ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް ދެން ކުރިމަތި ނުލައްވާނެކަމަށް އައްޑޫމީދޫ ދާއިރާގެ އެމްޑީޕީ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ.
ރޮޒޭނާ މިހެން ވިދާޅުވީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އެންމެ ފަހު ޖަލްސާގައި ފަހު ބަސް ވިދާޅުވަމުންނެވެ.
އެ ފުރުސަތުގައި ވާހަކަދައްކަވަމުން ރޮޒޭނާ ވިދާޅުވީ، 15 އަހަރަށް ފަހު އޭނާ މަޖިލީހުން ވަކިވާއިރު، އިތުރަށް މެންބަރު ކަމަށް ކުރިމަތިލުމުގެ ވިސްނުން އޭނާގެ ނެތް ކަމަށެވެ.
”އަޅުގަނޑުގެ ވިސްނުމެއް ނެތް ދެން ކުރިއަށް އޮތް ތަނުގައި ރައްޔިތުންގެ މަޖިލީހަކަށް ކުރިމަތިލުމުގެ. އެހެންވީމާ މިއަދަކީ މަޖިލީހުގެ ތަޅުމުގައި އަޅުގަނޑު މެންބަރެއްގެ ހައިސިއްޔަތުން ވާހަކަ ދައްކާ އެންމެ ފަހު ދުވަސް،“ ރޮޒައިނާ ވިދާޅުވި އެވެ. ”ހަމަގައިމު ވެސް އަޅުގަނޑުގެ ގޮނޑި ނީލަމުގައި އިން އެންމެ ދުވަހެއް ވެސް ނާންނާނެ. ފަނަރަ އަހަރު ދުވަސް ނިންމާފަ އަޅުގަނޑު މިތަނުން ދާއިރު.“
އަޅުގަނޑުގެ ވިސްނުމެއް ނެތް ދެން ކުރިއަށް އޮތް ތަނުގައި ރައްޔިތުންގެ މަޖިލީހަކަށް ކުރިމަތިލުމުގެ. އެހެންވީމާ މިއަދަކީ މަޖިލީހުގެ ތަޅުމުގައި އަޅުގަނޑު މެންބަރެއްގެ ހައިސިއްޔަތުން ވާހަކަ ދައްކާ އެންމެ ފަހު ދުވަސް،
ރޮޒޭނާ ވިދާޅުވީ، 15 އަހަރަށް ފަހު އޭނާ މަޖިލީހުން އެ ވަކިވަނީ ވަރަށް ބޮޑު ހިތްހަމަޖެހުމާއިއެކު ކަމަށެވެ. އެގޮތުން އޭނާ ވަނީ އައްޑޫ މީދޫ ދާއިރާގެ ރައްޔިތުންނަށާއި ކުރިން އޭނާ މެންބަރުކަން ކުރި ތުލުސްދޫ ދާއިރާއަށް ވެސް ޝުކުރު އަދާކުރައްވާފަ އެވެ. އަދި ރައްޔިތުން ހަވާލުކުރި މަސައްކަތް އަމާނާތްތެރި ކަމާއެކު ކުރެވިއްޖެ ކަމަށް އުންމީދު ކުރާ ކަމަށް ވެސް ރޮޒައިނާ ވިދާޅުވި އެވެ.
އޭނާ ވަނީ 20 ވަނަ މަޖިލީހަށް ހޮވުނު އަންހެން މެންބަރުންގެ މަސައްކަތަށް ފިރިހެން މެންބަރުންގެ އެހީތެރިވެ އެއްބާރުލުން ދިނުމަށް ގޮވާލައްވާފަ އެވެ.
މި ފަހަރުގެ މަޖިލީހުގެ އިންތިޚާބުގައި ވާދަ ކުރުމަށް އެމްޑީޕީގެ ޓިކެޓް ހޯދުމަށް ރޮޒައިނާ މަސައްކަތް ކުރެއްވި އެވެ. ނަމަވެސް ޕާޓީގެ އެ ޕްރައިމަރީން ރޮޒައިނާ ވަނީ ނާކާމިޔާބުވެފަ އެވެ.