މިނިސްޓަރެވެ. ގިނަ ދަރިން ނުހޯދަނީ ޖޯރު ނެތިގެނެއް ނޫން! ސައްލި ނެތީމަ އެވެ!
ދެންމެ | 19 ޖޫން 2024

އިއްޔެ ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ސޯޝަލް އެންޑް ފެމިލީ ޑިވޮލޮޕްމަންޓު މިނިސްޓަރު ޑރ. ޢައިޝަތު ޝިހާމް ވިދާޅުވީ، ރާއްޖޭގެ އާބާދީއަށް އަންނަމުންދާ ބަދަލުތަކާއި ގުޅިގެން ގައުމީ ފެންވަރުގައި ވަރަށް އަވަހަށް މަޝްވަރާތަކެއް ކުރަންޖެހޭކަމަށެވެ.

ދެން ވިދާޅުވީ އުފަންވާ ކުދިންގެ އާބާދީ ދަށަށް ދިޔުމުގެ މައްސަލަ ދުނިޔޭގެ އެހެނިހެން ގައުމުތަކަށްވެސް ކުރިމަތިވެފައިވާކަމަށާއި، އެ ގައުމުތަކުން މިހާރު ފިޔަވަޅުތަކެއް އަޅަމުންދާކަމަށެވެ. އެގޮތުން އުފަންވާ ކުދިންނަށް އެކި ކަހަލަ އިނާޔަތްތައް ދެމުންގެންދާކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ، ވަޒީފާއަށް ދާ މީހުންގެ ކުދިން ބެލޭނެ އިންތިޒާމު ގައުމުތަކުގައި ހަރުދަނާކުރަމުން އަންނަކަމަށެވެ.

 

”ކުދިން ބެލެހެއްޓޭނެ އިންތިޒާމު ވަޒީފާއަށް ދާތަންތަނުގައި ހަރުދަނާގޮތެއްގައި ގާއިމުކުރޭ އެބަ ގައުމުތަކުގައި. އެގޮތުން ވަޒީފާއަށް ދާ މައިންބަފައިންގެ ކުދިން ބެލުމުގެ ޒިންމާއަދާކުރެވޭނެ މަގުތައް އެބަ ފަހިވާންޖެހޭ. ރާއްޖޭގައި ވަރަށް އަވަހަށް މިކަމާއި ގުޅިގެން ގައުމީ ފެންވަރުގައި މަޝްވަރާތަކަކަށް އެބަޖެހޭ ދާން މިކަމުގައި އަމަލުކުރާނެ ގޮތްތަކާއި ގުޅޭގޮތުން.“ މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރުގެ މި ވާހަކަ ތަކަށް އެންމެ އަވަހަށް ޝުއޫރު ފާޅުކުރެއްވި އެއް ބޭފުޅަކީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އިބްރާހިމް އިސްމާއިލް (އިބުރާ) އެވެ. އިބުރާ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ 1990 ގެ އަހަރުތަކުގައި، ”ދޭތެރެ ދުރުކުރުމުގެ“ ޕްރޮގްރާމް އެންމެ ބާރަށް ހިންގީ ”ޝީ“ ކިޔާ ޖަމްއިއްޔާއަކުންކަމަށާއި އެ ޖަމްއިއްޔާގެ ސީ.އީ.އޯ އަކީ ޑރ. އާއިޝަތު ޝިހާމު ކަމަށެވެ.

 

”އޭރު އަހުރެން އުޅެނީ އެޑިޔުކޭޝަނުގައި، ޕްލޭނިންގ މަސައްކަތުގައި. 20 އަހަރަށް ތައުލީމީ ނިޒާމް ރާވަން ތަފާސް ހިސާބުގެ ޕްރޮޖެކްޝަންތައް ހަދާލިއިރު، އާބާދީ ދަށްވުމުގެ ސަބަބުން ތައުލީމީ ނިޒާމާ އިގުތިޞާދަށް ކުރިމަތިވާނެ މައްސަލަތައް މަށަށް ފެނިގެން، ސަރުކާރުގެ އިސް ފަރާތްތަކަށް އެކަން ހުށަހެޅިން.“ އެމްޑީޕީގެ ކުރީގެ ރައީސް އަދި ގާނޫނު އަސާސީ އެކުލަވާލި ހާއްސަ މަޖިލީހުގެ ޑްރާފްޓިން ކޮމެޓީގެ ޗެއާ އިބުރާ ވިދާޅުވި އެވެ.

