ރާއްޖެ އާއި އިންޑިޔާ އާއި ދެމެދު މިނިވަން ވިޔަފާރި ގާއިމް ކުރަން ނިންމައިފި
ދެންމެ | 25 މެއި 2024

ރާއްޖެ އާއި އިންޑިއާއާ ދެމެދު މިނިވަން ވިޔަފާރީގެ އާ އެއްބަސްވުމެއް ނުވަތަ ފްރީ ޓްރޭޑް އެގްރީމެންޓް (އެފްޓީއޭ) އެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ހާމަކުރައްވައިފި އެވެ.

ދެކުނު އޭޝިއާގެ ގައުމުތަކުގެ މެދުގައި 2004 ގައި މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ސޮއިކުރި އެވެ. އެއީ ސައުތު އޭޝިއަން ފްރީ ޓްރޭޑް އެގްރީމެންޓް (ސަފްޓާ) އެވެ.

މި ސަރަހައްދު އިގުތިސޯދީ ގޮތުން ބާރުވެރިކޮށް ވިޔަފާރިއަށް ފަހިކުރުމުގެ ގޮތުން ސޮއިކުރި އެ އެއްބަސްވުމުގައި ރާއްޖޭގެ ބައިވެރިވުން ވެސް އޮވެ އެވެ. ނަމަވެސް, ވަކިވަކި ގައުމުތަކާ އެކު ރާއްޖޭން އެފަދަ އެއްބަސްވުމެއްގައި ސޮއިކޮށްފައި ނުވެ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސައީދު ވިދާޅުވި ގޮތުގައި އާ އެއްބަސްވުމެއް ގާއިމުކުރުމަށް އިސްވެ އެދުނީ އިންޑިއާގެ ފަރާތުންނެވެ.

”އަޅުގަނޑު ވަރަށް ފަހުން އިންޑިއާ އާއެކު ކުރި މަޝްވަރާތަކެއްގައި އެ ބޭފުޅުން އިސްވެ ބޭނުންފުޅުވޭ ދިވެހިރާއްޖެއާ އެކުގައި ފްރީ ޓްރޭޑް އެގްރީމެންޓެއް އޮންނަން ވަކިން, އަދި ސަފްޓާގެ އިތުރަށް. ރައީސް އެވަނީ އެ ފުރުސަތު ހުރިހާ ގައުމަކާ އެކު ވެސް އޮންނަން,“ އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން, މިހާރު އޮތް އެފްޓީއޭއެއްގެ ދަށުން 296 ބާވަތެއްގެ ސީފުޑް އެއްވެސް ޓެރިފަކާ ނުލައި މިހާރު ޗައިނާ އެކްސްޕޯޓު ކުރެވޭނެ ކަމަށް ވެސް އިކޮނޮމިކް މިނިސްޓަރު ވިދާޅުވި އެވެ. ޑިސެމްބަރު 2017, ގައި ސޮއިކުރި މި އެއްބަސްވުން މަޖިލިސް ފެށުމާ އެކު ’އެކްޓިވް; ވާނެ ކަމަށް ސައީދު ވިދާޅުވި އެވެ.

ހަމައެހެންމެ, ތުރުކީއާއެކު ގާއިމުކުރާ އެފްޓީއޭ އެއްބަސްވުން ވެސް އޮތީ އެންމެ ފަހުގެ މަރުހަލާގައި ކަމަށާއި އިނގިރޭސިވިލާތާއެކު ވެސް ވިޔަފާރީގެ ފުޅާ ސްކޯޕެއް ހިމެނޭ އެއްބަސްވުމެއްގައި ސޮއިކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ސައީދު ހާމަކުރެއްވި އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!