މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ އިއްޔެގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، ނާޒިމް ވިދާޅުވި ގޮތުގައި އިންތިހާބީ މޫސުން ނިމި، ދައުލަތުގެ މާލީ ހާލަތާ ގުޅިގެން މަޝްރޫއުތައް ކުރިއަށް ގެންދެވޭނެ މިންވަރު ފަދަ މައުލޫމާތުތައް ރައްޔަތުންނަށް ސަރުކާރުން އޮޅުންފިލުވައިދޭންޖެހެ އެވެ.
”ހަމަ ރަށްރަށުގެ ރައްޔިތުންނަށް އެބަ އެނގެންޖެހޭ ޕްރޮޖެކްޓުތައް ހިނގާނެތޯ ނުވަތަ ނޫންތޯ ވެސް، އިނގޭތޯ؟ އިންތިހާބުގެ މޫސުން ވެސް މިހާރު މިއޮތީ ނިމިފައި. އެހެންވީމާ އަޅުގަނޑު ދެންނެވީ އަޅުގަނޑުމެން ހިނގާށޭ ހަމަ ރައްޔިތުން ކައިރީގައި ވެސް ބުނަމާ ހަގީގަތާ ކުރިމަތިލާށޭ،“ އޭނާ ވިދާޅުވި އެވެ.
”އަޅުގަނޑުމެން މި ކޮމެޓީގައި އިސްކުރަން ޖެހޭނީ އަޅުގަނޑުމެންގެ ޕާޓީގެ މަސްލަހަތެއް ވެސް ނޫން، އަމިއްލަ މަސްލަހަތެއް ވެސް ނޫން، ގައުމުގެ މާލިއްޔަތުގެ މަސްލަހަތު އިނގޭތޯ.“
އަވައްޓެރި ސްރީލަންކާގެ މިސާލު ނަންގަވައި، ނާޒިމް ވިދާޅުވީ، ލަންކާގެ އިގުތިސާދު ފުނޑި، ބަނގުރޫޓުވެގެން ދިޔަ އިރު، އިންޑިއާ އާއި ޗައިނާ ވެސް ހަމަ ”ބަލަހައްޓައިގެން“ ތިބީ ކަމަށެވެ. އިންޑިއާ އާއި ޗައިނާ އިން ވެސް އެހީ ނުވީ، އޭނާ ވިދާޅުވި ގޮތުގައި އިގުތިސާދުގެ އަސާސީ ކަންކަން ރަނގަޅު ނުވުމުންނެވެ.
ރާއްޖޭގެ އިގުތިސާދީ ހާލަތުގެ ހަގީގަތް ހާމަކޮށްގެން މެނުވީ، ޓެކްސް އިތުރަށް ބޮޑުކުރުން ފަދަ ފިޔަވަޅެއް މަޖިލީހަށް ވެސް އަޅައިދެވެން ނޯންނާނެ ކަން ނާޒިމް ފާހަގަކުރެއްވި އެވެ.
”އެހެންވީމަ އަޅުގަނޑުމެން ވެސް ހިތިބޭސް، ބޭސް ސިޓީއެއް އޮތިއްޔާ އެވެސް އެނގެންވިއްޔޭ އަޅުގަނޑުމެންނަށް. އަޅުގަނޑުމެން ކޮށްދޭންވީ ކޮންކަމެއްތޯ. އޭގެ ބަދަލުގައި މިހެން ދަމުންދަމުން ގޮސް ބަނގުރޫޓު ވީމަކާ ކަމަކު ނުދާނެޔޭ،“ އޭނާ ވިދާޅުވި އެވެ.
އެހެންކަމުން، އަންނަ އަހަރުގެ ބަޖެޓު ފާސްކުރަން ނޮވެމްބަރު މަހާ ހަމައަށް މަޑުނުކޮށް، މިހާރުން މިހާރަށް ރާއްޖޭގެ އިގުތިސާދީ އަދި މާލީ ހާލަތު ތެދުބަހުން ކިޔައިދޭން ނާޒިމް ވަނީ ފިނޭންސް މިނިސްޓްރީއަށް އިލްތިމާސް ކުރައްވައިފަ އެވެ.