އިބުރާ އިތުރަށް އެ ޕޯސްޓްގައި ވިދާޅުވީ ”އާބާދީ ކޮންޓްރޯލްކުރާން“ ވީކީ ނޫން ކަމަށާއި އަންހެނުން ގިނައިން ވިހެއުމަށް ހިތްވަރުދީ، މައިންނާ ޅަދަރީންގެ ސިއްހަތުގެ ނިޒާމް ވަރުގަދަކޮށް، މައިންނަށް އާމްދަނީ އާ ސަޕޯޓް ހޯދޭނޭ ސިޔާސަތެއް އަވަހަށް ރާވަން ފެންނަކަމަށް އޭނާ އެ ދުވަހު ސަރުކާރުގެ ވެރިން ގާތު ވިދާޅުވިން ކަމަށެވެ. ކޮންމެ އަންހެނަކު މަދުވެގެން 4 ކުދީން ވިހާންޖެހޭ ކަމަށް ލަފާ ދެއްވިން ކަމަށް ވެސް އިބްރާ ވިދާޅުވި އެވެ.

 

”އެވާހަކަ ދެއްކީމާ އަހަރެންވީ ކުށްވެރި. 20 އަހަރު ފަހުންވެސް ޕީ.އެޗް.ޑީ ހޯލްޑަރުންނަށް ވިސްނޭކަން ރަނގަޅުތާ..!“ އިސްލާހީ މަސައްކަތުގައި އުޅުއްވާ، އަދި ގޯހުން ރަނގަޅެއް ހޯދަން އަބަދުވެސް ވަކާލާތުކުރައްވާ އިބްރާ ލިޔުއްވި އެވެ.

އެންމެ ފަހުން 2022 ގައި ކުރިއަށް ގެންދިޔަ ބޯހިމެނުމުގެ ނަތީޖާ އަށް ރިއާޔަޔްކޮށް، މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ރިޕޯޓުގައި ވާ ގޮތުން 2014 ގައި ބޯހިމެނި އިރު، ރާއްޖޭގެ އާބާދީ އަކީ 338434 ގައެވެ. އަދި 2022 އަހަރުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އާބާދީ އަކީ 382751 އެވެ.

 

އެހެންވެ އެންމެ ފަހުން ބޯހިމެނުން ކުރިއަށް ގެންދިއުމާ ދޭތެރޭގައި ދިޔަ އަށް އަހަރު ތެރޭގައި އާބާދީއަށް އިތުރުވީ 44317 މީހުންނެވެ. އެއީ އެވްރެޖްކޮށް އަހަރަކު 5500 ކުދިންނެވެ.

 

އިތުރަށް ކިޔާލަން: އާބާދީ މަދުވާތީ ގައުމީ ފެންވަރުގައި އަވަސް މަޝްވަރާތަކަށް ދާންޖެހޭ: މިނިސްޓަރު

މިނިސްޓަރުގެ މި ވާހަކަ ތަކަށް ރައްދު ދެއްވި އަނެއް ބޭފުޅަކީ މަޝްހޫރު ދީނީ އިލްމުވެރިޔާ އައްޝެއިހު އަހުމަދު ސަމީރު އިބުރާހީމް އެވެ.

 

ސަމީރު ވިދާޅުވީ ރާއްޖޭގެ އާބާދީ މިހާރު އިތުރުވަމުން ނުދަނީ މީގެ އަހަރުތަކެއް ކުރިން އާބާދީ ބޮޑުތަނުން ކޮންޓްރޯލު ކުރުމަށް ރައްޔިތުންގެ ބޮލަށް ސަވާރުކުރުވި ދޭތެރެ ދުރުކުރުމުގެ ދޯހަޅި ސިޔާސަތުގެ ސަބަބުން ކަމަށާއި މިހާރު ފެންނަނީ އޭގެ ހިތި ކަމަށެވެ.

