ޕޯޗްގީޒުގެ ފުޓްބޯޅަ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއަކީ ހިތްތިރި، އޯގާތެރި، ކިޔަމަންތެރިކަމުގެ ނަމޫނާއެކެވެ. އޭނާ އަބަދުވެސް ބުނާ ވާހަކައެއް އޮވެއެވެ؛ ”ކުޑަ އިރުގެ އެކުވެެރިންނާއި މަންމަ އަހަރެންނަށް ވި ގުރުބާނީ އާއި މަލާމާތްކޮށް ފުރައްސާރަކުރި މުއްސަނދިންގެ ދަރިން މަތިން ދުވަހުވެސް ހަނދާން ނުނެތޭނެ“އެވެ. މިއީ އޭނާގެ އަނބިމީހާ ގާތުގައިވެސް އަދި ބައެއް ޓީވީ އިންޓަވިއުތަކުގައިވެސް ތަކުރާރުކޮށްފައިވާ ވާހަކައެކެވެ.
”އަހަރެން ކުޑައިރު، އަހަރެންގެ ކުރިމަގު އުޖާލާކޮށްދިނުމަށްޓަކައި އަހަރެންގެ ނިިކަމެތި މަންމަ ވި ގުރުބާނީއަކީ ލާމަސީލް މިސާލެއް. އެފަދަ ދެވަނަ މަންމައެއް އެކަކަށްވެސް ނުލިބޭނެ. ދެން ކުޑައިރު ސުތުލި ބޯޅައިން ފުޓުބޯޅަ ކުޅެން އެކުގައި އުޅުނު ޅަދުވަހުގެ އެކުވެރިންނަކީވެސް އަހަރެންގެ ހަޔާތުގައި ވަރަށް މުހިއްމު ބައެއް. އަދި އަހަރެންގެ ނިކަމެތިކަމާއި ދަށް ފެންވަރަށް ރިއާޔަތްކޮށް މަލާމަތްކޮށް ޖޯކު ޖަހާހެދި މުއްސަނދިންގެ ދަރިންމަތިންވެސް ހަނދާނެއް ނުނެތޭނެ. އެމީހުން އެކުރި މަލާމާތާއި ފުރައްސާރައަކީ މިއަދު އަހަރެން މި މަގާމަށް އައުމަށް އެންމެ ބޮޑު ހިތްވަރު ލިބުނު އެއް ސަބަބަބު. މިހާރު އެމީހުން އައިސް އަހަރެންނާއެކީ ސެލްފީ ނަގަންވެސް އެބަ އެދޭ. އެކަމަކު އަހަރެން އެކަމަށް މާބޮޑު ފަރުވާލެއް ނުބަހައްޓަން،“ ރޮނާލްޑޯ ބުންޏެވެ.
ޖޫން 17،2010 ވަނަ ތާރީޚުގައި އުފަންވި އޭނާގެ ދޮށީ ފިރިހެން ދަރިފުޅަށް ދާދި ފަހުން ވަނީ ނަސޭހަތުގެ ނޯޓެއް ރޮނާލްޑޯ ދީފައެވެ. އެއީ އޭނާގެ ދަރިފުޅު ފުޓުބޯޅަ ފަރިތަކުރުންތަކުން ނިމިގެން ދަނޑުން ނިކުންނަން ދިޔަ ވަގުތު ނިކަމެތި ކުދިންތަކެއް އޭނާއާއެކު ފޮޓޯއެއް ނެގުމަށް އެދުމުން ހިނިގަނޑެއް ޖަހާލާފައި އެކުދިންނާ ދުރަށް ދިޔަ މަންޒަރު ރޮނާޑޯއަށް ފެނުމުންނެވެ.
