ހުސްވެފައި އޮތް ދައުލަތުގެ ތިޖޫރީ ރައީސް ޑރ. މުއިއްޒު ފުރާލައިފި
ދެންމެ | 17 މެއި 2024

ވެެރިކަމާ ހަވާލުވިތާ ސާޅީހަކަށް ދުވަސް ތެރޭގައި 100 މިލިއަން ޑޮލަރުގެ ލޯނެއް ސަރުކާރަށް ދައްކަން ޖެހުނެވެ. އަނެއްކޮޅުން އޭރު ފާސްކުރި ސަޕްލިމެންޓްރީ ބަޖެޓުގައި 200 މިލިއަން ރުފިޔާ ފައިނޭންސިންގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާ ކުރި އިރު އަހަރު ނިމުނު އިރު ލިބުނީ އެންމެ 10 މިލިއަން ރުފިޔާ އެވެ. އޭރު އޮތީ ގުނޑުވާލާނެ ކޮޅެއް މެދެއް ނޭނގި އެވެ. ކުރިމަތިވެފައި އޮތީ ވަރަށް ބޮޑު ޗެލެންޖެކެވެ. އެކަމަކު، އާ ސަރުކާރުގެ އޭރު ވިސްނުމަކަށްވީ މުޅި ހާލަތު ބަދަލު ކުރެވޭނެ ރަނގަޅު ގޮތެއް ހޯދުމަށެވެ.

ސަރުކާރުގެ ދަރަނި 124 ބިލިއަނެއްހާ ރުފިޔާ އަށް ބޮޑުވެ، އަމިއްލަ ފަރާތްތަކަށް ދައްކަން ޖެހުނު ދެ ބިލިއަން ރުފިޔާއަށް ވުރެ ބޮޑު ދަރަނި އަނބުރާ އަދާކުރަން ނިންމީ، ފައިސާ ޗާޕުކުރުން ވެސް ހުއްޓާލައި ލިބޭ އާމްދަނީއަކުން ހަރަދުތައް ހަމަޖެއްސޭނެ ގޮތްތަކެއް ބަލައިގެންނެވެ.

ސަރުކާރަށް ހަ މަސް ވީ އެވެ. ގޮންޖެހުންތަކެއް ހުއްޓަސް ސަރުކާރުގެ އިސް ބޭފުޅުންނަށް މިހާރު ހިތްހަމަޖެހުމާ އެކު ވިދާޅުވެވެން އޮތީ އިގްތިސާދާއި ފިސްކަލް ސިޔާސަތުގައި އުންމީދުތަކެއް އޮތް ކަމެވެ.

ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ސާއިދު މުސްތަފާ ވިދާޅުވީ، ސަރުކާރުގެ މިހާރުގެ އަންދާޒާ އަކީ އިގްތިސާދީ ދުވެލި 6.7 ޕަސެންޓުގައި ކުރިއަށްދާނެ ކަމަށެވެ. އޭގެ އެންމެ ބޮޑު ސަބަބަކީ، ޓޫރިޒަމް ދާއިރާއަށް އަންނަ ކުރިއެރުމާއި، އިގްތިސާދީ ހަރަކާތްތައް މަޑުޖެހުމެއް ނެތި ކުރިއަށް ދިއުމެވެ.

 

ޓެކްސް އާމްދަނީ 13 ޕަސެންޓު އިތުރު

މި ވަގުތު ޓެކްސް އާމްދަނީ ސަރުކާރުން ލަފާކުރިވަރަށް ވުރެ އިތުރު އެވެ. އެއީ ވެސް އިގްތިސާދު ކުރިއަށްދާ ކަމުގެ ހެޔޮ ފާލެއް ކަމަށް ސާއިދު ވިދާޅުވި އެވެ. ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ފެންނަ ގޮތުން، މިއަހަރުގެ މިހާތަނަށް ޓެކްސް އާމްދަނީގެ ގޮތުގައި ދައުލަތަށް ވަނީ 10.3 ބިލިއަން ރުފިޔާ ލިބިފަ އެވެ. އެއީ މިދިޔަ އަހަރަށް ވުރެ ގާތްގަނޑަކަށް 13 ޕަސެންޓު އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތަށް ލިބުނީ ނުވަ ބިލިއަން ރުފިޔާ އެވެ.

މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ އިތުރުވި އިރު މިއަހަރުގެ ހަރަދުތައް ވެސް ސަރުކާރުން ދިޔައީ ވަރަށް ބޮޑަށް ކުޑަ ކުރަމުންނެވެ. މިއަހަރުގެ މިހާތަނަށް ސަރުކާރުން 14.3 ބިލިއަން ރުފިޔާ ހަރަދު ކުރި އިރު މިއީ މިދިޔަ އަހަރަށް ވުރެ 11 ޕަސެންޓު ދަށް އަދަދެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތުން ވަނީ 16.1 ބިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ.

ހަރަދުތައް ވަނީ ޕްރޮޖެކްޓްތަކާއި އެޑްމިނިސްޓްރޭޓިވް ބައެއް މަސައްކަތްތަކުން ވެސް ކުޑަކޮށްފަ އެވެ.

އެކަމަކު ސާއިދު ވިދާޅުވީ، ދައުލަތުން، އަމިއްލަ ފަރާތްތަކަށް އެތައް ބިލިއަން ރުފިޔާއަކުން ދަރާފައި އޮތުމުގެ ސަބަބުން، ބޭނުންވާ ވަރަށް ހަރަދުތައް ކުޑަ ކުރަން އަދިވެސް ދަތިތައް އެބަ ހުރި ކަމަށެވެ. އެހެން ނަމަވެސް މަސައްކަތް ކުރަނީ، ދައުލަތުން ދައްކަން ޖެހޭ ފައިސާ ދައްކަމުން، މިހާރު ވެސް ޑިއުވާ ބިލްތައް ވެސް ފަސް ނުކޮށް ކުރިއަށް ގެންދެވޭނެ ގޮތްތަކެއް ހޯދުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

މިދިޔަ މަހު ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ވެސް ވިދާޅުވީ، މިހާރުން މިހާރަށް ވެސް ހަރަދުތައް ހަމަޖެއްސުމުގައި ރަނގަޅު ގޮތްތައް ބަލައިގެން ކުރިއަށްދާ ކަމަށެވެ. އޭގެ ނަތީޖާއަކީ މި އަހަރުގެ ފުރަތަމަ ތިން މަހުގެ ބަޖެޓުގެ ޕްރައިމަރީ ބެލެންސް ސާޕްލަސްއެއްގައި ހުރުމެވެ. އަދި މިދިޔަ ފެބްރުއަރީ މަަސް ނިންމާލީ ބަޖެޓުގެ އޯވަރޯލް ބެލެންސް ވެސް ސާޕްލަސްގަ އެވެ.

 

ހަރަދުތައް ހަމަޖައްސަނީ ފައިސާ ޗާޕު ނުކޮށް

ފައިސާ ޗާޕު ކުރުން ހުއްޓާލުމުން މިހާރު ވެސް އޭގެ ރަނގަޅު އަސަރު އިގްތިސާދަށް ފެންނަން ފަށާފައިވާ ކަމަށް ސާއިދު ވިދާޅުވި އެވެ. އެކަމުގެ ސަބަބުން، މާލީ އިދާރާތަކުގެ އިތުބާރު ލިބި، ޑޮލަރުގެ އަގު ހަމަޔަކަށް އެޅުވުން ވެސް ފަސޭހަވާނެ ކަމަށް ސާއިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ކޮންމެ މަހަކު އެވްރެޖުކޮށް ދެ ބިލިއަން ރުފިޔާއަށް ވުރެ ބޮޑު އަދަދެއް އޯވަޑްރޯ ކުރާތީ، އޭރުގެ ހަރަދުތައް ހަމަޖެއްސީ އިގްތިސާދުގައި ނެތް ފަައިސާއަކުން ކަމަށެވެ. އެހެންވެ، އިގްތިސާދުގައި ދައުރުވާ ފައިސާ އިތުރުވެ، ޑޮލަރުގެ ކަޅު ބާޒާރަށް އިތުރު ޕްރެޝަރު ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

