ޝަހްސު އޮޅުވާލައިގެން ބިދޭސީން ރާއްޖެ އެތެރެވުން ހުއްޓުވާނަން: ހޯމް މިނިސްޓްރީ
ދެންމެ | 06 މެއި 2024

ޖިނާއީ ކުށްތަކަށް އަރައިގަންނަ ބިދޭސީން ޑީޕޯޓް ކޮށްލުމުން ޝަޚުޞު އޮޅުވާލައިގެން އަނބުރާ ރާއްޖެ އަންނަ އައުން ހުއްޓުވާނެކަމަށް ހޯމް މިނިސްޓްރީން ބުނެފިއެވެ.

މިއަދު ސަންގު ޓީވީގެ “ފުރަމެންދުރު” ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން އެމިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޞިއްދީޤު ވިދާޅުވީ މިހާރު ކުރިޔަށް ގެންދާ ބަޔޯ މެޓްރިކްސް ނެގުމުގެ ޕްރޮގްރާމް ނިމޭިއރު އިނގިލީގެ ނިޝާނުން ކޮންމެ މީހަކީވެސް ކާކު ކަމާއި، އޭނާގެ ސްޕޮންސަރަކީ ކާކުކަންވެސް ދެނެގަނެވޭނެ މިންވަރަށް މަޢުލޫމާތު އެއްކުރެވޭނެ ކަމަށެވެ.

އެމަޢުލޫމާތުގެ އަލީގައި ޑީޕޯޓް ކުރެވޭ މީހުން ޝަޚުޞު އޮޅުވާލައިގެން 2 ވަނަ ފަހަރަށް ރާއްޖެ އެތެރެވުމުގެ ފުރުޞަތު އެއްކޮށް ހުއްޓުވޭނެކަމުގެ ޔަޤީންކަން ޞިއްދީޤު ދެއްވިއެވެ.

ރައީސް ޑރ.މުޢިއްޒުގެ ވަޢުދާ އެއްގޮތަށް ރައްޔިތުންނަށް ހުރި ދަތި އުނދަގޫތައް ދެނެގަނެ އެކަންކަން ޙައްލު ކުރުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށްޓަކައި ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން ބިދޭސީންގެ މައްސަލަތައް ޙައްލުކުރުމަށް ސަރުކާރުން ދަނީ އަވަސް ފިޔަވަޅުތަކެއް އަޅަމުންނެވެ.

އެގޮތުން މިމަހުގެ 2 ވަނަ ދުވަހު ވަނީ “ކުރަނގި” ގެ ނަމުގައި ބިދޭސީންގެ ބަޔޯ މެޓްރިކްސް ނެގުމުގެ ޤައުމީ މަޝްރޫޢެއް ފަށާފައެވެ. މި ޕްރޮގްރާމް ފަށާފައިވަނީ ކ.ހިންމަފުށިންނެވެ.

“އޮޕަރޭޝަން ކުރަނގި” ފެށުމަށް ހިންމަފުށީގައި ބޭއްވި ރަސްމިއްޔާތުގައި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް 3 އަހަރު ދުވަހުގެ ތެރޭގައި ޙައްލު ލިބިގެންދާނެ ކަމަށެވެ. އެގޮތުން ފުރަތަމަ މަސައްކަތެއްގެ ގޮތުން ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ ފިންގަރ ޕްރިންޓާއި ފޮޓޯ އަދި މަޢުލޫމާތު އެއް އަހަރު ދުވަހުގެ ތެރޭގައި އެއްކުރެވިގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!