އެމްޑީޕީ ދިފާއިގައި މިއަދު ހުރީ މާޒު ސަލީމް؛ ޕާޓީ އިރާ ކުދި ކުރީ ނަސީދު.
ދެންމެ | 16 މެއި 2024

ދެ އިންތިޚާބުން އެމްޑީޕީ ބަލިކުރުވުމާއި އަދި ޕާޓީ އިރާލުން އެއީ ސީދާ ރައީސް ނަޝީދު ކުރެއްވެވި ކަމެއް ކަމަށް، 2023 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވާދަކުރެއްވި ޢުމަރު ނަޞީރުގެ ރަނިންގ މޭޓް، އަދި ދާދި ފަހުން އެމްޑީޕީއާ ގުޅިވަޑައިގެން، ހެންވޭރު ހުޅަނގު ދާއިރާއަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރެއްވި އަޙްމަދު ސަލީމް (މާޒް ސަލީމް) ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މާޒް ސަލީމް ވިދާޅުވީ، ރައީސް ނަޝީދަކީ ޚުދުމުޚުތާރު އަދި އަމިއްލަ އެދުމުން ފޯވެފައި ހުންނެވި ބޭފުޅެއްކަން މިހާރު މީހުންނަށް އެނގިއްޖެ ކަމުގައެވެ.

”މާ ބަޔަކު ކުރިން ހީކުރީ ބޭފުޅާތީ ޑިމޮކްރެސީގެ ބަފާ ކަމަށް. އެކަމު އެބަޔަކަށްވެސް ބޭފުޅާތީ ޚުދުމުޚުތާރު އަދި އަމިއްލަ އެދުމުން ފޯވެފައި ހުންނެވި ބޭފުޅެއްކަން މިހާރު އެނގިއްޖެ. ކޮންމެ މަލަކީވެސް ވަކިޢުމުރެއް ވަންދެން ފޮޅި ބަގީޗާގަ އިނދެފާ މިލާމޯޅިވާ އެއްޗެއްކަން ޤަބޫލުކުރައްވާ.“ މާޒް ސަލީމް ވިދާޅުވިއެވެ.

މާޒް ސަލީމް ވިދާޅުވީ ރައީސް ނަޝީދަށް މަޖިލީހުގެ ޗެއަރ ލިބިވަޑައިގެން ނެވުމުންވެސް ހިތްފުރޭ ގޮތް ނުވި ކަމަށާއި، ބޭނުންވީ ވަލިއްޔުލް އަމުރުގެ ގޮނޑި ކަމަށެވެ.

”މަނިކުފާނު ނޫން އެހެންބޭފުޅަކު މިޤައުމުގަ ވެރިކަން ކުރާކަށް ބޭފުޅާނޭދޭ. މިޤައުމުގެ ވެރިކަން ކުރައްވަމުން ގެންދެވި ރ.އިބޫ އަށާއި ސަރުކާރަށް މަޖިލީސް ތެރެއިން ޖެއްސުންކޮށް އެންމެފަހުން ބޭފުޅާ އަށް ވެސް ނިސްބަތްވާ އަދި ބޭފުޅާ ސިޔާސީ މައިދާނުގައި ލިބުނުހުރިހާ ކުރިއެރުމެއް ލިބުނު ޕާޓީ އާއި ޕާޓީގެ ޢާއްމު މެމްބަރުންނާ އެކީއިރާ ކުދިކޮށްލީ ބޭފުޅާގެ މިޚުދުމުޚުތާރުކަމާއި އަމިއްލަ އެދުމުގައި ނޫންތޯ. މިވަރުން ކަމުނުގޮސްގެން ރ.އިބޫގެ އިސްތަށިފުޅުގައި ޒިނޭގެ ތުހުމަތު އަޅުއްވާ އަދި ބަރަހަނާ ފޮޓޯ ބޭފުޅާގެ ފޯނުގައި ހުރިކަމަށް ވިދާޅުވުމުން އެމަސްއަލަ ބަލައިދިނުމަށް ޚޮދު އަޅުގަނޑު މޯލްޑިވްސް ޕޮލިސް ސަރވިސް އަށާއި ސްޕުރިމް ކޯޓަށް ހުށަހެޅުމުން ބޭފުޅާގެ ފޯން މީހަކު ޖަހައިގަނެގެން ދިޔަކަމަށް ހެއްދެވީމުނޫންތޯ؟“ މާޒް ސަލީމް ރައީސް ނަޝީދަށް ފާޑުވިދާޅުވިއެވެ.