 

ސަމީރު ވިދާޅުވީ ދޭތެރެ ދުރުކޮށް އާބާދީ ކޮންޓްރޯލް ކުރުމުގެ ސިޔާސަތުގެ ތެރޭގައި ތަރުބިޔަތުވެފައިވާ ޖީލަކަށް އެކަން ކުރަން ވެގެން ދާނީ ވަރަށްބޮޑު ގޮންޖެހުމަކަށް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

 

”ކޮންމެއަކަސް އާބާދީގެ ކުރުއެރުން ފަހިކުރުމަކީ ގައުމުގެ މުސްތަގުބަލަށްޓަކައި މިއަދު ކޮންމެހެން ވެސް ކުރަން ޖެހިފައިވާ ކަމެއް.“ ރައީސް އިބްރާހީމް ނާސިރާއި ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އާބާދީ ކޮންޓްރޯލް ކުރުމުގެ ހަރަކާތްތަކެއް ހިންގުމުން އެކަމަށް އިޝާރާތް ކުރައްވާ ޝެއިހު ސަމީރު ވިދާޅުވި އެވެ.

ބޯހިމެނުން 2022 ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ދަރިމައިވުމުގެ ނިސްބަތް ރާއްޖޭގައި ވަނީ އެއް އަހަރުން އަނެއް އަހަރަށް ވަރަށް ބޮޑަށް ދަށްވެފަ އެވެ. އަދި މިހާރު ރާއްޖޭގެ ދަރިމައިވުމުގެ ނިސްބަތްވަނީ ބިލޯ ރިޕްލޭސްމަންޓް ލެވެލްއަށް ގޮސްފައި އެވެ.

 

ބިލޯ ރިޕްލޭސްމަންޓް ލެވެލްއަށް ދިޔުމަކީ ދަރިމައިވުން، މީހުން މަރުވާ މިންވަރަށް ވުރެ ދަށަށް ދިޔުމެވެ. އެހެން ގޮތަކަށް ބުނާނަމަ އާބާދީ އިތުރުވާ ނިސްބަތް ދަށަށް ދިޔުމެވެ.

 

މި ރިޕޯޓަށް ވާހަކަ ދެއްކި ދެކުދިންގެ ބައްޕައަކު ބުނީ ދަރިން އިތުރަށް ހޯދުމުގައި މިހާރު ވަރަށް ވިސްނަން ޖެހޭކަމަށެވެ. ހާއްސަކޮށް ރަގަނޅު ތައުލީމެއް ދީ ދަރިން ބޮޑުކުރުމުގެ ހަރަދު މަތިވަމުންދާ ކަން އޭނާ ފާހަގަކުރި އެވެ. ދެމަފިރިން މަސައްކަތު ނުނިކުމެ މިހާރު ދިރިއުޅުމުގެ ހަރަދު ދެކޮޅު ޖެއްސުމަކީ މިހާރު ވަރަށް ދަތި ކަމެކެވެ. ދަރިންނަކީ މާތް ﷲ ދެއްވާ އަމާނާތެއްކަން ފާހަގަކޮށް އޭނާ ބުނީ ދަރިން އަދި ވެސް ބޭނުން ކަމަށާއި ހެޔޮ ގޮތުގައި ފައިސާ ހޯދައި އަދި ދެމަފިރިން އެކަކު އަނެކަކަށް ލޯބިވުމަށާއި ދަރިންނާ އެކު ވަގުތު ހޭދަ ކުރުމަށް ޓައިމް ލިބިގެން މެނުވީ އެ އަމާނާތާއި ހަވާލުވާން ދެކޮޅުކަމަށެވެ.

 

“ އުޅެން މި ޖެހެނީ ބައްޕަ ފަރާތުން ބަހައިގެން ލިބުނު ތަންކޮޅުގައި، ރަށުން ގޯއްޗަކަށް ފޯމުލީ އަދަދު ވެސް ނޭނގޭ، ކިހިނެތް މިހާ ކުޑަ ތަންކޮޅެއްގައި ހަތަރު ފަސް ދަރިން ގޮވައިގެން މެނޭޖްކުރާނީ. ޒަރޫރީ ބޭނުންތަކަށް ހަރަދުކޮށްފައި އަތުގައި އޮންނަނީ މަސް ނިމޭއިރު ހުސް ވޮލެޓެއް..“ ދިރިއުޅުމުގެ ހަރަދު ބޮޑުކަން ފާހަގަކޮށް އޭނާ ބުންޏެވެ.