ވޭތުވެދިޔަ ތިން އަހަރު ތެރޭގައި ދައުލަތުން 8.2 ބިލިއަން ރުފިޔާ އޯވަޑްރޯކޮށްފައިވެ އެވެ. ޕަބްލިކް ބޭންކް އެކައުންޓް (ޕީބީއޭ) އިން ހައްދެއް ނެތި އޯވާޑްރޯކުރުމަކީ، 2013 ގެ ކުރިން ސަރުކާރުތަކުގެ އާންމު ކަމެކެވެ. އެކަމަކު ސަރުކާރު ހިންގަން ބޭނުންވާ ފައިސާ ނެގުން 2014 ގައި ހުއްޓާލި އެވެ. އޭގެ ބަދަލުގައި ޕީބީއޭ ބޭނުންކުރީ ހަމައެކަނި ސަރުކާރުގެ ދަރަނި އަދާކުރާށެވެ. އެހެން ނަމަވެސް، ކޮވިޑާ ގުޅިގެން 2020 ވަނަ އަހަރުން ފެށިގެން މިދިޔަ އަހަރު ނިމުމާ ހަމައަށް ވެސް ސަރުކާރުން ދިޔައީ ފައިސާ ޗާޕުކުރަމުންނެވެ.

ފައިސާ ޗާޕު ކުރުން ހުއްޓާލުމުގެ އިތުރުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުން ޑޮލަރު ހޯދުމާއި ވިއްކުމުގެ ހުރިހާ މުއާމަލެއް މިހާރު ބޭންކްތައް މެދުވެރިކޮށް ކުރަން ފެށުމުން ވެސް، ކަޅު ބާޒާރުގައި އޮންނަ ޑިމާންޑު ދަށް ކުރެވިފައިވާ ކަމަށް ސާއިދު ވިދާޅުވި އެވެ.

”ނެތް ފައިސާގައި ޗާޕު ކުރަމުން ދަންޏާ ކޮންމެވެސް ދުވަހަކުން އެ ނެތް ވެލިއުއަށް އެކަން ކުރާތީ އިގްތިސާދަށް އެކަމުގެ ނޭދެވޭ އަސަރު ކުރާނެ. މާނައަކީ ރިޒާވަށް ވަރަށް ބޮޑު އިމްޕެކްޓެއް އަންނާނެ،“ އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ފައިސާ ޗާޕުކޮށްގެން ހަރަދުތައް ހަމަޖެއްސުމަކީ އިގްތިސާދީ ގޮތުން ވަރަށް ގޯސް ޕްރެކްޓިސްއެއް ކަމަށާއި އާ ސަރުކާރުން ބޭނުން ވަނީ އެފަދަ ގޯސްތައް ނުހަދައި ހަރުދަނާ އުސޫލުތަކެއްގެ މައްޗަށް އިގްތިސާދު ބިނާކުރުން ކަމަށް ސާއިދު ވިދާޅުވި އެވެ.

އާ ސަރުކާރަށް ވެސް، ޗާޕު ކުރުން ނުހުއްޓައި ގެންދިޔަ ނަމަ ފައިސާގެ ދަތި ކަމަށް ވަގުތީ ހައްލެއް އައީހެވެ. އެކަމަކު އެކަން ކުރަން ބޭނުން ވަނީ ދުރު މުސްތަގްބަލުގައި ލިބޭނެ ގެއްލުމަކުން އިގްތިސާދު ސަލާމަތް ކުރުމުގެ ބޭނުމުގައި ކަމަށް ސާއިދު ވިދާޅުވި އެވެ.

 

ހަރަދު ކުޑަކުރުމަށް ބޮޑު އެޖެންޑާއެއް

ދައުލަތުން މިހާރު ވެސް 1،700 ޕްރޮޖެކްޓް އަންނަ އަހަރަށް ކަނޑައަޅާފައިވާ އިރު ވަކި ވަކި ރަށްތަކުގައި ހިންގާ ޕްރޮޖެކްޓްތަކާ އެކު އެ އަދަދު 2،500 އަށް އަރަ އެވެ. މިއީ ރާއްޖެ ފަދަ އިގްތިސާދަކަށް ނުތަކާ އަދަދެއް ކަމަށް ފިނޭންސް މިނިސްޓްރީގެ އިކޮނޮމިސްޓް މުހައްމަދު ޒަޔާން އަހުމަދު ”މިހާރު“ އަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ދެއްވި އިންޓަވިއެއްގައި ވިދާޅުވެފައިވެ އެވެ.