ނީވޭ ކަންފަތަކާއި ނުފެންނަ ލޮލެއް ހުންނަކަމަށް ހެދިގެން އުޅޭ މަދުބަޔަކު ރައީސް ނަޝީދުގެ ވާހަކަ މިއަދު ޤަބޫލުކޮށްފާނެ ކަމަށް ވެސް މާޒް ސަލީމް ވިދާޅުވިއެވެ.

”ބޭފުޅާގެ ސިޔާސީ ހަޔާތް ފުނޑު ވެގެންދިޔައީމަ ތިޔަހިސާބަށް ގެންގޮސް ދެއްވި ބޭފުޅުންގެ ސިޔާސީ ހަޔާތްވެސް ކަތިލައްވާ ލެއްވީ. މިފަހަރު އެތަން އެފެނިގެން ދިޔައީ މަޖިލިސް އިންތިޚާބުގައި. މިއެންމެނަށް ސިޔާސީ ގޮތުން ލަނޑުދެއްވާފަ މިހާރު ތިޔައުޅުއްވަނީ ބޭރު ޤައުމެއްގާ.“ މާޒް ސަލީމް ވިދާޅުވިއެވެ.

ސިޔާސީ މައިދާނުގައި ރައީސް ނަޝީދަށްވުރެ ގިނަވޯޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ހޯއްދަވާ ދިވެހި ރައްޔިތުންނަށް އަނިޔާވެރިނުވެ، ކުޑަ އަދި ބޮޑުރަށެއް ނުބައްލަވާ ޚިދުމަތްދެއްވާ، ރާއްޖޭގެ ވެރިކަމުގަ 5 އަހަރު ހަމަކޮށްދެއްވެވި ކަމަށް މާޒް ސަލީމް ފާހަގަކުރެއްވިއެވެ.

”ވީމާ، ބޭފުޅާއަށްވުރެ ރަނގަޅު ރިޕޯޓެއް އޮތީ ރ.އިބޫގެ އަތްޕުޅުގަ ދެއްތޯ؟. ތިޔަގޮތައް އައްޗިކޮށް ނޫޅުއްވާ، ޕާޓީގެ ޢާއްމު މެމްބަރުން އިރާނުލެއްވެވިނަމަ އަދިވެސް އެމްޑީޕީ އޮތީހީ ވެރިކަމުގައި. އެހެންވެގެން ބޭފުޅާއަށް އެތަން ބައްލަވަން ކެރިވަޑައި ނުގަންނަވާނެތީ އަމިއްލަ އަތްޕުޅުން އެމްޑީޕީ އާއި ޕާޓީގެ ޢާއްމުމެންބަރުން އިރާލާ ކަތިލެއްވެވީ. ބޭފުޅާ ނެތަސް އެމްޑީޕީ އޭގެ ޒާތުގައި ދެމިއޮންނާނެކަން ޤަބޫލުކުރައްވާ. إِنْشَاءَ ٱللَٰه“ މާޒް ސަލީމް ރައީސް ނަޝީދަށް ފާޑުވިދާޅުވަމުން އެކްސްގައި ލިޔުއްވާފައިވެއެވެ.

މާޒް ސަލީމް މިހެން ވިދާޅުވެފައިވަނީ، 2023 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބާއި މިދިޔަ މަހު ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެމްޑީޕީ އަށް ނާކާމިޔާބީއާއި ކުރިމަތިލާން ޖެހުނީ، ނިމިދިޔަ އެމްޑީޕީ ސަރުކާރުން ރައްޔިތުންނަށް ވީ ވަޢުދު ނުފުއްދުމުން ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެވެސް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާ ގުޅިގެންނެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!