ރަސްމާލެ އަކީ މޫސުމަށް އަންނަ ބަދަލުތަކަށް ވިސްނައިގެން އިންޑިއާ ކަނޑުގައި ތަރައްގީ ކުރާ ފުރަތަމަ އިކޯ ސިޓީ ކަމަށާއި ނަމަވެސް އެފަދަ މަޝްރޫއުތަކަށް ވެސް އުމްރާނީ ތަރައްގީގެ ދަރަޖައެއް ދޭތީ ކްލައިމެޓް ފައިނޭންސިން ހަމަނުޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އިނގިރޭސިވިލާތުގެ ”ދަ ގާޑިއަން“ އަށް ލިޔުއްވި އޮޕީނިއަންއެއްގައި ރައީސް ވިދާޅުވީ މާލެ އަކީ ނިއުޔޯކުގެ ސެންޓްރަލް ޕާކުގެ ގާތްގަނޑަކަށް ދެ ގުނަ ބޮޑު ސައިޒެއްގެ ސިޓީއެއް ކަމަށާއި އެއީ ދުނިޔޭގައި އެންމެ ބޮޑަށް މީހުން އާބާދުވެފައިވާ އެއް ވެރިރަށް ކަމަށެވެ.
އެހެންވެ، ހުޅުމާލެ ހިއްކީ އިރު ކަނޑުގެ ލޮނުގަނޑުން ދެ މީޓަރު އުސްކޮށް ކަމަށާއި ހުޅުމާލެ ތަރައްގީ ކޮށްފައި ވަނީ ވެސް މޫސުމަށް އަންނަ އެފަދަ ބަދަލުތަކުން ރައްކާތެރިވެވޭނެ ގިނަ ސިފަތަކަކާއެކު ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ރަސްމާލެ އަކީ ވެސް ހަމަ އެ މަގްސަދުގައި ތަރައްގީ ކުރަމުން އަންނަ ރަށެއް ކަމަށާއި އެތަން ތަރައްގީ ކުރަނީ ކަނޑުގެ ލޮނުގަނޑުން ތިން މީޓަރު އުސްކޮށް ކަމަށެވެ.
”[ރަސްމާލެ] ވެގެން ދާނީ އިންޑިއާ ކަނޑުގެ ފުރަތަމަ އިކޯ ސިޓީއަކަށް. މިއީ ހަގީގީ ކްލައިމެޓް އެޑެޕްޓޭޝަން އަކީ،“ ރައީސް ވިދާޅުވި އެވެ.
އެފަދަ މަޝްރޫއުތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިޔަށް ގެންދާއިރު ތިމާވެއްޓަށް ކުރާނެ އަސަރުތަކަށް ބަލައި އެކަން ވަރަށް ސީރިއަސްކޮށް ނަގަން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.
އެހެންވެ، ދުނިޔެ ހޫނުވުމާ ގުޅިގެން މި ފަހުން ރާއްޖޭގައި ގާ ހުދުވުމުގެ މައްސަލަތައް ބޮޑުވުމުން ތަރައްގީގެ މުހިންމު މަޝްރޫއުތަކެއް ވެސް ހުއްޓާލާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރިވެވޭ ގޮތަށް ރަސްމާލެ ފަދަ މަޝްރޫއުތައް ކުރިޔަށް ގެންދިޔަ ނަމަވެސް ތިމާވެށީ ކަންކަމަށް ފައިނޭންސް ކުރާ ފަރާތްތަކާއި ބޭންކުތަކުގެ ނަޒަރުގައި އެއީ ހަމަ އުމްރާނީ ތަރައްގީ މަޝްރޫއުތަކެކެވެ.
އެހެންވެ މިލިއަނުންނާއި ބިލިއަން ޑޮލަރުން އެފަދަ މަޝްރޫއުތަކަށް ފައިސާ ހަމަނުޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.
ކުރިޔަށް އޮތް ތަނުގައި މޫސުމަށް އަންނާނެ ބަދަލުތަކާއި އެފަދަ ކަންކަމުން އަރައިގަތުމަށްޓަކައި ކުދި ގައުމުތަކުން ބަރޯސާ ވަނީ ބޭރުގެ ފަންޑިން ކަމަށް ކަން ބައިނަލްއަގުވާމީ މުޖްތަމައު އިން ވިސްނަން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.
އެފަދަ ކަންކަމަށް އެކަށީގެންވާ ފަންޑިން ލިބޭ ނަމަ ބްރިޖް ނުވަތަ ކޯޒްވޭ މެދުވެރިކޮށް ޖަޒީރާ ރަށްތައް ގުުވުމާއި އާބަނައިޒޭޝަން ފުޅާ ކުރުމުގެ މަސައްކަތް ކުރިޔަށް ގެންދެވޭނެ ކަމަށާއި އޭގެ ސަަބަބުން ތައުލީމާއި ސިއްހީ ދާއިރާގެ ހިދުމަތްތައް ލިބޭނެ ގޮތް އިތުރުވެ، މޫސުމަށް އަންނަ ބަދަލުތަކަށް ތައްޔާރަށް ތިބޭ މުޖްތަމައު އެއް ބިނާ ކުރަން އެހީވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
އެހެންކަމުން މި އަހަރު އދ. އިން ބާއްވާ ކުދި ގައުމުތަކުގެ ހަތަރު ވަނަ ބައިނަލްއަގުވާމީ ކޮންފަރެންސްގައި ރާއްޖެއިން ގޮވާލާނީ މަލްޓިޑައިމަންޝަނަލް ވަލްނަރެބިލިޓީ އިންޑެކްސް (އެމްވީއައި) އަކަށް އަމަލު ކުރަން ކަމަށް ރައީސް ވިދާޅުވި އެވެ.
އެމްވީއައި ތަސްދީގު ވެއްޖެ ނަމަ ކުދި ގައުމުތަކުން ހިންގާ މަޝްރޫއުތަކަށް ފައިސާ ލިބޭނެ ގޮތްތައް ނިންމުމަށް ބޭނުން ކުރާ މިންގަނޑުތަކާ މެދު އަލުން ވިސްނަން ޖެހޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.