އުފަންވާ ކުދިންގެ އާބާދީ ނިސްބަތް ދަށްވުމުގެ ކަންބޮޑުވުން އިތުރުވެފައިވާ މިދަނޑިވަޅުގައި ރާއްޖޭގެ އާބާދީ އޮތްގޮތާއި ގުޅޭގޮތުން މިއަހަރު ކުރީކޮޅު ބޭއްވި ރަސްމިއްޔާތެއްގައި ރައީސްގެ އަނބިކަނބަލުންވެސް ވަނީ މިކަމުގެ ސަބަބުން އިގުތިސޯދަށް އޮތް ނުރައްކާ ފާހަގަކުރައްވާފަ އެވެ.

 

އެގޮތުން އުފަންވާ ކުދިންގެ އާބާދީ ދަށަށް ދިޔުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ލިބިފައި މިހާރު އޮތް ހަނި ފުރުސަތުގެ ބޭނުން ރަނގަޅުގޮތުގައި ރާއްޖެއަށް ނުހިފިއްޖެނަމަ އެއީ، ގައުމީ ތަރައްގީއަށް އެޅިގެންދާނެ ހުރަހެއްކަމުގައި ފަސްޓް ލޭޑީ ވެސް ވަނީ ފާހަގަކުރައްވާފަ އެވެ.

 

”ރާއްޖޭގެ އާބާދީގެ ހަތްދިހަ ޕަސެންޓަކީ މަސައްކަތްކުރާ އާބާދީ. މިއީ މިހާރު ވަރަށް ބޮޑު ކުރިއެރުމެއް ގައުމީ ފެންވަރުގައި، އެހެން ނަމަވެސް އުފަންވާ ކުދިންގެ ރޭޓަށް ބަލާއިރު ރާއްޖޭގެ މަސައްކަތްކުރާ އާބާދީ ބޮޑުތަކުން ކުޑަވެ ގައުމީ ތަރައްގީ އަށް އޭގެ ނޭދެވޭ އަސަރު ކުރާނެ. އެކަމަށް މިއަދު ލިބިފައިވާ ފުރުސަތުގައި ފިޔަވަޅު އަޅަން ޖެހޭ.“ އެ ކަމަނާ ވިދާޅުވި އެވެ.

ރާއްޖޭގެ ތަފާތު ހިސާބަށް ބުރަވާނަމަ އެވްރެޖްކޮށް ދިވެހި އަންހެނަކު ދަރިމައިވުމުގެ ނިސްބަތް(ޓީއެފްއަރް) މިދިޔަ އަހަރު ވަނީ 1.7 އަކަށް ދަށްވެފަ އެވެ. ދަރިމައިވުމުގެ ނިސްބަތް ދަށަށް ދިޔުމުން އެ ގައުމެއްގައި އުމުރުން ދުވަސްވާ މީހުންގެ އާބާދީ އިތުރުވެ ޒުވާން ޖީލެއް އުފެދުމުގެ ނިސްބަތް އެއް ދުވަހުން އަނެއް ދުވަހަށް ދާނީ ދަށްވަމުންނެވެ. ދަރިމައިވުމުގެ ނިސްބަތަކީ މުސްތަގުބަލަށް އަމާޒުކޮށްގެން ގައުމީ ތަރައްގީގެ ސިޔާސަތުތައް ކަނޑައެޅުމަށްޓަކައި ބޭނުންވާ އެންމެ މުހިއްމު އެއް ”ޓޫލްސް“ އެވެ.

