ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި ރާއްޖޭގެ ފުރަތަމަ ޑިފެންސް މިނިސްޓަރު އަދި ކިލެގެ ކަމަށް ކޮލި ލައްވާފައިވާ ބޭފުޅުންގެ ތެރެއިން އެންމެ ފަހަށް ދުނިޔޭގައި ހުންނެވި އަބްދުލްހަންނާނު ދޮށިމޭނާ ކިލެގެފާނު މިއަދު އަވަހާރަވެއްޖެ އެވެ.
ހ. ގަލޮޅުގޭ އަބްދުލްހަންނާނު އަވަހާރަވީ އުމުރުފުޅުން 87 އަހަރުގައި މާލޭގަ އެވެ. އެ ކިލެގެފާނު އަވަހާރަވުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ކިލެގެފާނުގެ އާއިލާއަށް ތައުޒިޔާ ދަންނަވައިފަ އެވެ.
އަބްދުލްހަންނާނު ކިލެގެފާނަކީ ރައީސް ނާސިރުގެ ސަރުކާރުގެ ފުރަތަމަ 10 އަހަރު އޭރުގެ ޕަބްލިކް ސޭފްޓީ މިނިސްޓަރު (މިހާރުގެ ޑިފެންސް މިނިސްޓަރުގެ މަގާމު) އަދާކުރެއްވި ބޭފުޅެކެވެ. އަދި އެ ކިލެގެފާނު ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ވެސް އަދާ ކުރައްވައިފަ އެވެ.
އަބްދުލްހަންނާނަކީ އޭރު ދައުލަތުން ދެއްވާ ކިލެގެކަމުގެ ދަރަޖަ ލިބިވަޑައިގެން, ކިލެގެ ކަމަށް ކޮލި ލައްވާފައިވާ ބޭފުޅުންގެ ތެރެއިން އެންމެ ފަހަށް ދުނިޔޭގައި ހުންނެވި ބޭފުޅާ އެވެ. އެ ކިލެގެފާނަށް ކޮލީގެ ދަރަޖަ ދެއްވައި, ދޮށިމޭނާ ކަމަށް ކޮލިލެއްވީ 1975 ވަނަ އަހަރު އެވެ.
އަބްދުލްހަންނާނާ އެކު އެންމެ ފަހުން ދައުލަތުން ކިލެގެކަމުގެ ދަރަޖަ ދެއްވައި, ކޮލިލެއްވީ އަބްދުއްސައްތާރު މޫސާ ދީދީ އާއި އަހުމަދު ހިލްމީއަށެވެ. އެ ދެ ބޭފުޅުން ވެސް ކުރިން ވަނީ އަވަހާރަވެފަ އެވެ. ކިލެގެކަމުގެ ކޮލި ލެއްވުމަކީ އޭރު ދައުލަތުން ދެއްވާ އެންމެ މަތީ އެއް ދަރަޖަ އެވެ.
ރަސްކަމުގެ ޒަމާނުގައި ކޮލިލައްވާފައިވާ ތިއްބަވާ ކިލެގެފާނުންނަކީ ހަ ބަޔަކަށް ބެހިފައިވާ ރަސްގެފާނުގެ ހަވަރު ލަޝްކަރުގެ ވެރިންނެވެ. އެއިން ކޮންމެ ވަރެއްގެ އިސް ބޭކަލަކީ ކޮލިލައްވާފައިވާ ހުންނަވާ ބޭކަލެކެވެ. އޭގެ ތެރެއިން އަބަދުވެސް އިސްކޮށް ހުންނަވަނީ ދޮށިމޭނާ ކިލެގެފާނެވެ.