ނަޖިހާއި ކުނި އަޅާފައި އެތައް ހާސް ފުއްޕާ ހަމެއް އުތުރު ކޮރެއާ އިން ދެކުނު ކޮރެއާއަށް ފޮނުވާލައިފި
ދެންމެ | 29 މެއި 2024

އުތުރު ކޮރެއާ އިން ދެކުނު ކޮރެއާ އަށް ކުންޏާއި ނަޖިސް އަޅާފައި ހުރި އެތައް ސަތޭކަ ފުއްޕާހަން ފޮނުވި މައްސަލައިގައި ދެކުނު ކޮރެއާ އިން ރުޅިގަދަ ވެއްޖެއެވެ.

އުތުރު ކޮރެއާ އިން މި ފޮނުވި ފުއްޕާހަންތައް ދެކުނު ކޮރެއާގެ މަގުތަކުގެ މައްޗަށް ވެއްޓި ފަޅައިގެން ގޮސްފައި ހުއްޓާ ނަގާފައިވާ ފޮޓޯތައް ދެކުނު ކޮރެއާގެ އަސްކަރިއްޔާ އިން ވަނީ ބުދަ ދުވަހު ހާމަ ކޮށްފައެވެ.

ފޮޓޯ އިން ފެންނަ ގޮތުގައި ފަޅައިގެން ގޮސްފައިވާ ކޮތަޅު ވަށައިގެން މަގު މަތީގައި ކުނިބުނި ފެތުރިފައި ހުއްޓެވެ. ކޮތަޅެއްގެ ބޭރުގައި ”ނަޖިސް“ މިހެން ލިޔެފައިވާ ފޮޓޯއެއްވެސް އޭގެ ތެރޭގައި ހިމެނެއެވެ.

މިކަމާ ގުޅޭ ގޮތުން އުތުރު ކޮރެއާ އިން ބުނެފައިވަނީ، ނަޖިސް ފުހޭ ކަރުދާހާ ޖަނަވާރުގެ ނަޖިސް ފުއްޕާ ހަމުގައި ފޮނުވީ ދެކުނު ކޮރެއާ އިން ފުއްޕާ ހަން ބޭނުން ކޮށްގެން އުތުރު ކޮރެއާ އާ ދެކޮޅަށް ހިންގާ ޕްރޮޕަގެންޑާ އަށް ބަދަލު ހިފުމުގެ ގޮތުން ކަމަށެވެ.

މި ހާދިސާ އާ ގުޅިގެން ދެކުނު ކޮރެއާގެ އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފް ވިދާޅުވީ، މިފަދަ އިންސާނިއްޔަތާ ޚިލާފް ދަށު ދަރަޖައިގެ ކަންކަން ކުރުން ވަގުތުން ހުއްޓާލުމަށް އުތުރު ކޮރެއާ އަށް ގޮވާލާ ކަމަށެވެ. މިއީ ބައިނަލް އަގްވާމީ ގާނޫނުތަކާ ވެސް ޚިލާފް އަދި އާއްމުންނަށް ނުރައްކާތެރި ކަމެއް ކަމަށްވެސް އޭނާ ހާމަ ކުރިއެވެ.

މިކަން ހިނގުމާ ގުޅިގެން ދެކުނު ކޮރެއާގެ ކެމިކަލް އަދި ބަޔޮލޮޖިކަލް ވޯފެއަރ ރެސްޕޮންސް ޓީމުން ވަނީ އެ ސަރަހައްދަށް ގޮސް ފުއްޕާ ހަމުގައި ހުރި ތަކެތި ބަލާ ފާސްކޮށްފައެވެ. ދެކުނު ކޮރެއާ ސަރުކާރުން އެ ސަރަހައްދަށް އާއްމުން ގާތް ނުވުމަށްވެސް އޮތީ އިންޒާރު ދީފައެވެ.

މި ހަމަލާ ދެކުނު ކޮރެއާ އަށް ފޮނުވާލުމުގެ ކުރިން އުތުރު ކޮރެއާ އިން ވަނީ މިކަން ކުރާނޭ ކަމުގެ އިންޒާރު ދީފައެވެ.

އާދިއްތަ ދުވަހު މިކަމާ ބެހޭ ގޮތުން އުތުރު ކޮރެއާގެ ޑިފެންސް މިނިސްޓަރގެ ނައިބު ނެރުނު ބަޔާނެއްގައި ”ކުނި ކަރުދާހާ، ނަޖިސް ފުންޏެއް“ ދެކުނު ކޮރެއާ ފޮނުވާނޭ ކަމަށާއި އެއީ ދެކުނު ކޮރެއާ އިން އުތުރު ކޮރެއާ އަށް އުދުއްސާފައި ފޮނުވާ ”ހަޑި އެއްޗެހީގެ“ ބަދަލެއްގެ ގޮތުން ކަމަށްވެސް ބަޔާނުގައި ވެއެވެ.

ދެކުނު ކޮރެއާގައި ދިރިއުޅޭ އުތުރު ކޮރެއާގެ އެކްޓިވިސްޓުން ފުއްޕާ ހަމުގައި އުތުރު ކޮރެއާގެ ސަރުކާރަށް ފާޑު ކިޔާފައި ހުންނަ ލީފްލެޓް ތައް ދޭތެރެ ދޭތެރެއިން ފޮނުވައެވެ. ބައެއް ފަހަރު ޕޮޕް މިޔުޒިކް ވީޑިއޯ އަޅާފައި ޔޫއެސްބީ މެމޮރީ ސްޓިކްވެސް ފުއްޕާ ހަމުގައި ދެކުނު ކޮރެއާ އަށް ފޮނުވާފައިވެއެވެ.

އުތުރު ކޮރެއާގެ ލީޑަރަށް ނިސްބަތްވާ ގޮތައް ފާޑުކިޔާފައި ހުންނަ މައުލޫމާތު އެކުލެވޭ ތަކެތި އުތުރު ކޮރެއާ އަށް އެތެރެވުމަކީ އުތުރު ކޮރެއާގެ ސަރުކާރުން ވަރަށް ރުޅި އަންނަ ކަމެއްކަން އޮންނަނީ ފާހަގަ ކުރެވިފައެވެ.

އެހެން ކަމުން ދެކުނު ކޮރެއާގެ ކުރީ ސަރުކާރުން މި ގޮތައް ފުއްޕާހަން އުތުރު ކޮރެއާ އަށް ފޮނުވުން މަނާ ކުރިއެވެ. އެހެން ނަމަވެސް 2021 ވަނަ އަހަރު ސަރުކާރުން މިކަން މަނާ ކުރުން ދެކުނު ކޮރެއާގެ އެންމެ މަތީ ކޯޓުން ވަނީ ބާތިލް ކޮށްފައެވެ. ކޯޓުން ބުނީ އެއީ ޚިޔާލުފާޅު ކުރުމުގެ މިނިވަންކަމަށް ހުރަސް އެޅުން ކަމުގައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!