 

ރާއްޖޭގައި ދަރިން ހޯދުމުގައި ގިނަ ދަތިތައް ނުވަތަ ހުރަސްތައް ހުރިކަމަށް ބެލޭވޭނެ ޖާގަ އެބަ އޮތެވެ. އެއް ކަމަކީ ރާއްޖޭގައި ދަރިމައިވުމުގެ މައްސަލަތަކަށް ފަރުވާދިނުމަށް ހުރި ގޮންޖެހުމެވެ. ދަރިމައިވުމުގެ ސިއްހީ ފަރުވާ އެއް ބޭނުންވާ މީހާ އަކީ ”ބަލި މީހެއް“ ކަމަށް ނުބަލާ ދޫކޮށްލުމެވެ. ދަރިމައިނުވުމުގެ މައްސަލަ ދިމާވެފައިވާ ދިވެހި އަންހެނުންގެ ތެރޭގައި އެންމެ އާއްމު އެއް ކަމަކީ، ޕޮލިސިސްޓިކު އޯވަރީ ސިންޑްރޯމް (ޕީސީއޯއެސް) އެވެ. މިފަދަ ބަލިތަކަށް ރާއްޖެއިން ވަރަށް ފަހަކާ ޖެހެންދެންވެސް ފަރުވާ ލިބެން ނެތުމެވެ. އަދި މިފަދަ މީހުންގެ ބޭސް ފަރުވާއަށް ދައުލަތުގެ އެހީ (އާސަންދަ) ގިނަ ފަހަރު ނުލިބުމެވެ.

 

މީގެ އިތުރުން ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅި ހުންނަ ގޮތުން ދިމާވާ ސިއްހީ މައްސަލަތަކުގެ ސަބަބުން ދަރިން ނުލިބޭ މީހުން ވެސް ރާއްޖޭގައި ނިސްބަތުން ގިނައެވެ. އަދި ހާއްސަކޮށް ދައުލަތުގެ ހަރަދު ފޫބެއްދުމަށް ތަފާތު ނަންނަމުގައި އާންމުންގެ އަތުން ގިނަ ޓެކްސްތަކެއް ނަގަން ފެށުމުން ލިބޭ އާމްދަނީ އާއި ދިރިއުޅުމަށް ކުރަންޖެހޭ ހަރަދު ބޮޑުވުމުން ހިމެނެ އެވެ. އަދި ބޯހިޔާ ވަހިކަމެއް ނެތުމާއި ރަށުން ރަގަޅު ތައުލީމެއް ހާއްސަކޮށް ސިއްހީ ހިދުމަތް ލިބެން ނުހުރުމުން ދެމަފިރިންގެ ”އަމަލު“ މަދުވެ ދަރިއަކު ހޯދަން ޖެހުމުން ވާހަކަ ގިނަ ކުރެއެވެ.

 

އަލަތު ކައިވެންޏަށް 2 އަހަރު ވެފައިވާ ޒުވާން އަންހެން ކުއްޖަކު ބުނީ އެމީހުން ކުއްޖަކު ހޯދުން ލަސްވަނީ އާއިލާގެ ބޭބެ ދައްތަގެ ދިރިއުޅުން ފެނިފާ ކަމަށެވެ. މިހާރު ވެސް ބޭބެ އެއުޅެނީ މުޅި ދުވަހު މަސައްކަތް ކޮށްގެން ވެސް އެ ތިން ކުދިން ނުބެލިގެން ކަން އޭނާ ފާހަކަކުރި އެވެ. ދައްތައަށް ކިރިޔާވެސް ސަލާމަތެއް އެވަނީ ދެ ކުދިންގެ ކިޔެވުމުގެ ހަރަދުގައި އަޅުގަނޑުގެ ފިރިމީހާ ކޮންޑިބިއުޓް ކުރާތީ ކަމަށް އޭނާ ބުންޏެވެ.

 

”މިހާރު ވެސް ބައެއް ރައްޓެހިން ބުނާނެ ފެންނަ އިރަށް ކޮންއިރަކުހޭ ކުއްޖަކު ހޯދަނީ، ރަންކޮޅާ ދޫންޏާ ކުއްޖަކު ހޯދޭނީ ލިބޭ އާމްދަނީ ދަރިން ބެލުމުގެ ހަރަދަށް ބަޖެޓް ލިބިގެން، ފައިސާ ހުރެ ދިރިއުޅުމުގެ ހަރަދު ފޫބެއްދޭނަމަ، ވިހަން މިހުރީ ތައްޔާރަށް، ހަތަރު ކުދިން ހޯދަން ވެސް ބިރެއް ނެތް ދޯ، ނެތީ އެކަމަށް އިންވެސްޓް ކުރާނެ ލާރި“ ޒުވާން އަންހެން ކުއްޖަކު އޭނާގެ ފިރިމީހާއާއިއެކު އެއް ކޯލެއްގައި ހުރެ ވާހަކަ ފެށި އެވެ.

