އަބަދުވެސް އިވެނީ ދުވާލަކު 8 ތަށި ފެން ބޯންޖެހޭ ވާހަކަ އެވެ. އަށް ތަށި ފެނާ ގުޅޭ ގޮތުން ޑޮކްޓަރުން އަބަދުވެސް ބުނަނީ މަދުވެގެން އެ މިންވަރަށް ފެން ބޯން ޖެހޭ ކަމަށެވެ. އެއީ ފެން ބޯ މިންވަރު އެކި ސަބަބުތަކާ ހުރެ, ހަށިގަނޑުން ފެން ބޭރުވާ މިންވަރާ ގުޅިފައި ވާތީ އެވެ.
އެންމެ ގިނައިން ހަށިގަނޑުން ފެން ބޭރުވާ އެއް ކަމަކީ ދާހިއްލުމެވެ. މި ދުވަސް ވަރު, އިންތިހާއަށް ހޫނު ގަދަވެ އަބަދުހެން ދާހިއްލާ ފޯވާއިރު އެންމެ އަށް ތަށި ފެނުން ހަމަޖައްސާލާނީ ކިހިނެއް ހެއްޔެވެ. ހޫނު ގަދަވުމަކީ އެންމެ ބޮޑަށް މީހާ ޑީހައިޑްރޭޓުވާ އެއް ސަބަބެވެ. މި ދުވަސްވަރު, ހޫނުގައި ބޭރަށް ނުކުމެ އުޅެންޖެހޭ ނަމަ, ގޭގައި ތިބޭ މީހުންނަށް ވުރެ ބޭރު ތެރޭގައި އުޅޭ މީހުން ފެން ބޯ މިންވަރު އިތުރުކުރަން ޖެހޭނެ އެވެ.
މި ފަހުން ދުނިޔޭގެ އެކި ހިސާބުތަކުގައި ހޫނު ގަދަވެ, ކުރިމަތިވި ”ހީޓްވޭވް“ގައި ފެން ބުއިމާ ގުޅޭ ގޮތުން ކަމާ ބެހޭ މާހިރުން ވިދާޅުވަނީ މަދުވެގެން ތިން ލީޓަރުގެ ފެން، ހޫނު ގައުމުތަކުގައި އުޅޭ މީހުން ބޯން ޖެހޭނެ ކަމަށެވެ. މިއީ ގާތް ގަނޑަކަށް 12 ތަށި ފެނެވެ. މިއީ ހޫނު ގަދަ ދުވަސްވަރު އެންމެ މަދުވެގެން ފެން ބޯން ޖެހޭ މިންވަރެވެ.
ތިން ލީޓަރަށް ވުރެ ގިނައިން ފެން ބޯންޖެހޭނީ ހޫނު ގަދަ ވަގުތުތަކުގައި ކުޅިވަރު ކުޅެ, ބޭރަށް ނުކުމެ އުޅޭ ނަމަ އެވެ. އަދި ހޫނު ގަދަ ދުވަސްވަރު, ދުވާލުގެ ވަގުތުތަކުގައި ފެން ބޯ މިންވަރު އިތުރުކުރުމަށް ވެސް ކަމާބެހޭ މާހިރުން ބުނެ އެވެ.
ހޫނު ގަދަވާ ވަގުތުތަކުގައި އާއްމުކޮށް ބޮލުގައި ރިއްސައި, ބޯ އެނބުރުމާ ކުރިމަތި ވަނީ ގައިން ފެންމަދުވެ, ޑީ ހައިޑްރޭޓުވުމުންނެވެ. މި ދުވަސްވަރު މި ފަދަ މައްސަލަތަކުން ރައްކާތެރިވުމަށް ވެސް އެޅެން އޮތް އެންމެ ރަނގަޅު ފިޔަވަޅަކީ ފެން ބުއިން އިތުރު ކުރުމެވެ.
ދުވާލުގެ ވަގުތުތަކުގައި މަދުވެގެން ބައި ގަޑިއިރުން ވިޔަސް ފެން ތައްޓެއް ބޯ ނަމަ, ޑީހައިޑްރޭޓުނުވެ ހުންނާނެ އެވެ. އަދި ކެއުމުގައި ފެނުގެ މާއްދާ ގިނަ ކަރާ ފަދަ މޭވާ ހިމެނުމަކީ ވެސް ހޫނުގައި ޑީހައިޑްރޭޝަނަށް އޮތް ހައްލެކެވެ.