ރަސްމީ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރ ޒަމީރު ގަތަރަށް
ދެންމެ | 12 މެއި 2024

ރަސްމީ ދަތުރެއްގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރު މިރޭ ގަތަރަށް ފުރާވަޑައިގެންފިއެވެ.

ފޮރިން މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، މިނިސްޓާ ޒަމީރުގެ ދަތުރުގައި ގަތަރުގެ ބޮޑުވަޒީރުގެ އިތުުރން ހާރިޖީ ވަޒީރުގެ މަގާމުވެސް އަދާކުރައްވަމުން ގެންދަވާ ޝައިހް މުހައްމަދު ބިން އަބްދުއްރަހްމާން ބިން ޖާސިމް އަލްތާނީއާ އެކު މަތީ ފަންތީގެ މަޝްވަރާތަކެއް ކުރައްވާނެ ކަމަށެވެ.

އަދި ރާއްޖެއާ ގަތަރާ ދެގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާއި ގުޅޭ މަޝްވަރާކުރުންވެސް ހިމެނޭ ކަމަށް ބަޔާނުގައި ބުންޏެވެ.

މީގެ އިތުރުން ގަތަރު ސަރުކާރުގެ އިސް ވެރިންނާ ބައްދަލުކުރައްވައި ދެ ގައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ގުޅުން ބަދަހި ކުރުމުގެ ފުރުސަތުތައް ހޯދުމަށް ވަނީ ހަމަޖެހިފައެވެ.

މިއަހަރަކީ ރާއްޖެއާއި ގަތަރާ ދެމެދު އޮތް ގުޅުމަށް 40 އަހަރު ފުރޭ އަހަރެވެ.

ޒަމީރުގެ އަރިހުގައި ސެކްރެޓަރީ، ބައިލެޓަރަލް ޑރ ހާލާ ހަމީދާއި، އެމްބެސެޑާ އެޓް ލާޖް ޑރ ފަޒީލް ނަޖީބާއި އެސިސްޓެންޓް ޑިރެކްޓާ ލަމްހާ ސަލީމް ބައިވެރިވެވަޑައިގަންނަވައެވެ.

މިދިޔަ ހަފްތާ ތެރޭގައި ޒަމީރު ވަނީ އިންޑިއާއަށްވެސް ރަސްމީ ދަތުރެއް ކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!