ފަންބޮނޑީގެ ސީއޯއޯ އާސިޔާއަށް ކޭޕާކްގެ ލިޔުންތައް ދޭން އެޗްޑީސީގެ މައްޗައް އަމުރު ކޮށްފި
ދެންމެ | 09 ޖޫން 2024

ހުޅުމާލޭގައި އިމާރާތް ކުރަމުންދާ ލަގްޒަރީ އެޕާޓްމެންޓް ބިލްޑިންގ, ކޭޕާކް ރެސިޑެންސް އިން އެޕާޓްމަންޓެއް ގަތް، ފަންބޮނޑި މޯލްޑިވްސްގެ ސީއޯއޯ ފާތިމަތު އާސިޔާއަށް އެ ފްލެޓްތައް ހަދަން ހަވާލުކުރި ހަންބޯ މޯލްޑިވްސް އާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ ދެމެދު ވެފައިވާ އެއްބަސްވުންތަކުގެ ކޮޕީ ދޭން ސިވިލް ކޯޓުން އަމުރުކޮށްފި އެވެ.

އާސިޔާއަށް ދިނުމަށް ސިވިލްކޯޓުން އަމުރު ކޮށްފައިވާ ލިޔުންތަކަކީ ހަންބޯ ކުންފުންޏާ ދެކޮޅަށް އޭނާ ހުށަހަޅާ މައްސަލާގައި ބޭނުންވާ ލިޔެކިޔުންތައް ކަމަށް ހުކުމްގައި ބުނެފައި ވެއެވެ.

 

އާސިޔާ އެޗްޑީސީން ހޯދުމަށް އެދިފައިވާ ލިޔެކިޔުންތަކަކީ:

އެޗްޑީސީއާއި ހަންބޯއާ އެކު 2016، ގައި އެކުލަވާލި ފުރަތަމަ އެއްބަސްވުމުގެ ކޮޕީ

ފުރަތަމަ އެއްބަސްވުމަށް ފަހުން އިސްލާހެއް ގެނައި ނަމަ، އެ އިސްލާހެއްގެ ކޮޕީ

ޕްރޮޖެކްޓް ސެކުއިރިޓީއެއް ހިމެނޭ ނަމަ، އެ ކަމާ ގުޅޭ ލިޔުމުގެ ކޮޕީ

އެއްބަސްވުމުގައިވާ ކަމެއް ތަންފީޒުކުރުމުގެ ބާރު އެހެން ފަރާތަކަށް ދީފައިވާނަމަ އޭގެ ލިޔުމުގެ ކޮޕީ

ހުޅުމާލޭން އިމާރާތް ވިއްކުމުގެ ހުއްދަ، އެޗްޑީސީން ހަންބޯއަށް ދީފައިވާ ލިޔުމުގެ ކޮޕީ

ފްލެޓްތައް އަޅަން ދިން މުއްދަތުގައި ހަންބޯއިން އެ ކަން ނުކުރުމުގެ އެޅި ފިޔަވަޅެއްގެ ތަފުސީލު

 

މިމައްސަލައިގައި މިދިޔަ ބުރާސްފަތި ދުވަހުން ސިވިލް ކޯޓުން ކޮށްފައިވާ އަމުރުގައި ބުނެފައި ވަނީ 14 ދުވަހުގެ ތެރޭގައި އެދިފައިވާ ލިޔެކިޔުންތަކުގެ ކޮޕީ އާސިޔާއަށް ދިނުމަށެވެ. އަދި މި ހުކުމްގައި ބުނެފައި ވަނީ އަންނަ ޖުލައި މަހު 30، ގެ ކުރިން މައްސަލަ ކޯޓަށް ހުށަހެޅުމަށް ވެސް އަމުރުކޮށްފައިވެ އެވެ.

ކޭޕާކްގެ ނަމުގައި ހުޅުމާލޭގައި އިމާރާތް ކުރަމުންދާ ލަގްޒަރީ އެޕާޓްމެންޓްތައް ވިއްކުމުގައި އެ ކުންފުނިން ވަނީ މަކަރާއި ހީލަތް ހަދައި، އެތައް ބަޔަކަށް އޮޅުވާލައިފަ އެވެ. ފްލެޓް ގަތް ގިނަ ބަޔަކު ވަނީ މި މައްސަލަ ކޯޓަށް ހުށަހަޅައިފަ އެވެ. އޭގެ ތެރެއިން ބައެއް މީހުންގެ މައްސަލަތައް ކޯޓުން ނިންމާފައިވާއިރު، އެ އެޕާޓްމެންޓްތައް އެމީހުންނަށް ދިނުމަށް ހުކުމް ކޮށްފައިވެ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!