އޭނާ އިތުރަށް ބުނީ އެ ދެމަފިރިންނަކީ މަތީ ތައުލީމު ހާސިލްކޮށް ވަޒީފާތަކުގައި އުޅޭ މީހުން ކަމަށާއި އަދިވެސް އެކަކު ކިޔަވަން ނެގި ލޯނު ދައްކާ ހަލާސް ނުވާކަމަށެވެ. އަދި އުމުރުން ދޮށިކަމުން މީހެއްގެ އެހީ މިއަދު ބޭންނުންވެފައިވާ މަންމަ ވެސް މާލެގެނެސް ގެން ބަލަމުން ދާކަން ވެސް އެ ދެމަފިރިން ފާހަގަކުރި އެވެ.

 

މިހެން އުޅެނިކޮށް ދަރިއަކު ލިބި ވަޒީފާ ދޫކޮށްލަން ޖެހިއްޖެ ނަމަ ދަރާވިކުމުގެ ބިރު އެބައޮތްކަމަށް އެމީހުން ގަބޫލުކުރެ އެވެ. ދަރިއަކު ލިބި ވަޒީފާއަށް ދާން ބަލާއިރު ކުދިން ބެލުމުގެ ހަރަދު އިންތިހާއަށް ބޮޑު ކަމަށާއި ޑޭ ކެއާ ސެންޓަރު ތަކުގެ އަގުތަށް ވެސް ހުރީ އަތް ނުފޯރާ ހިސާބުގައި ކަން އެދެމަފިރިން ފާހަކަ ކުރި އެވެ.

 

 

”ގިނަ ދަރިން ހޯދުމަށް ދިވެހިން ނުރުހުން – ރާއްޖޭގެ އާބާދީއަށް އަންނަމުންދާ ބަދަލު“ ގެ އެކަށީގެންވާ އިލްމީ ދިރާސާއެއް ނެތުމުން ރަށު ތެރެއިން އިވެނީ މަސްހުނި ސިޔާސީ ހިޔާލުތަކެކެވެ. މިކަމަކީ އެކަށީގެންވާ ދިރާސާއެއް ގެ މައްޗަށް ޖަވާބެއް ބޭނުން މުހިއްމު މައްސަލައެކެވެ.

 

ހަމަޔަގީނުންވެސް މިފަދަ ދިރާސާއެއް ރާއްޖޭގައި ކުރެވޭނަމަ ”ގިނަ ދަރިން ހޯދުމަށް ވެސް ނެތީ ލާރި ؛ އެހީ ބޭނުން..!“ މި އަޑު ގަދަވާނެ އެވެ. މީ ސީރިއަސްކޮށް ވިސްނަން ޖެހޭ މައްސަލައެކެވެ.

 

އާންމު ރައްޔިތުން ހިޔާލު ހޯދުމުގެ މައްޗަށް ބައެއް ގައުމުތަކުގައި ހަދާފައިވާ ދިރާސާތައް ދައްކާ ގޮތުން، ސަރުކާރުން ދޭ ތަފާތު އިނާޔަތްތަކުން އެކަނި، އާބާދީ އިތުރުނުވާ މައްސަލަ ހައްލެއް ނުވާނެ އެވެ. އެކަމަށް ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ، ކުދިން ހޯދުމަށް މީހުން ބޭނުންނުވުމެވެ. އަލަށް ކައިވެނިކުރާ ގިނަ މީހުންގެ ތެރޭގައި ވެސް، ދަރިން ހޯދުމުގެ ފޯރި ނުވަތަ ޝައުގުވެރިކަން ހުރި ނިސްބަތް ވަރަށް ދަށެވެ. ގިނަ މީހުންގެ ވިސްނުން ހުންނަނީ، ކާވެނިކުރި ކަމުގައި ވިޔަސް ދަރިން ހޯދައި ބަލައި ބޮޑުކުރުމުގެ ”ބުރަ“ އާއި ދުރަށް ދިއުމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!