ރޮނާޑޯގެ ނޯޓުގައި ލިޔެފައިވެއެވެ؛ އޭ ލޯބިވާ ދަރިފުޅާއެވެ. ދަރިފުޅުގެ ބައްޕައަކީ ކުޑައިރު ވަރަށް ބޮޑު ފަގީރެކެވެ. ނިކަމެއްޗެކެވެ. ތިންއިރު ހަމައަށް ކާނެ އެއްޗެއް، ކުޅެލާނެ އާ ބޫޓެއް ގަނެލާނެ ފަދައެއްވެސް ނެތް މީހެކެވެ. މިއަދު ބައްޕައަތުގައި އުދުހޭނެ ޖެޓާއި ދުއްވާނެ އަގުބޮޑު ކާޑުތަކާއި ލިމިޓެއް ހަމަނުވާ ކްރެޑިޓް ކާޑުތަކާއި ދިރިއުޅޭނެ އަގުބޮޑު ބަންގަލޯތަކާއި ދަރިންބަލާނެ ބޮޑިގާޑުންނާއި މޭޑުން ތިބިކަމުގައިވިއަސް، ބައްޕަގެ ހިތަކީ ދުނިޔޭގައިވާ އެންމެ ނިކަމެތި ހިތެވެ. ބައްޕަގެ މުއްސަނދިކަމަށްޓަކައި ދުނިޔޭގެ އެތައް ބަޔަކު ހައިރާންވެ އަންތަރީސްވިއަސް، ބައްޕަގެ ނަޒަރުގައި ބައްޕައަކީ ދުނިޔޭގައި ހުރި އެންމެ ފަގީރުމީހާއެވެ. އެވިސްނުން އަހަރެން މަރުވަންދެން ވެސް ހިފަހައްޓާނަމެވެ. އެއީ އަހަރެންގެ އަސްލު އަަހަރެންނަށް އޮޅިގެން ހިނގައިދާނެތީއެވެ.
”ދަރިފުޅާއެވެ. ނިކަމެއްޗަކަށް ކަމަކައިގެން ދާރިފުޅާ ހަމައަށް އަތުވެއްޖެނަމަ އެމީހުން ހިތުގައި ނުޖައްސައްޗެވެ. އެމީހުންނަކީ އަގުހުރި ބައެއްގެ ގޮތުގައި ދެކިގެން އެމީހުންނާ އަދަބުވެރިކަމާއެކު މުއާމަލާތްކުރާށެވެ. އެކުގައި ކިޔަވަންދާ، ކުޅެންދާ ކުދިންގެ ތެރެއިން އެންމެ ނިކަމެތި ކުދިންނާ އަބަދުވެސް ގާތް ގުޅުމެއް ބާއްވާށެވެ. އެކުދިންނަށް އެހީވާށެވެ. އެކުދިންގެ ދިރިއުޅުމުގެ ހާލަތު ބަލައި، ކަންކަން ރަނގަޅު ކުރުމަށް އެހީތެެރިވާ ދަރިއަކަށްވާށެވެ. އެފަދަ ކޮންމެ ކަމެއްގައި ބައްޕަ ދަރިފުޅަށް ދުވަހަކުވެސް ނޫނެކޭ ނުބުނާނަމެވެ.“ ރޮނާލްޑޯގެ ނޯޓުގައި ބުނެފައިވެއެވެ. ”މައިންބަފައިންނަށް އަބަދުވެސް ހެޔޮކޮށް ހިތާށެވެ. ޚާއްސަކޮށް މަންމައަށް ދުވަހަކުވެސް ނިިކަމެތިކަމެއް ނުދޭއްޗެވެ.“
އަދިވެސް ރޮނާޑޯ ލިޔެފައިވެއެވެ؛ ”މުއްސަނދިކަމާއި މަޝްހޫރު ކަމަކީ ތިމާއަށް ތިމާ އޮޅިގެންވާނޭ ކަމެއް ނޫނެވެ. އެއީ މިއަދުގެ ދަރިފުޅުގެ ނަސީބެވެ. އެ ނަސީބު ދަރިފުޅާ ބައްދަލު އެކުރީ މިބައްޕަގެ ހިތުން ބޮޑާކަމާއި ކިބުރުވެރިކަމާއި ޒާތީ ކަމާއި ތައައްސުބު ނެރެ، ނިކަމެއްޗެއްގެ ދަރިއެއްކަން އަބަދުމެ ހަނދާން ކުރަމުން ދޫނުދީ ކުރި ހިތްވަރާއި ބުރަ މަސައްކަތުންނެވެ. ދަރިފުޅުވެސް ދިރިއުޅުމުގެ ހަގީގަތް އޮޅުވާނުލާށެވެ. ތިޔައީ ނިކަމެއްޗެއްގެ ދަރިއެކެވެ. ނިކަމެތިން ބޭކާރު ނުކުރާށެވެ. އެމީހުން ބާކީ ނުކުރާށެވެ. އެމީހުންގެ މަތިން ހަނދާން ނައްތާނުލާށެވެ.“
ރޮނާލްޑޯގެ މިމެސެޖް ކިޔާފައި ދަރިފުޅު އެތައް އިރެއްވަންދެން ރުއިކަމަށްވެއެވެ. އަދި ބައްޕަގެ ނޯޓުކޮޅުގައިވާ އަގުހުރި ނަސޭހަތް އަބަދުވެސް ހަނދާނުގައި ބަހައްޓާނެ ކަމަށް ދަރިފުޅު ވަނީ ބައްޕަގާތުގައި ވައުދުވެފައެވެ.