ދުއާ ކުރުމަކީ ހިތްދަތިކަން ފިލައި ހިތަށް އުޖާލާކަން ލިބޭ ކަމެއް!
ދެންމެ | 31 މެއި 2024

އިންސާނާއަކީ، މާތްﷲގެ ކުޅަދުންވަންތަ ކަމުގެ ފުރިހަމަ ނަމޫނާތަކުގެ ތެރޭގައި ހިމެނޭ މަޚްލޫޤެކެވެ. މާތްﷲ އިންސާނާ އަށް ދެއްވާފައިވާ ބުއްދީގެ ސަބަބުން ހިތަށްވެސް ނާރާފަދަ ގިނަ ކުރިއެރުންތައް އޭނާ ވަނީ ހޯދާފައެވެ. މިހާރުވެސް ދަނީ، އިތުރަށް ހޯދަމުންނެވެ. އެހެންނަމަވެސް، ބޮޑު މުސީބާތެއް ކުރިމަތިވާ ހިނދު، އިންސާނާގެ ކުޅަދާނަކަމެއް ފެންނާކަށް ނޯވެއެވެ. ބަލި ބޮޑުވެއްޖެނަމަ، އެ ބަލިން ފަސޭހަކޮށްދެއްވުން އެދި ދަންނަވަންޖެހެނީ، ﷲގެ ހަޟްރަތަށެވެ. ޤުދުރަތީ ކާރިސާއެއް ދިމާވެއްޖެނަމަ، އެކަމަކުން މިންޖުކޮށް ދެއްވުން އެދި ދަންނަވަނީ، ހަމަ އެކަލާނގެ ހަޟްރަތަށެވެ.

އިންސާނާގެ ނިކަމެތިކަމާއި، މާތްﷲ ގެ ރަޙުމަތަށް އޭނާ ބޭނުންވެފައިވާ މިންވަރު ބަޔާން ކުރައްވައި، މާތްﷲ ވަހީކުރައްވާފައި ވެއެވެ. ﴿ وَإِذَا مَسَّكُمُ ٱلضُّرُّ فِى ٱلْبَحْرِ ضَلَّ مَن تَدْعُونَ إِلَّآ إِيَّاهُ ﴾ (އަލްއިސްރާ: 67) މާނައީ: ”އަދި ކަނޑުމަތީގައި ތިޔަބައިމީހުންނަށް ދަތި ހާލު ޖެހިއްޖެހިނދަކު، ތިޔަބައިމީހުން އެހީއަށްއެދި ގޮވާ ފަރާތްތަކުގެ ތެރެއިން، އެކަލާނގެ ފިޔަވައި އެހެން ހުރިހާ ފަރާތެއް ގެއްލިދެއެވެ.“

ކަނޑުދަތުރުކުރާ އުޅަނދަކަށް ގެއްލުމެއްވެ، ކަނޑުވެއްޖެނަމަ، ނުވަތަ އެނޫންވެސް ބިރުވެރި ހާލަތެއް މެދުވެރިވެއްޖެނަމަ، އިންސާނާ މާތްﷲ ގެ ރަސްކަންފުޅު ހަނދުމަކުރެއެވެ. މާތްﷲ މެނުވީ އެ ނުރައްކަލުން އޭނާ ސަލާމަތްކުރައްވާނޭ އެއްވެސް ފަރާތެއް ނުވާކަމަށް އޭނާއަށް ގަބޫލު ކުރެވެއެވެ.

އިންސާނާގެ ނިކަމެތިކަން ހިތަށްވަނުމުން، ﷲ ގެ ކަށަކުޅަދުންވަންތަ ކަމަށް، ބިރުވެތިވެ، އެކަލާނގެއަށް އަޅުކަން ކުރުމުގެ މަގަށް ލެނބިދެއެވެ.

ދުޢާ ކުރުމަކީ، އަޅުކަމުގެ މައިގަނޑެވެ. އަޅުކަމަކީ، އިންސާނާގެ އީމާންކަން ވަރުގަދަކޮށް، ތެދުމަގުގައި ސާބިތުވެ ހުރުމަށްއޮތް އެންމެ ބޮޑު ބާރެވެ. އެއީ، އިންސާނާގެ ހިތަށް ފިނިކަންލިބިދޭ ކަމެއް މެއެވެ. މިންވަރު ކުރައްވާފައިވާ ގޮތަށް ރުހި ގަބޫލުވާން ދަސްކޮށްދޭ ކަމެކެވެ. ހިތްދަތިކަމާއި ހިތާމަތައް ފިއްލަވައި ބާއްޖަވެރި ދިރިއުޅުމަކަށް މަގުފަހިކޮށްދޭ ކަމެއްމެއެވެ. އުންމީދުގެ ދޮރުތައް ތަންމިނަށް ހުޅުވައިދޭ ކަމެއްވެސް މެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!