގޮތުގައި ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
ފުލުހުން ވަނީ އެ ތަނުން 50 މިލިއަން ރުޕީސްގެ ސާމާނު އަތުލައިގަނެފަ އެވެ. އޭގެ ތެރޭގައި ސެޓެލައިޓް ރިސީވަރުތަކާއި ޑިޝްތަކާއި ސްޓާލިންކު ރިސީވަރަކާއި ޗެނަލްތައް ޓްރާންސްމިޓް ކުރަން ބޭނުންވާ އެހެނިހެން ސާމާނު ހިމެނެ އެވެ.
އެމީހުން އެ އޮޕަރޭޝަން ހިންގަމުންދިޔަ ގޮތަކީ، ޕްރައިވެޓް ޓެލެކޮމް ޕްރޮވައިޑަރެއްގެ ޑޭޓާ ބޭނުންކޮށްގެން ކަމަށްވެ އެވެ.
އެމީހުން ދިޔައީ ލަންކާ އަދި ލަންކާއިން ބޭރުގެ ބައެއް ފަރާތްތަކަށް ސްޓްރީމިން ސާވިސް ވިއްކަމުން ކަމަށްވެ އެވެ.



