ބިހަކީ ކޮންމެ ދުވަހެއްގެ ކެއުމުގައިވެސް އާއްމުކޮށް ބޭނުންކޮށް އުޅޭއެއްޗެވެ. ބައެއްފަހަރު ބިސް ގިނަދުވަހު ބެހެއްޓުމުން ކުނިވެ ހަލާކުވެގެންދެއެވެ. ބިހަކީ ޕްރޮޓީންގެ މާއްދާ ވަރަށް ބޮޑަށް އެކުލެވިގެންވާ އެއްޗެއްވެސް މެއެވެ. ގިނަ މީހުން ބިސް ބޭނުންކުރަނީ ދުވަހުގެ ހެދުނުގެ ނާސްތާއަށެވެ. ނަމަވެސް ބިހަކީ ކޮންމެ އިރެއްގެ ކެއުމުގައިވެސް ބޭނުންކޮށްލަން ހަމަ ވަރަށް ފައިދާހުރި ކާނާއެކެވެ. އަދި އެހާމެ ބޮޑަށް ބަނޑުވެސް ފުރޭ އަނގަ އަށް މީރު ވެސް އެއްޗެކެވެ. ބިސް ގިނަދުވަހު ހަލާކުނުވެ ބެހެއްޓުމަށްޓަކައި ކުރެވިދާނެ ކަންތައްތަކެއްވެސް ހުރެއެވެ. ބައެއްފަހަރު ’ސޭލް‘ އަޅުވާފައި އޮންނަ އިރެއްގައި ބައިވަރު ބިސް ގަނެފިނަމަ އެހަލާކުވެދާނެތީ އެކަމާ ކަންބޮޑުވެއެވެ. މިކަމުގެ ހައްލު ވަރަށްވެސް ފަސޭހައެެެވެ.
ސިލިކަން އައިސް ކިއުބު ޓްރޭއެއްގައި ފްރީޒް ކުރުން
ބިސްތައް ރީއްޗަށް ތަޅާލުމަށްފަހު ރަނގަޅަށް ގިރާލާށެވެ. ނޫންނަމަ ބިސް ހުރިގޮތަށް ބެހެއްޓުމަށްފަހުވެސް ސިލިކަން ޓްރޭއަށް އަޅާލާށެވެ. އެއަށްފަހު ފްރީޒަރުގައި ފްރީޒްކޮށްލާށެވެ. މިގޮތަށް ފްރީޒްކޮށްފައި ބެހެއްޓުމުގެ ބިހުގް ކޮލޓީއަށް ބަދަލު ނައިސް ގިނަ ދުވަހު ބޭނުންކުރެވޭނެއެވެ. ބިސް ބޭނުންކުރަންވީމަ ބިސްތައް ފްރީޒަރުން ނަގާލުމަށްފަހު ފިނިކަޑުވާލާފައި ބޭނުންކޮށްލާނީއެވެ. މިއީ ވަރަށް ފަސޭހަ ގޮތެކެވެ. ބިސްތައް ހަލާކުވެދާނެތީ ކަންބޮޑުނުވާށެވެ.
ބިސްކެއްކުމަށްފަހު ފްރީޒްކުރުން
ބައެއްފަހަރު ބިސްތައް ހުރިގޮތަށް ނުވަތަ ކެއްކުމަށްފަހު ބޭނުންކުރަން ބޭނުންވެއެވެ. ކެއުމުގައި ސެލެޑް ހެދުމާއި ރިހަ ކެއްކުން ފަދަ ކަންކަމުގައިވެސް ބިސް ބޭނުންކުރާ މީހުން މަދެއް ނޫނެވެ. ބިސްތައް ރަނގަޅަށް ކައްކާލާށެވެ. މިހެން ކައްކާއިރު ލޮނުލައިގެން ކެއްކުމުން ނޮޅަން ފަސޭހަވާނެއެވެ.. ބިސްތައް ރަނގަޅަށް ނޮޅާލުމަށްފަހު ރީތިކޮށް ބަންދުކުރެވޭ ކަހަލަ ޕްލާސްޓިކް ކޮތަޅަކަށް ނުވަތަ ކޮންޓެއިނާއަކަށް އެޅުމަށްފަހު ފްރީޒްކޮށްލާށެވެ. ބޭނުންކުރަން ވުމުން ފްރީޒަރުން ނެގުމަށްފަހު ފިނިކަނޑުވާލާފައި ހުހަށްވެސް ކާލަން މީރުވާނެއެވެ. ރަހައަކަށް ބަދަލެއް ނައިސް ބޭނުންކޮށްލަން ފަސޭހަވެފައި ވަގުތުވެސް ސަލާމަތްވާނެއެވެ. ސެލެޑް ހަދާނަމަ ނުވަތަ ރިހަ ކައްކާނަމަވެސް މިގޮތަށް ބޭނުންކޮށްލަން ވަރަށް ފަސޭހަވާނެއެވެ.
މިނަރަލް އޮއިލް ބޭނުންކޮށްގެން ބިސް ބޭނުންކުރުން
ބިސްޓްރޭގައި ހުންނަ ބިސްތަކުގައި މިނަރަލް އޮއިލް ހޭކުމަށްފަހު ބިސްތައް ރީއްޗަށް ޓްރޭގައި އަތުރާލުމަށްފަހު ފްރިޖުގައި ބަހައްޓާށެވެ. ދުވަސްދުވަހުން އޮއިލް ހާކާލުމުން ބެހެއްޓޭ މުއްދަތު އިތުރުވެގެންދެއެވެ.
ބިސްމަފިން ހެދުމަށްފަހު ފްރީޒް ކުރުން
ބައެއްފަހަރު ބިސްމަފިން ކަހަލަ އެއްޗެހި ފިހުމަށްފަހު ގިނަ ދުވަހު ބަހައްޓައިގެން ކާން ބޭނުންވާނަމަ މަފިން ޓްރޭއެއްގައި ބިސްތައް ރީއްޗަށް ބޭކްކޮށްލާށެވެ. އެއަށްފަހު ޓްރޭ ހުރިގޮތަށް ނުވަތަ ކޮންޓެއިނާއެއް ކަހަލަ އެއްޗަކަށް އެޅުމަށްފަހު ފްރީޒްކޮށްލާށެވެ.