މިދިޔަ މަހު މާލޭން އެކަނި 60 އަންހެނުން ހުއްޝަރިބައި ވެއްޖެ
ދެންމެ | 31 މެއި 2024

މިއަހަރުގެ އޭޕްރީލް މަހު ފެމިލީ ކޯޓުން ވަރީގެ 60 މައްސަލަ ނިންމާފައިވާކަމަށް އެ ކޯޓުން ބުނެފި އެވެ.

އިއްޔެ އާންމުކުރި އޭޕްރީލް މަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ފެމިލީ ކޯޓުން މިދިޔަ އޭޕްރީލް މަހު ވަނީ 144 ކައިވެނިވެސް ކޮށްދީފަ އެވެ.

މިދިޔަ މަހު ރީތި ދެ ތާރީހެއް އައެވެ. އެއީ 04.04.24 ގެ އިތުރުން 24.04.24 އެވެ. މި ދެ ތާރީހުގައިވެސް ގިނަ އަދަދެއްގެ ކައިވެނިތަކެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރި އެވެ.

ފެމިލީ ކޯޓުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ކައިވެންޏާއި ވަރީގެ އިތުރުން ގެވެށި އަނިޔާއާއި ގުޅޭ 16 މައްސަލައެއްވެސް އޭޕްރީލް މަހު ނިންމި އެވެ. އަދި 8 މައްސަލައެއް ނުނިމި އެބަ އޮތެވެ.

މީގެ އިތުރުން ކުޑަކުދިންނާއި ގުޅުންހުރި ހަ މައްސަލައެއް ކޯޓުން ނިންމި އިރު ނުނިމޭ 45 މައްސަލައެއް އެބަ އޮތެވެ.

ރާއްޖެއަކީ ދުނިޔޭގައި އާބާދީގެ ނިސްބަތުން އެންމެ ވަރި ގިނަ ގައުމެވެ. ދުނިޔޭގެ ބައެއް ތަޖުރިބާކާރުން ދެކެވަޑައިގަންނަވާ ގޮތުގައި ރާއްޖޭގައި ވަރި ގިނަވުމުގެ ސިއްރަކީ މިހާރު ރާއްޖޭގައި ބަދަލުވަމުންދާ ސޯޝިއޯ އިކޮނޯމިކް ހާލަތެވެ. އަދި އިހުގައި އޮތް ކައިވެނީގެ ނުރަނގަޅު ސަގާފަތްތަކެއް ނެތިގެން ދިޔުމަށް ބާރު އެޅޭތީ ވަރި ގިނަވާކަމަށް އެމީހުން ދެކެ އެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖޭގައި ކޮންމެ އެއް ހާސް މީހަކުން 6 މީހުންނަކީ ވަރިވެފައިވާ މީހެކެވެ. މިއަދަދު ވޭތުވެ ދިޔަ އަހަރުތަކުގައި އިތުރުވަމުން އަންނަކަންވެސް ފާހަގަކޮށްލެވެ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!