ހަރަދުތައް ހަމަނުޖެއްސޭ ވަރަށް ޕްރޮޖެކްޓްތައް ފެށުމުގެ މައްސަލަ ހައްލުކުރާނެ ގޮތްތަކެއް ސަރުކާރުން އެކުލަވައިލަމުން އަންނަ އިރު ސަބްސިޑީ ޓާގެޓުކޮށް، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހަރަދުތައް ކުޑަކުރާނެ ގޮތްތައް ވެސް ސަރުކާރުން އަންނަނީ ބަދަލުންނެވެ.

ބަޖެޓު ފޮތުގައި ވެސް ވާ ގޮތަށް، ސަރުކާރުން ޕްލޭން ކުރަނީ ޖުލައި މަހުން ފެށިގެން ސަބްސިޑީތަކަށް ގެންނަ އިސްލާހުތަކަށް އަމަލު ކުރާށެވެ. ސަބްސިޑީ ޓާގެޓުކޮށް، އެންމެ ބޭނުން ޖެހިފައިވާ ފަރާތްތަކަށް ދިނުމަށް ބަޖެޓުގައި ވަނީ 600 މިލިއަން ރުފިޔާ ކަނޑައަޅައިފަ އެވެ. އާ ސަބްސިޑީ ރިފޯމާ އެކު، ސަބްސިޑީ އަށް ކުރާ ހޭދައިން 2.5 ބިލިއަން ރުފިޔާ ކުޑަކުރެވޭނެ ކަމަށް ބަޖެޓުގައި ވެ އެވެ.

އެ ބަދަލުތައް ގެންނާނީ އާންމު ރައްޔިތުންނަށް ވާ އުނދަގޫ އެންމެ ކުޑަވާނެ ގޮތެއް ބަލައިގެން ކަމަށް ސާއިދު ވެސް ވިދާޅުވި އެވެ.

”ރިޕޯމް އެޖެންޑާ މިހާރު އެދަނީ ރިވިއު ކުރަމުން. ރިޕޯމްތައް ގެންނާނީ ރައްޔިތުންނަށް އޭގެ ފުރިހަމަ މައުލޫމާތު ދީގެން، ވަރަށް ބޮޑަށް ބަލަހައްޓައިގެން،“ އޭނާ ވިދާޅުވި އެވެ.

ދާދި ފަހުން އައިއެމްއެފްގެ ރިޕޯޓުގައި ވެސް ވަނީ އާ ސަރުކާރުން ސަބްސިޑީ ރިފޯމްކޮށް، ހަރަދުތައް ކުޑަ ކުރުމުގެ ވިސްނުން ހުރުމަކީ ރާއްޖޭގެ އިގްތިސާދު ހަމައަކަށް އެޅުމަށް އޮތް ބޮޑު އުންމީދެއް ކަމަށެވެ. އަދި އެ ފިޔަވަޅުތަކާ އެކު އިގްތިސާދު ކުރިއަށް އޮތްތަނުގައި ރަނގަޅު މިސްރާބަކަށް ގެންދެވޭނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ.

ރިޕޯމުގެ މަސައްކަތްތައް ކުރިއަށް ގެންދާ އިރު ސަރުކާރުން އަންނަނީ ދައުލަތުގެ އާމްދަނީއަށް ބޮޑެތި ބަދަލުތައް އަންނަ ބިޔަ ޕްރޮޖެކްޓްތަކުގައި ސޮއިކޮށް އޭގެ މަސައްކަތްތައް ވެސް ފަށައިފަ އެވެ. އެ މަސައްކަތްތައް ކަނޑައަޅާފައިވާ ގޮތަށް ކުރިއަށްދާ ނަމަ، އެކަމުން އިގްތިސާދީ ބޮޑެތި މަންފާތަކެއް ލިބެން ފަށާނެ އެވެ.

މިވަގުތު އިގްތިސާދަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ، ހަރަދުތައް ބޮއްސުއްލައިގެން ދިއުމާއި ދަރަނި އިންތިހާއަށް ބޮޑުވުމެވެ. މި ގޮންޖެހުންތަކާ އެކު އާ ސަރުކާރުން މިވަނީ، އާ ފިޔަވަޅުތަކާ އެކު އިގްތިސާދު ކުރިއަށް ގެންދާނެ މަގު ކޮށައި ކުރިއަށް ހިނގައިގަނެފަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!