ބައިނަލްއަޤުވާމީ އާއިލާތަކުގެ ދުވަހުގެ މުނާސަބަތުގައި ދެއްވި މެސެޖުގައި އިސް ޤާޟީ އިބްރާހިމް މާހިރު ވިދާޅުވީ ޒަވާޖީ ހަޔާތަށް އަދުގެ ޒުވާން ޖީލުގެ ހޭލުންތެރިކަން ކުޑަކަން ފާހަގަކުރެވޭ ކަމަށެވެ. އެހެންކަމުން އިސްޤާޟީ ވަނީ ތައުލީމީ މަރުހަލާގައި ޒަވާޖީ ހަޔާތަށް ހޭލުންތެރިކަން އިތުރު ކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.
ގިނަ ފަހަރު ކައިވެނިތައް ރޫޅެނީ ވަރަށް ކުދިކުދި މައްސަލަތައް ހައްލު ނުވެގެން ކަމަށާއި އެ މައްސަލަތައް ހައްލުކުރުމަށް ދެފަރާތުން ވެސް އެކަށިގެންވާ މަސައްކަތްތަކެއް ނުކުރާތީކަން އިސް ޤާޟީ ފާހަގަކުރެއްވިއެވެ.
އޭގެ އިތުރުން ފަހަކަށް އައިސް އަންހެނުންގެ ހައްގުތައް ހޯދުމުގެ ނަމުގައި އާއިލާތައް ރޫޅާލުމަށް ހިތްވަރު ދިނުމުގެ ސަބަބުން އެތަކެއް އަންހެނުންތަކެއް ނިކަމެތިވާ ކަމަށާއި ތުއްތު ކުދިން އެކުދިންގެ ހައްގުތަކުން މަހްރޫމުވުމަށް މަގުފަހި ކުރުވާ ކަމަށް އިސް ޤާޟީ ވިދާޅުވިއެވެ.
އިސްގާޒީގެ މެސެޖުގައި އަނބިމީހާގެ އުދާސްތައް ބޭރުކުރުމަށް އޭނާގެ ވާހަކަތައް އަހާނެ ކަންފަތެއް ގޭތެރޭގައި ނުލިބޭކަމީ ވަރަށް ގިނަ އަންހެނުން ކުރާ ”ހައްގު“ ޝަކުވާއެއް ކަމަށް ވިދާޅުވެފައިވެއެވެ.
“އަނބިމީހާ ވަރިކުރުމަށް ހުށަހަޅާ މައްސަލަތަކުގައި އެކުގައި ދިރިއުޅެން ބޭނުންނުވާ މައިގަނޑު ސަބަބަކީ އަނބިމީހާ ކިޔަމަންތެރި ނުވާތީ ކަމަށް ވަރަށް ގިނަ ފިރިހެނުން ފާހަގަކުރެއެވެ. ފިރިމީހާގެ ބަސް އަނބިމީހާގެ ކުރިމަތީގައި ނުވިކޭތީއާ ފިރިމީހާ އަށް އިހްތިރާމް ނުކުރާތީ ކަމަށް ބުނެއެވެ. އަނެއްކޮޅުން ވަރިވާން އެދޭ އަންހެނުން ވާހަކަތަކަށް ބަލާއިރު ފިރިމީހާ އަނބިދަރިންނަށް އަޅާ ނުލުމަކީ މައިގަނޑު ސަބަބެއްގެ ގޮތުގައި ފާހަގަކުރެއެވެ.” އިސް ޤާޟީގެ މެސެޖުގައިވެއެވެ.
އިސް ޤާޟީ އިތުރަށް ވިދާޅުވީ ޢާއިލާގެ އުފާވެރިކަމަށްޓަކައި ޢާއިލާއާއެކު ހޭދަކުރާ ވަގުތުތައް އިތުރުކުރަންޖެހޭ ކަމަށާއި ފަނާކުރުވާ ވިސްނުންތައް ދޫކޮށް އިސްލާމްދީނުގެ ރިވެތި އުސޫލުތަކުގައި ހިފަހެއްޓުމަކީ ކޮންމެހެން ބޭނުން ކަމެއް ކަމަށެވެ.