މަޖިލީހުގެ ރައީސް ހޮވާ ޖަލްސާގެ ރިޔާސަތު ބަލަހައްޓާނީ ސިޔާމް
ދެންމެ | 27 މެއި 2024

މިފެށޭ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސްއާއި ނާއިބު ރައީސް ހޮވުމަށް ބާއްވާ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ މިދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ހާމަކޮށްފިއެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ހުވާކުރުމުގެ ރަސްމިއްޔާތު އޮންނާނީ މާދަމާ އެވެ. އަދި އެ ޖަލްސާ ތާވަލުކޮށްފައި ވަނީ މާދަމާ ހެނދުނު ނުވައެއް ޖަހާއިރަށެވެ.

އާންމުކޮށް ޖަލްސާތަކުގެ ރިޔާސަތު ބަލަހައްޓަނީ މަޖިލީހުގެ ރައީސް ނުވަތަ ނާއިބު ރައީސް އެވެ. ނަމަވެސް އާމަޖިލީހުގެ ރައީސްއަކާއި ނާއިބު ރައީސްއެއް މިހާތަނަށް ކަނޑައަޅާފައި ނުވާތީ މާދަމާގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ މަޖިލީހުގެ ގަވައިދާ އެއްގޮތަށް މަޖިލީހުގައި އެންމެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ މެމްބަރު ކަމަށް މަޖިލީހުގެ މީޑިއާ އެންޑް ކޮމިއުނިކޭޝަން ޑިރެކްޓަރު ހަސަން ޒިޔާއު ވިދާޅުވި އެވެ.

މި ފެށޭ މަޖިލީހުގެ ސުޕަ މެޖޯރިޓީ ވެރިކަން ކުރާ ޕީއެންސީން ހޯދާފައިވާއިރު މަޖިލީހުގެ ރައީސަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރު އަދި ފޮނަދޫ ދާއިރާގެ އިންތިހާބީ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ހަމަޖައްސަވަން ވަނީ ނިންމަވައިފައެވެ. އަދި ނާއިބު ރައީސަކަށް ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް ވަނީ ހަމަޖައްސަވާފައެވެ.

މަޖިލީހުގެ ރައީސްއާއި ނާއިބު ރައީސް ހޮވާނީ ސިއްރު ވޯޓަކުން ނެވެ. މި ފެށޭ މަޖިލީހުގައި 93 މެމްބަރުން ތިއްބަވާނެ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!